އެވޯޑު މައްސަލައިގައި ތަހުގީގަށް އެމްއެމްސީއަށް އޭސީސީން ވަދެއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިފަހުން ބޭއްވި ޖާނަޒިލަމް އެވޯޑުގެ އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު "އަދަދު" އޮންލައިން އަށް ދިނީ އުސޫލުން ބޭރުން ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން އެ އިދާރާއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެއްޖެ އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެމްއެމްސީ ޖާނަލިޒަމް އެވޯޑްސް ހަފުލާގައި، އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު ދީފައި ވަނީ "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީ އަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ ސްކީލާން، އެމަނިކުފާނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ ޑޮކިއުމެންޓްރީ އެކެވެ.
"ސްކީލާން" ޑޮކިއުމެންޓްރީ ނެރެފައި ވަނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރަމުންދިޔަ ދުވަސްވަރު އެވެ. އެ ތުހުމަތުތައް ރައީސްގެ ފަރާތުން އޭރު ވަނީ ދޮގުކުރައްވާފަ އެވެ. ވިދާޅުވެފައިވާ ގޮތުގައި އޭގައި ހިމެނެނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމުގަ އެވެ.
އެވޯޑުތަކަށް އިންސާފުކުރި ފަނޑިޔާރުން ފަހުން ވިދާޅުވެފައި ވަނީ އެވޯޑު ހަވާލުކުރެވިފައި ވަނީ އުސޫލުތަކާއި މަގުސަދުތަކާ ހިލާފަށް ކަމަށެވެ. އެކަން ފާހަގަކޮށް ނެރުނު ބަޔާނުގައި ހަތް ކަމެއް ވަނީ ފާހަގަކޮށްފަ އެވެ.
"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަމާ ގުޅިގެން ބޭނުންވާ މައުލޫމާތު ހޯދުމަށް އޭސީސީގެ ޓީމަކުން އެމްއެމްސީގެ އޮފީހުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ތަހުގީގީ އޮފިސަރުންގެ ޓީމެއް އެ އޮފީހަށް ވަދެފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެވޯޑު ދިން ކަމަށް ބުނެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގަ އެވެ.
ނޫސްވެރިކަމުގެ އިނާމު ހަފުލާ އާ ގުޅިގެން އެ ކައުންސިލަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެމްއެމްސީން މިދިޔަ ހޮނިހިރު ދުވަހު ކުއްލި ޖަލްސާއެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ އިނާމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން މައުލޫމާތު ހޯދައި، ކަމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއި މައްސަލަތަކާ ގުޅޭ ރިޕޯޓެއް ނެރެން ފާސްކޮށްފައިވެ އެވެ. އަދި ތަހުގީގީ ދާއިރާގެ ކެޓަގަރީއިން "ސްކީލާން" އަށް ދިން އެވޯޑާ މެދު ގޮތެއް ނިންމުމަށް ވެސް ފާސްކުރި އެވެ.