އަމިއްލަ އިންޝުއަރެންސް ނުލިބޭ ހުރިހާ ހާލަތެއްގައި އާސަންދައިގެ ކަވަރޭޖް ލިބޭނެ: އެންސްޕާ
އަމިއްލަ އިންޝުއަރެންސް ޕޮލިސީއިން ކަވަރޭޖް ނުލިބި، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި، އާސަންދައިގެ ކަަވަރޭޖް ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
"އާސަންދަ ސްކީމް" ގެ ރިފޯމް މަސައްކަތްތަކުގެ ތެރެއިން "އައުޓް-ޕޭޝަންޓް" ގެ ހިދުމަތްތަކަށް ބިލް ކުރުމުގައި ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދިނުމާ ގުޅޭގޮތުން އެ އެޖެންސީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ އާސަންދަ ސްކީމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެ ނިޒާމަށް ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހޯދާ ހިދުމަތްތަކަށް ބިލު ކުރުމުގައި ޕްރައިވެޓް އިންޝުއަރެންސްއަށް އިސްކަންދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަން ކުރިއަށް ދަނީ ރައްޔިތުންނަށް ލުއިފަސޭހަ އަދި ދެފުށްފެންނަ އުސޫލަކުންކަން ކަށަވަރުކުރުމުގެ ގޮތުން ފިޔަވަޅު ތަންފީޒުކުރަން ހަމަޖެހިފައި ވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން "އައުޓް-ޕޭޝަންޓް" އަދި "އިން-ޕޭޝަންޓް" ގެ ހިދުމަތްތައް ވަކިން ކަމަށެވެ.
މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރު އަދި އަމިއްލަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން "އައުޓް-ޕޭޝަންޓް" ގެ ހިދުމަތްތައް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތެއް ނަމަ، ފުރަތަމަ ބިލު ކުރާނީ އެ އިންޝުއަރެންސަށް ކަމަށެވެ.
އެހެންނަމަވެސް އެ ފަރާތްތަކުގެ ޕެކޭޖްތަކުގެ ލިމިޓް ހަމަވުމުން ނުވަތަ އެ އިންޝުއަރެންސުން އެ ހިދުމަތެއް ކަަވަރު ނުކުރާ ނަމަ، އެފަރާތަކަށް އާސަންދައިން އެ ހިދުމަތަކަށް ކަވަރޭޖް ލިބޭނެ ކަމަށެވެ.
އެ އިއުލާނާ ހަވާލާދީ އެންސްޕާއިން ރޭ ނެރުނު އިއުލާނުގައި ބުނީ އެ އިއުލާނުގައި ބަޔާންކޮށްފައިވާ ފަދައިން އެއްވެސް ފަރާތަކަށް ޕްރައިވެޓް އިންޝުއަރެންސްގެ ނުވަތަ ހިދުމަތް ނުލިބޭ ހާލަތެއްގައި ނަމަ އެ ފަރާތަކަށް އާސަންދަ ސްކީމުން މިހާރު ވެސް ލިބެމުންދާ ގޮތަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ ކަމަށެވެ.
"އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޕޭމަންޓް ހުއްޓާލުމުގެ ސަބަބުން ކަމުގައި ވިޔަސް، އަމިއްލަ އިންޝުއަރެންސް ޕޮލިސީއިން ކަވަރޭޖް ނުލިބި، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި، އާސަންދައިގެ ކަަވަރޭޖް ކުރިއެކޭ އެއްގޮތަށް ލިބިގެންދާނެ އެވެ."
ކަމާ ގުޅުންހުރި އިތުރު މައުލޫމާތު ސާފުކުރަން އެދޭ ނަމަ އާސަންދަ ކުންފުނީގެ ހޮޓްލައިން 1400 އަށް ގުޅުމަށް އެންސްޕާއިން ވަނީ އެދިފަ އެވެ. ސައްހަ މައުލޫމާތު ސާފުކުރުމަށް އެދި އެ އެޖެންސީން ވަނީ މިފަދަ ދަނޑިވަޅެއްގައި، ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ފަރާތްތަކުން ދޮގު މައުލޫމާތު ހާމަކުރަމުންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.