ކާރެއްގައި ރަހީނުކުރި މައްސަލަ: އާއިލާއިން ފުލުހުންނަށް ކުރާ ތުހުމަތު ބަލަން ފަށައިފި

ހުޅުމާލޭގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރި މީހުންގެ އާއިލާތަކުން ފުލުހުންނަށް ކުރާ ތުހުމަތުތަކެއް އެ އިދާރާއިން ބަލަން ފަށައިފި އެވެ.
ހުޅުމާލެ، އޯކިޑުމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރެހެނަކު ރަހީނުކުރި މައްސަލައެއް އެ އިދާރާއަށް ހުށަހެޅުނުކަން ފުލުހުން ހާމަކުރީ އަންގާރަ ދުވަހުގެ މެންދުރުފަހު އެވެ. މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭ އެ މީހާ ރަހީނުކޮށް، ހިފަހައްޓައި އަނިޔާކޮށް, ބިރު ދައްކާ އަދި އޭނާގެ އާއިލާ މީހުންނަށް ގުޅައި ފައިސާ ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މައްސަލައާ ގުޅިގެން އުމުރުން 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ފުލުހުން ވަނަވަރު ހާމަކުރި އެވެ. އެއީ މާލެ ދަފްތަރު ނަމްބަރު ރސ 9022, ތޮލާލު މޫސާ އެވެ. އެ ރޭ ފުލުހުން ވަނީ މައްސަލައިގެ ސީނުން އިތުރު 4 މީހަކު ހައްޔަރުކުރިކަން ހާމަކޮށް އެމީހުންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.
އެއީ:
- ހދ. ކުމުންދޫ، ރަތްބަގީޗާގޭ، ހުސާމް އިބްރާހީމް (34އ)
- ހދ. ކުމުންދޫ، ރަތްބަގީޗާގޭ، އާދަމް ޝަރީފް (36އ)
- ގ. ކަޅަގާރިމާގެ، ހުސެއިން ހައިކަލް ނިޔާޒު (23އ)
- ހުޅުމާލެ ފްލެޓް ނަންބަރު 04-1-71, އަހްމަދު ރިޝްފާން (26އ)
މައްސަލައިގައި ހިމެނޭ މީހުންގެ އާއިލާތަކުގެ ތުހުމަތުތަކެއް ފުލުހުންނަށް
މީހަކު ރަހީނުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނާ މެދު އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އެ މީހުންގެ އާއިލާތަކުން ފުލުހުންނަށް ގިނަ ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ. ސޯޝަލް މީޑިއާގައި ހައްޔަރުކުރި މީހުންގެ އާއިލާ މީހަކު ކުރި ޕޯސްޓެއްގައި ބުނީ މީހަކު ރަހީނުކުރި ކަމަށް ބުނެ ފުލުހުން ކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ. އެތަނުން ދެ މީހުންނަކީ ދިރިއުޅެމުން އައި އެޕާޓްމަންޓުން ނިކުންނަން ޖެހިފައިވުމުން އުޅޭނެ ތަނެއް ކުއްޔަށް ހޯދަމުން ދިޔަ ބައެއް ކަމަށެވެ. އެކަމުގެ ތެރެއިން އެ މީހުން ދަންނަ މީހެއް މެދުވެރިކޮށް އޭނާގެ އެކުވެރިއެއްގެ އެޕާޓްމެންޓެއް ކުއްޔަށް ނަގަން އެޑްވާންސަށްވާ 24،000 ރުފިޔާ ދެއްކުމުން އެޕާޓްމެންޓު ނުދީ ހިފެހެއްޓި ކަމަށެވެ. ދިހަ ދުވަސް އެގޮތުގައި ހޭދަވުމުން އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް އެދުމުން 11 ވަނައަށް ވީ ދުވަހުގެ ރޭ ފައިސާ ބަލާ ދިއުމަށް އެޕާޓްމަންޓް ކުއްޔަށް ދޫކުރުމުގައި ޝާމިލުވި މީހަކު އެދުނު ކަމަށެވެ. އާއިލާގެ ފަރާތުން ޒާކި ތުއްތަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތަނަށް ޝަރީފާއި ހުސާމް އަދި ތޮލާލު އެޑްވާންސަށް ދިން ފައިސާ ބަލައި ދިއުމުން ފުލުހުން އެ ސަރަހައްދަށް ގެންގޮސް އެ 3 މީހުން ހައްޔަރުކުރި ކަމަށެވެ. ފުލުހުން އެ މީހުން ހައްޔަރުކުރީ ރޭވުމެއްގެ ތެރެއިން ކަމަށް ފޭސްބުކްގައި ލިޔުނު ޕޯސްޓުގައި ބުންޏެވެ. މައްސަލައާ ގުޅިގެން ދެން ހައްޔަރުކުރި ދެ މީހުންނަކީ އެ ތިން މީހުންނާ އެެއްވެސް ގުޅުމެއް ހުރި ބައެއް ނޫން ކަަމަށެވެ. https://twitter.com/SSaudyy/status/1857355251898093673"މީހަކު ރަހީނުކުރިއޭ ކިޔާފައި ދިން ދޮގު މައުލޫމާތެއްގެ ސަބަބުން ޕޮލިހުން މި މީހުން ކޯޓަށް ވެއްދުމުގެ ކުރިން ހުރިހާ މީޑިއާއަކަށް ހަބަރު ދީފައި މުޅިން ދޮގު ހަބަރެއް ފަތުރާ ކުށެއް ނެތް ބައެއްގެ އަބުރު ނަގާލައިފި،" ޒާކި ތުއްތަ ބުނެފައިވެ އެވެ.މައްސަލައިގައި ޝާމިލުވާ ކަމަށް ތުހުމަތުކުރި މީހުން ހައްޔަރުކުރީ އެއްވެސް ސުވާލެއް ކުރުމެއް ނެތި ކަމަށް ޕޯސްޓުގައި ބުންޏެވެ. އަދި އެ މީހުންނަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް އާއިލާއިން ބުނެފައި ވަނީ އެ މީހުންގެ ބަޔާން ވެސް ފުލުުހުން ނަގާފައި ނުވާ ކަމަށެވެ. ފުލުހުންނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އިތުރު ތަފުސީލު ހޯދުމަށް "ދެން" އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރުކުރި މީހުންގެ އާއިލާތަކުން ކޮށްފައިވާ ތުހުމަތުތަކުގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.






ކޮމެންޓް