ރަހީނުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން ހިނގި ދެބަސްވުމެއްގައި: ފުލުހުން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުގެ ފްލެޓެއްގައި މީހަކު ރަހީނުކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި އެ ވިޔަފާރީގެ ތެރެއިން ހިނގި ދެބަސްވުމެއްގެ ތެރެއިން ކަމުގައި ތަހުގީގަށް އެނގިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައިގެ ތަފްސީލް ހިއްސާކޮށް ފުލުހުން ބުނީ ތަހުގީގަށް މިހާރު އެނގިފައިވާ ގޮތުން ރަހީނުކުރި މީހުންނާއި ވިކްޓިމްއާއި ގުޅުން އޮންނަކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ އެއީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން ހިނގި ދެބަސްވުމެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތު ހިއްސާކުރައްވަމުން، ސީރިއަސް އެންޑް ހައި އިމްޕެކްޓް ކްރައިމް ޔުނިޓްގެ ހެޑް އިންސްޕެކްޓާ އަލީ އިސްމާއިލް ވިދާޅުވީ، އޭނާ އެތަނަށް ގެންގޮސްފައިވަނީ ފައިސާގެ މައްސަލައެއްގައި ބިރުދައްކައިގެން ކަމަށެވެ.
އަދި އޭނާ އެތަނަށް ގެންދިއުމަށްފަހު އިންޒާރުދީ، ފޯނު އަތުލައި، ބޮލާއި ތުނބުޅި އަދި މަތިމަސް ބާލަފައިވާކަން ފާހަގަ ކުރެއްވި އެވެ.
ފުލުހުން ބުނީ، އެ އެޕާޓްމެންޓަކީ މަސްތުވާތަކެތީގެ މުއާމަލާތައް ހިންގަމުންދާ ތަނެއް ކަމަށެވެ. އަދި ސީންގައި ވެސް މަސްތުވާތަކެތި ބޭނުންކޮށްފައި ހުރިކަމަށް ފުލުހުން ބުނެފައިވެ އެވެ.
"މިހާތަނަށް ބެލި ބެލުމުން މި އެޕާޓްމެންޓަކީ މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަނެއްކަން ފާހަގަކުރެވިފައި ވޭ. މީގެކުރިން ވެސް ފުލުހުން ބަލާ ފާސްކޮށްފަ ހުރި ތަނެއް މި ތަނަކީ،" އަލީ ވިދާޅުވި އެވެ.
އިތުރަށް އޭނާ ވިދާޅުވީ، ކޮޓަރިންނާއި ސިޓިންގް ރޫމްގެ ތެރެއިން ބަނގުރަލާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި 16،700 ރުފިޔާ އާއި ބިރުދައްކައިގެން އަތުލާފައިވާ ވިކްޓިމްގެ ފޯނު ވެސް އެތަނުން ފެނުނެވެ.
މީގެއިތުރުން، ކިވީ ބްރޭންޑްގެ ވަޅި އަކާއި ކަޓަރު ތިލައެއް އަދި ކަތުރާއި ޓްރިމަރު އެޕާޓްމެންޓްއިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުން ބުނީ، މިހާތަނަށް ބެލި ބެލުމުން މި އެޕާޓްމެންޓުގެ ވެރިފަރާތަކީ، ލ. މާވަށަށް ނިސްބަތްވާ އާދަމް ހުސެއިން، 48 އަހަރު ކަން އެނގިފައިވާ ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުއިރު، މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެފައިވާ ކަމަށް ބުނެފައި ވެ އެވެ.
މި މައްސަލައިގައި ޖުމުލަ 12 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. އަދި އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވިގެން، ޔޫރިން ޓެސްޓް ކުރަން ބުނުމުން އެކަމަށް ހުއްދަ ދީފައިވަނީ އެންމެ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މިކަން ހިނގާފައިވަނީ އެޗް-9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓްގަ އެވެ. އަދި ފުލުހުން ސީންއަށް ދިޔައިރު، އެތަނުގައި ތިބި މީހުން ވަނީ ރަހީނުކޮށްފައިވާ މީހާގެ އިނގިލިތައް ބުރިކުރާނެ ކަމުގެ އިންޒާރު ދީފައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ގޭންގް ތަކާއި ގޭންގް ތަކުގައި އުޅޭ މީހުން އެނގޭއިރު އެގޭންގް ތައް ހުއްޓުވޭވަރުގެ ވެރިޔެއް މިގައުމަށް ބޭނުންވޭ.ކޮންމެ ބަޔަކު ވެރިކަމަށް އައިސްފަ ހަދާ ގޮތަކީ އެމީހުން ލައްވާ ވެރިކަން ދަމަހައްޓަން އުޅެނީ..ޞާލިހުގެ ސަރުކާރުގައި ވެސް ހެދީ އެހެން..ޔާމީނުއާއި އަދީބު އާއި ފާތުމަ ވެސް ހެދީ އެހެން..ޞާލިހު ސަރުކާރުގައި ޔޫތު މިނިސްޓަރު ބުނީ އެކުދިންނާ ވާހަކަ ދައްކައިގެން އެގޭންގް ތައް ހަމަޖައްސާނީއޭ..ފާތުމައާއި އަދީބުއާ ޔާމީނާ ބުނީ އެކުދިން ރުޅި އަރުވާލައިފިއްޔާ ވަރަށް ގޯސް ވާނެއޭ..ފައިގައި ޓެގް ނައަޅުވާށޭ…އޭރުގެ ހޯމް މިނިސްޓަރު ޢުމަރު އެއަޑު ނާހާ ފާތުމަގެ ގޭންގް ކުދިންގެ ފައިގައި ޓެގް އަޅުވަން ފެށީމާ ހޯމް މިނިސްޓަރުގެ ބާރުތައް އަތުލީ. މިއީ ޙަޤީޤަތް.