ލައިފްސްޓައިލް

ފުރަބަންދުގައި އެންމެ އުފަލުން އުޅެވުނީ "ސިންގަލްކޮށް" ތިބި މީހުންނަށް: ދިރާސާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާ ކޮރޯނާ ވައިރަސް، ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ގިނަ ޤައުމުތައް ފުރަބަންދު ކުރިއެވެ. މިއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެޤައުމެއްގައި މިވައިރަސް ބޮޑަށް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެކެވެ.

Ads by STELCO

ފުރަބަންދުގެ ސަބަބުން ގިނަ މީހުން ތިބީ އެބައެއްގެ ޢާއިލާއާއެކު، ނުވަތަ ބައިވެރިޔާ އާއެކު އެއްތަނެއްގައި، ގެއިން ބޭރަށް ނުނިކުމެއެވެ. ބައެއް މީހުންނަށް އެކަން ވެފައިވީ ތަޙައްމަލު ކުރަން ފުދޭވަރަކަށް އުނދަގޫ ކަމަކަށެވެ.

ފަހުގެ ދިރާސާތަކަކުން ބުނެފައިވާ ގޮތުގައި، ފުރަބަންދުގެ ދުވަސްތަކުގައި އެންމެ އުފަލުން އުޅެވިފައިވަނީ ސިންގަލްކޮށް ތިބި މީހުންނަށެވެ.

އޮސްޓްރޭލިއާގެ ޑަނޫބީ ޔުނިވާސިޓީން ހެދި ސާވޭއެއްގައި ގާތްގަނޑަކަށް 1000 އެއްހާ މީހުންނާއި ވަނީ އެއް މަހުގެ ފުރަބަންދާއި ބެހޭގޮތުން ސުވާލު ކޮށްފައެވެ.

އެދިރާސާއިން ދެއްކި ގޮތުގައި ކައިވެނީގެ ގޮތުންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންނަށްވުރެ ސިންގަލްކޮށް ތިބި މީހުން، މިފުރަބަންދުގައި ތިބީ މާބޮޑަށް އުފަލުގައި އަދި ހަމަޖެހިގެންނެވެ. އެއާއިޚިލާފަށް، ގުޅުމެއްގައި އުޅޭ މީހުންނަށް ހާސްކަމާއި، ނަފްސާނީ ބަލިމަޑުކަމާއިވެސް ވަރަށް ބޮޑަށް މިދުވަސްވަރު ކުރިމަތިލާން ޖެހުންކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.

ސިންގަލް ނޫން މީހުންނަށް މިފަދަ ނުތަނަވަސްކަމާއި ކުރިމަތިލާން ޖެހުނީ ބައިވެރިޔާއާއެކު ގިނަ ވަގުތު ގޭގައި ހޭދަ ކުރަން ޖެހުމުން އުފެދެން ފެށި ޚިޔާލު ތަފާތުވުން ތަކާއި އެއާއި ގުޅިގެން އުފެދުނު މައްސަލަތަކުގެ ސަބަބުން ކަމަށް ވެސް އެދިރާސާއިން ދައްކާފައިވެއެވެ.

މިފަދަ ދިރާސާއެއް އިންޑިއާ ގައި ވެސް ވަނީ ކޮށްފައެވެ. އެދިރާސާއިން ދެއްކި ގޮތުގައި ކައިވެނި ކޮށްގެން އުޅޭ 40 އިންސައްތަ އެއްހާ މީހުންނަށް ވަނީ މިފުރަބަންދުގެ ދުވަސްވަރުގައި ހާސްކަމާއި ކުރިމަތިލާން ޖެހިފައެވެ. ސައިކޮލޮޖިކަލް ޓޫލް ތަކެއް ބޭނުން ކޮށްގެން ހެދި މިދިރާސާއިން ދެއްކި ގޮތުގައި، ފުރަބަންދުގައި އިންޑިއާއިން އެންމެ ބޮޑަށް ހާސްކަމާއި ކުރިމަތިވީ ކައިވެނި ކޮށްގެން އުޅޭ ފިރިހެނުންނަށެވެ.

މަސްދަރު: ޑެއިލީމެއިލް

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!