މީހުން ލައިފްސްޓައިލް

ފުޓްސަލް ކިންގް ރަށަށް ހޯދައިދޭ ފަހުރު ދެން ހޯދާނީ ގައުމަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ލ. އަތޮޅަށް އުފަން ހުސައިން ޝަރީފު، މަޝްހޫރު ނަމުން ނަމަ އޮންލީ ސްކޫލުގައި އުޅުނު ދުވަސްވަރުން ފެށިގެންވެސް ފުޓުބޯޅައަށް ޝައުގުވެރިކަން ހުރެ އެވެ. ރަށުގައި ފުޓްސަލް އަކީ އޭރު މާ އާންމު ކުޅިވަރެއް ނޫނެވެ. އެހެންވެ ރަހުމަތްތެރިންނާއެކު ނިކުމެ ކުޅެނީ ފުޓުބޯޅަ އެވެ. ސްކޫލު ނިންމާފައި ރައްޓެއްސެއްގެ އެދުމުގެ މަތިން މާލެ އައީ ފުޓްސަލް ކުޅެން އުފެދުނު ޝައުގުވެރިކަމެއްގެ ތެރެއިންނެވެ.

Ads by STELCO

ފުރަތަމަ މާލެ އައިސް ހުރީ ފުޓުބޯޅަ ކުޅުންތެރިން ބަހައްޓާ އެކޮމޮޑޭޝަން ބްލޮކެއްގަ އެވެ. އެހެންވެ ފުޓުބޯޅަވެސް ކުޅެން އޮންލީ އުޅުނެވެ. އެކަމަކު އޭރުވެސް ފުޓުބޯޅައަށް މާބޮޑު ޝައުގުވެރިކަމެއް އޮންލީގެ ނުހުރެ އެވެ. ފުޓްސަލް މުބާރާތެއް މުޅިން އަލަށްވެސް ކުޅުނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އިތުރު އެއް މުބާރާތެއް ކުޅެވުމާއިއެކު މިއީ އޮންލީ ކުރިއަށްދާން ބޭނުންވާ ދާއިރާކަމަށް އޭނާ ނިންމި އެވެ.

އޮންލީ އަބަދުވެސް ޝައުގުވެރިވީ ފުޓުބޯޅައަށްވުރެއް ފުޓްސަލް ކުޅެން

ދެން އޮންލީ ބަދަލުވީ ރަހުމަތްތެރިއެއްގެ ގެއަށެވެ. އޭރު މާލީ ގޮތުން ތަނަވަސްކަން ނެތުމާއިއެކު ދިރިއުޅުނީ ތަންކޮޅެއް ދަތިކޮށެވެ. މަންމަގެ އެދުމަށް އަނެއްކާވެސް އޮންލީ އޭނާގެ ރަށް، ލ. ގަމަށް ދިރިއުޅުން ބަދަލުކުރި  އެވެ. ރަށުގައި ވަޒީފާއަކަށް ވަދެ ދިރިއުޅުން ކުރިއަށް ގެންދަނިކޮށް ލ. އަތޮޅުގައި އޮތް މުބާރާތަކަށް ރިއްޕެ ކިޔާ ރަހުމަތްތެރިއަކު ދިޔަ އެވެ. ފުޓްސަލްއަކީ ކެރިއާއެއްގެ ގޮތުގައި ދެކެފިނަމަ ރަނގަޅު އާމްދަނީއެއްވެސް ލިބޭނެކަން އޮންލީއަށް ވިސްނައިދިނީ ރިއްޕެ އެވެ. ފުޓްސަލް ކުޅެން ފަށަން ބޭނުވެގެން މަސައްކަތް ފެށީ އެހާހިސާބުންނެވެ. އެންމެ ފުރަތަމަ މެޗެއް ކުޅެން އޮންލީ މާލެ ގެނައީވެސް ރިއްޕެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތަކީ ކްލަބް މޯލްޑިވްސް ކަޕް އެވެ. މި މުބާރާތުގައި މިދިޔަ އަހަރުތަކުގައި އޮންލީ އެޗްޑީސީގެ ޓީމަށް އަދި އޭގެ ކުރިން ފެނަކަ ޓީމަށް ކެޕްޓަންކަން ކޮށްދީފައިވާއިރު އޮންލީ ވަނީ ފުޓްސަލް ކިންގްގެ ޓްރޮފީވެސް އުފުލާލައިފަ އެވެ. މީގެ އިތުރުން ގޯލްޑަން ފުޓްސަލް މުބާރާތުގައި ގަން ޓީމުގެ ކެޕްޓަންކަން އޮންލީ އަދާކުރާއިރު އެ މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމެންޓުގެ ޓްރޮފީވެސް އޮންލީ ނަގާފައި ވެއެވެ. މިއާއެކު މިދިޔަ އަހަރުތަކުގައި އޮންލީއަކީ ރާއްޖޭގެ ފުޓްސަލްގައި އެންމެ ޑިމާންޑު ބޮޑު ކުޅުންތެރިޔާ އެވެ.

"އަބަދުވެސް އޮންލީ ކޮންމެ ޓީމެއްގަ ކުޅުނަސް އޮންލީ (ކެޕްޓަން) ބޭންޑު ނޭޅިޔަސް އޮންލީއަކީ ލީޑަޝިޕް ގެންގުޅޭ މީހެއް"

ފުޓްސަލް ގިނަ މުބާރާތްތަކުގައި އޮންލީ ވަނީ އޭނާ ކުޅޭ ޓީމުތަކަށް ކެޕްޓަންކަން ކޮށްދީފައި

ލީޑަޝިޕް ސްކިލްއަކީ ކޮންމެ ކުޅުންތެރިއެއްގެ ގައިގައި ހުންނާނެ ކޮލިޓީއެއް ނޫނެވެ. އޮންލީވެސް މިކަން ގަބޫލު ކުރެ އެވެ. ބައެއް މީހުންނަކީ ދަނޑުގައި ތަންކޮޅެއް ރުޅިގަދަ ކުޅުންތެރިންނެވެ. އެހެންނަމަވެސް އެއީ އޮންލީގެ ގައިގައި ހުންނަ ސިފައެއް ނޫނެވެ. އޭނާ ބުނާ ގޮތުގައި ރާއްޖޭގައި ފުޓްސަލް ކުޅޭ މޮޅެތި ކުޅުންތެރިން އޮންލީއާއިއެކު ދަނޑަށް އަރައިފިނަމަ ބުނާ ގޮތް ހަދާ ކަމަށެވެ. މޮޅެތި ބައެއް ކުޅުންތެރިންގެ ނަންތައްވެސް އޮންލީ ފާހަގަކުރި އެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުގައި މުބާރާތްތައް ކާމިޔާބުވުމުގެ ސިއްރަކީ ކުޅުންތެރިން އޮންލީއަށް ކުރާ އިތުބާރާއިއެކު ދަނޑުމަތީގައި ބުނާގޮތް ހަދާތީ އެވެ.

ލ. ގަމަކީ ފުޓްސަލްގައި ފާހަގަކޮށްލެވޭ ރަށެކެވެ. އޮންލީ ބުނާ ގޮތުގައި އޭނާގެ ކާމިޔާބީއަށް ފަހުރުވެރިވަނީ ހަމައެކަނި ރަށް އެކަންޏެއް ނޫނެވެ. މުޅި ލ. އަތޮޅު އޮންލީގެ ކާމިޔާބީއަށް ފަހުރުވެރިވެ އެވެ. ކޮންމެ މުބާރާތެއް ރަށަށް ކާމިޔާބުކޮށްދިނުމުން އެ އުފަލުގައި މުޅި ރަށް ބައިވެރިވެ އެވެ. އެންމެ ފަހުން ގޯލްޑަން މުބާރާތުގައި ގަން ޓީމަށް ކާމިޔާބެއް ނުލިބެ އެވެ. އެކަމަކު އެމުބާރާތަށްފަހު ރަށަށް ދިޔުމުން ފައިނަލް މެޗުގައި ގޯސްކޮށް ހިނގި ކަންކަމުގެ ވާހަކަ ގަމުގެ ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހަކުހެން އޮންލީ ކައިރީގައި ދެއްކި އެވެ. މިއީ ރަށު ރައްޔިތުންގެ ލޯތްބާއި ތަރުހީބު އޮންލީއަށް އޮތްކަން ހާމަވެގެން ދިޔަ ކަމެއްކަމަށް އޭނާ ބުންޏެވެ.

ގަމުގެ އިތުރުން މުޅި ލ. އަތޮޅުވެސް އޮންލީއަށް ފަހުރުވެރިވޭ

ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. މިކަންކަމުގެ ވާހަކަވެސް އޮންލީ ހިއްސާ ކުރި އެވެ. އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފުޓްސަލް ޓީމުތަކަށް އިންޑޯ ޕިޗެއް ނެތުމެވެ. ހާއްސަކޮށް ގައުމީ ފެންވަރުގައި ޓީމެއް ތައްޔާރުވާއިރު ބޭނުންވާ މިންވަރަށް ޕްރެކްޓިސް ކުރަން ދަނޑު ނުލިބުމުގެ މައްސަލަ އޮންލީ ފާހަގަކުރެ އެވެ. އެންމެ ފަހުން ބޭއްވި މުބާރާތަށް ޕްރެކްޓިސް ކުރިއިރު ބައެއް ސްކޫލުތަކުގެ ޕިޗުތައް ފޯރުކޮށްދިނެވެ. އެކަމަކު އެތަންތަންވެސް އެކަށީގެންވާ ވަގުތަކަށް ނުލިބެ އެވެ.

"ޕްރެކްޓިސްއަށް ވަގުތު ލިބޭނަމަ ބޭރަށް ގޮސް ގައުމީ ޓީމުގެ ޕާފޯމެންސް ރަނގަޅުވާނެއޭ އޮންލީ ބުނާނީ"

މިހާރު ރާާއްޖޭގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ކުޅުންތެރިން ކުޅެނީ ބައިނަލްއަގުވާމީ ގަވާއިދުތަކަށް ބަލައިގެންނެވެ. ކޯޗުންވެސް މިކަމަށް އިސްކަން ދެ އެވެ. އެކަމަކު ޓާފު ދަނޑެއްގައި އެ ސިސްޓަމަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އޮންލީ ބުނީ ދުނިޔޭގެ މޮޅެތި ފުޓްސަލް ޓީމުތަކުގެ ކުޅުން ފެނުމުން އެމީހުންނަށް މޮޅު ކުޅުމެއް ދެއްކެނީ ފުޓްސަލް ޕިޗުގައި ކުޅެން އެޓީމުތަކުގެ ކުޅުންތެރިން ފަރިތަވެފައި ހުރުމުންކަން ސާފުވާ ކަމަށެވެ.

"އެތަންތަނުގެ ވީޑިއޯ ބަލާފަ ވަން ޓަޗު ދެ ޕާސް ޖަހާއިރު ބޯޅަ މައްޗަށް އަރާ. އެކަމަކު އިންޑޯ ޕިޗެއްގަ ވެއްޖެއްޔާ ބޯޅަ ހަމަ ރީތިކޮށް ދާނެ"

ފުޓްސަލް އަކީ އޮންލީ އެންމެ ކުރާ ހިތުން ކުރާ މަސައްކަތެވެ. އެހެންނަމަވެސް އެއީ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި އަދާކުރާ ކަމެއް ނޫނެވެ. ފުޓްސަލްއަށް ވަގުތު ހުސްކުރަނީ ދުވާލަކު އަށް ގަޑިއިރު ވަޒީފާވެސް އަދާކުރަމުންނެވެ. ވަޒީފާއަށް ނުގޮސް ކުޅުންތެރިއަކަށް ސަވައިވް ކުރެވިދާނެކަމަކަށް އޮންލީ ގަބޫލެއް ނުކުރެ އެވެ. އޭނާ މިދުވަސްވަރު ހުރީ އިންޖުރީގަ އެވެ. މިމުއްދަތު ހަ މަހެއްހާ ދުވަހަށް ދެމިގެން ދާއިރު ވަޒީފާ އަދާ ނުކުރާނަމަ މިދުވަސްތަކުގައި މާލީ ގޮތުން ވަރަށް ބޮޑަށް ދަތިވާނެކަން އޮންލީ ފާހަގަކުރި އެވެ. އެހެންނަމަވެސް ފުޓްސަލް އަކީ ރަނގަޅު އާމްދަނީއެއްވެސް ލިބޭ ކަމެކެވެ.

އޮންލީގެ ކާމިޔާބީގެ ފަހަތުގައި އެތައް ބައެއްގެ ހިތްވަރު

އޮންލީގެ މި ކާމިޔާބު ދަތުރުގައި އޭނާއަށް އެންމެ ބޮޑު ސަޕޯޓެއް ދިނީ އޭނާގެ މަންމައާއި ބައްޕަ އެވެ. އަދި އޮންލީގެ ތުއްތަ އެވެ. ކައިވެންޏަށްފަހު އޮންލީގެ އަނބިމީހާގެ ސަޕޯޓުވެސް ވަރަށް ބޮޑަށް ލިބުނެވެ. އެ އެންމެންނަށްވެސް އޮންލީ ޝުކުރު އަދާކުރެ އެވެ. މީގެ އިތުރުން ފުޓްސަލް ކެރިއަރުގައި ކުރިއަށް ދާން އެންމެ ބޮޑު ސަޕޯޓެއް ދިނީ ރިއްޕެއާ ބަޖީ އެވެ. އަދި ވަޒީފާ އަދާކުރާ އޮފީހުން އޮންލީއަށް ދޭ އެއްބާރުލުންވެސް އޭނާ ފާހަގަކުރެ އެވެ. އޭނާ ބުނާ ގޮތުގައި ދެކަންތަކަށް ވަގުތު ދީގެން މެނޭޖުކުރަން އުނދަގޫވާ ހާލަތްތަކުގައި އޮފީހުން ވަރަށް ބޮޑަށް ދޫ ދެއެވެ.

ރާއްޖޭގައި އޮންނަ ފުޓްސަލް މުބާރާތްތަކުގެ އިތުރުން ގައުމީ ފުޓްސަލް ޓީމާއިއެކު އޮންލީ ވަނީ އޭޝިއާ މުބާރާތުގެ ކޮލިފައިންގައިވެސް ވާދަކޮށްފަ އެވެ. އޭނާގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް ރީޖަނަލް ފެންވަރުގައި ކާމިޔާބީތަކެއް ހޯދައިދިނުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!