ސައިބާ ކްރައިމް ހުއްޓުވަން އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ބޮޑުވެއްޖެ: ސީޕީ
ސައިބާ ކްރައިމްގެ ކުށްތައް ފުޅާވަމުންދާ ދިއުން ހުއްޓުމަކަށް ގެނައުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ބޮޑުވެއްޖެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވެއްޖެ އެވެ.
ސުޖާއު މިފަދައިން ވިދާޅުވީ، 'ސައިބާ އެކްސްޕޯ 2024' ވެބްސައިޓް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެ އެކްސްޕޯ އަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުން އަންނަ ދުނިޔޭގައި، މި އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާއި، ކަމުވޮށިގެންވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަށް ލިބުނު އާ ހިތްވަރަކަށް ވެގެންދާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ، "މިއަދު ހުރިހާ މަސައްކަތްތަކެއް ވެސް ޑިޖިޓަލްކޮށް ކުރެވެމުންދާއިރު، މުޖުތަމައުގައި ދިރިއުޅޭ ފަރުދުން ސައިބާ ކްރައިމްގެ ޝިކާރައަކަށްވާ ހިނދު، ފޫނުބެއްދޭ ވަރުގެ އަގު ބޮޑެތި ގެއްލުން ލިބި ޑޭޓާތައް ގެއްލޭ،" ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ދިރިއުޅުމުގައި ތަކުލީފުތައް އުފަލަންޖެހޭ ފަހަރު ވެސް އަންނަކަން ފާހަގަކުރައްވާ ސުޖާއު ވިދާޅުވީ، މިކަން ހުއްޓުވުމަށް، އެންމެން އެކުގައި މަސައްކަތްކުރުމާއި، ގުޅިގެން މަސައްކަތްކުރުމަށް މިހާރު މުހިންމު ވެފައިވާ ކަމަށެވެ. އެގޮތުން އަމިއްލަ ކުންފުނިތަކާއި، ސަރުކާރުގެ އިދާރާތަކާއި، ތައުލީމާއި ތަރުބިއްޔަތުދޭ ތަންތަނުގެ މެދުގައި ގުޅުން ބަދަހިކުރުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، މައުލޫމާތު ހިއްސާކުރުމަށް ނިޒާމުތައް ކަނޑައަޅާ، ސައިބާ ކްރައިމްގެ ނުރައްކާތަކާ، ޑިޖިޓަލް ސެކިއުރިޓީގެ ވަލްނަރަބިލިޓީސްތައް ދެނެގަނެ، މިކަންކަން ހައްލުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
ސިޕީ ވިދާޅުވީ ރައްކާތެރި ވެއްޓެއް ގާއިމުކުރުމަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ފަރާތްތައް އެކުގައި މަސައްކަތްކޮށް، ބެސްޓް ޕްރެކްޓިކްސްތަކާ ޕޮލިސީސްތައް ތައްޔާރުކޮށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމަށް ލަނޑުދަނޑި ކަނޑައެޅުން މުހިންމު ކަމަށެވެ.
އެހެންކަމުން މިއަދު އަމާޒަކަށްވާންވީ، ސައިބާ ސެކިއުރިޓީގެ ފަންނުވެރިން މަދުއިރު، މިދާއިރާއަށް އާ ފަންނުވެރިން ތައާރަފުކޮށް ހިތްޖެއްސުން ކަމަށާއި، މިފަދަ ކަންކަމާއި ގުޅިގެން ރައްޔިތުން އަހުލުވެރިކުރުން ކަމަށް ސުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތުއްތު ތުއްތު ޅަދަރީންނާއި އިސްރަށްވެހީން ސައިބާ ކްރައިމް އިން ރައްކާތެރިކުރުން. އެގޮތުން ސައިބާ ކްރައިމްގެ ގާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުން. މިކަމުގެ ސަބަބުން އިންޓަނޭނަޝަލް ބެސްޓް ޕްރެކްޓިކްސްތަކާއި ގާނޫނުތަކަށް ލޯ ހުޅުވި، ދިވެހިރާއްޖޭގެ ގާނޫނުތަކަށް އެކަށޭނަ ބަދަލުތައް ގެންނަން ފަސޭހަވެގެންދާނެ،" ސީޕީ ސުޖާއު ވިދާޅުވި އެވެ.
ސައިބާ އެކްސްޕޯ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ސައިބާ ސެކިއުރިޓީއަށް ބޭނުންކުރެވޭ ގެޖެޓްސްތަކާއި ސާވިސްތައް އެއްތަނަކުން ބަލާލެވޭނެ އަދި އާއްމުކޮށް ކުރިމަތިވާ ސައިބާ އެޓޭކްތަކުގެ މައުލޫމާތު އެއްތަނަކުން ބަލާލެވޭނެ ފުރުސަތަކަށް ވެގެންދާނެ އެވެ.