ރިޕޯޓް

‎މީސްމީޑިއާގެ އެކި މަންސަ ތަކުގައި ހަނގާކުރުން: ފަރުވާއެއް ނުލިބިފައިވާ އިޖްތިމާޢީ މައްސަލައެއް

މަނާލް ޒާހިދު ފަހުމީ ، ދެން އޮންލައިން

ޒަމާނުއްސުރެ ދިވެހިންނަކީ އެއްބައިވަންތަކަމުގެ ފުރިހަމަ ނަމޫނާއެއް މުޅި ދުނިޔެއަށް ދައްކަމުން ދިޔަ ބަޔެކެވެ. ކޮންމެ ކަމެއްގައި ވެސް އެކަކު އަނެކަކަށް އެހީތެރިވެ، މަދަދުވެރިވި ބަޔެކެވެ. ނަމަވެސް، މިއަދުގެ މުޖުތަމަޢުން ދިވެހިންގެ އެއްބައިވަންތަކަން ފެނިގެން ދަނީ މުޅިން އެހެން ގޮތަކަށެވެ.

Ads by STELCO

އާދޭހެވެ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ދައްކާފައިވާ ނަމޫނާތައް މަތިން މިއަދު އަޅުގަނޑުމެން ހަނދާން ނެތިއްޖެއެވެ. މީހުން ކުރާ ކަންކަމަށް ފާޑުކިޔައި، އެ މީހަކު ދެރަ ކޮށްލުމަކީ ދިވެހިންގެ އާދައަކަށް ވެއްޖެއެވެ. މީހަކު ޚިޔާލެއް ފާޅު ކޮށްފިނަމަ އެއަށް ހަޖޫ ޖަހައި އެ މީހަކު ލަދު ގަންނުވާލުން އާދަ އަކަށް ހަދައިފިއެވެ. މިހުރިހާ ކަމެއް އެންމެ ފުޅާ ދާއިރާއެއްގައި ފެނިގެން ދަނީ މީސްމީޑިއާ ތެރެއިންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، މީސްމީޑިއާގެ އެކި މަންސަ ތަކުގައި، ދިވެހިން ދަނީ ‘އެއްބައިވަންތަކަމާއެކު’ އެހެން މީހުންނަށް ހަނގާ ކުރަމުންނެވެ.

މީސް މީޑިއާ ބޭނުންކޮށް ހަނގާކޮށް ހަދާ މީހުންގެ ތެރެއިން ގިނަ ބަޔަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ހަނގާކުރުމުގެ ގެ ޝިކާރައަށް ވެފައިވާ މީހުންނެވެ. ނުވަތަ މީހަކު ހަނގާކޮށް، ލަދު ގަންނަވާލާފައިވާ މަންޒަރު ދެކެފައިވާ މީހުންނެވެ. އެހެން ނަމަވެސް، މިކަން އާންމު ވެފައި ވާ މިންވަރުން ގިނަ ފަހަރަށް އެކަމަކީ ކިހާވަރެއްގެ ކަމެއް ކަމާމެދު ވެސް އަޅުގަނޑުމެންނަށް ވިސްނާ ވެސް ނުލެވެއެވެ. މިއަދު އަޅުގަނޑުމެންނަށް އެއީ "ނޯމަލް" ކަމެކެވެ.

މީސްމީޑިއާގައި މިދުވަސްކޮޅު އެންމެ ބޮޑަށް ވައިގައި ހިފާފައިވާ އެއް އެޕްލިކޭޝަނަކީ ޓިކްޓޮކެވެ. ވަރަށް ގިނަ މީހުން އެމީހުންގެ އަގު ހުރިވަގުތު ހޭދަކުރަނީ ޓިކްޓޮކް ކުޅުމުގައެވެ. ނުވަތަ ބެލުމުގައެވެ. އެހެނަސް، އަޅުގަނޑުމެންނަށް ފެނިގެންދާ މަންޒަރަކީ ޓިކްޓޮކް ކުޅޭ މީހުންނަށް ހިތްވަރު ދިނުމުގެ ބަދަލުގައި، ބެލުންތެރިން ޓިކްޓޮކް ކުޅޭ މީހުންނަށް މަލާމާތާއި ފުރައްސާރަކުރާ ތަނެވެ. މިފަދަ ކަންކަން ހުއްޓުވަން އުޅޭނީ އަތުން ގުނާލެވޭހާ މަދު ބަޔެކެވެ. އެހެނަސް، މިކަން ހުއްޓުވަން އުޅޭ މީހަކު ވެސް ވަނީ ހަނގާގެ ޝިކާރައަކަށެވެ.

ދަންނަވަންތޯއެވެ؟ ތިބާގެ އެކުވެރިޔަކު ހިތާމަވެރި ސްޓޭޓަސް އެއް ލިޔުމުން، ނުވަތަ އެފަދަ އެއްޗެއް ޝެއާރ ކުރުމުން، އެކަމަށް ޖޯކު ޖަހާ ހެދުމުން ތިބާ އަށް ނޭނގުނު ކަމުގައި ވިޔަސް ތިކުރެވެނީ ހަނގާއެވެ. އެފަދަ ކަމެއް ކުރާނީ ޔަޤީނުން ވެސް އެކުވެރިޔާ ދެރަ ކުރުމުގެ ނިޔަތުގައެއް ނޫނެވެ. އެހެނަސް، އެކަމުން އެކުވެރިޔާގެ ހިތުގައި ޖެހި، ދެރަވުމަކީ މާކަ ދުރުގައިވާ ކަމެއްނޫނެވެ.

ދާދި ފަހުން ފެނިގެން ދިޔަ މަންޒަރެކެވެ. ކުއްޖަކު, އާއްމުކޮށް ކައި އުޅޭ އެއްޗެއް ނުބައި ކަމަށް ބުނެ މީސް މީޑިއާގައި ލިޔުނު އެއްޗެއްގެ ސަބަބުން އެ ކުއްޖާ މުޅިން ފަޟީހަތް ކޮށްލިތަނެވެ. ބޭއަދަބީ ބަހުން އެ ކުއްޖާ އާއި މުޚާތަބު ކޮށް ވަރަށް ގިނަ ވާހަކަތައް ލިޔެވިފައި ހުރި އެވެ. އެކަމުންވެސް މީހުންނަށް ހަޖޫ ޖަހާ ހަނގާކުރުމުގައި ދިވެހިންގެ އެއްބައިވަންތަކަން ފެނިގެން ދިޔަ ކަމަށް ވެސް އެއް ބަޔަކު ބުންޏެވެ. ނަމަވެސް، ހަޤީޤަތުގައި  ދިވެހީންގެ އެއްބައިވަންތަކަން ދައްކުވައިދޭން ޖެހެނީ އެ ކުއްޖާ އެ މަލާމާތުން ސަލާމަތް ކުރުމުގައެވެ.

އަޅުގަނޑުގެ ހިތަށް އަރައެެވެ. މީސްމީޑިއާ ތެރޭގައި ހަނގާ ކޮށް އުޅޭ މީހުންނަށް މީހަކު ދަށް ކޮށްލުމުން އެ މީހުންނަށް ކުރި އެރުމެއް ލިބޭ ކަމަށް ހީކުރަނީ ބާވައެވެ. ނުވަތަ އެހެން މީހުންގެ ކުރިމަތީގައި އެއީ ގަދަ މީހަކަށް ވަނީ ކަމަށް ހީކުރަނީ ބާވައެެވެ. ނިކަން ވިސްނާލަ ބަލާށެވެ. އެހެން މީހަކަށް ދެރައެއް ލިބުމުން ތިމާ އަށް އޮތީ ކޮން ފައިދާ އެއް ހެއްޔެވެ؟ ހަމަ ޔަޤީނުން ވެސް، މީހުންނަށް މަލާމާތް ކޮށް ފުރައްސާރަ ކުުރުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން މީހަކަށް މަލާމާތްކޮށް ފުރައްސާރަ ކުރުމުގެ ކުރިން ތިމާ އަށް މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަމާމެދު ވިސްނާލުން ވަރަށް މުހިންމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!