މިދިޔަ ސަރުކާރުން ފަށާފައިވާ މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައި ނުވާ ހުރިހާ މުވައްޒަފުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް އަންނަ އަހަރު ބަދަލު ގެނެސް 2026 ވަނަ އަހަރުގެ ނިޔަަލަށް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރައްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވަމުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައި ނުވާ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް ހާމަނައިޒް ކުރުމަށް 500 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާނެ ކަަމަށެވެ.
އެ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭ ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ރާވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ރައްޔިތުންނާ އެކު ކުރިއަށް - ހަފުތާ 52" ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހުރިހާ މަސައްކަތްތެރިންގެ މުސާރަ ބޮޑުކުރުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ.
"ޕޭ ހާމަނައިޒް ކުރުމުގެ ނިޒާމުގެ ތެރެއިން، މި އަންނަ އަހަރު މުސާރަ ބޮޑު ކުރާނަން މިހާރު މުސާރަ ބޮޑުނުވެ ތިބި ހުރިހާ ސިވިލް ސާވިސް މުވައްޒަފުންގެ. ހަމަ އެއާ އެކީގައި ޖުޑީޝަރީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ވެސް މުސާރަ މި އަންނަ އަހަރު ބޮޑުވާނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރާއި މިނިވަން މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މުސާރައިގެ ކުރިއެރުން ނުލިބި އެހާތަނަށް ތިބޭ ހުރިހާ މުވައްޒަފުންގެ މުސާރަ، 2026 ވަނަ އަހަރުގެ ނިޔަލަށް ބޮޑުކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިދިޔަ ސަރުކާރުން 2022 ވަނަ އަހަރު ފެށި މަސައްކަތުގެ ތެރެއިން ޓީޗަރުންނާއި ލެކްޗަރާއިންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ސިފައިންނާއި ފުލުހުންގެ މުސާރަތައް ވަނީ ބޮޑުކޮށްފަ އެވެ.
ސިވިލް ސާވިސް ގައި މިހާރު 30،165 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، މި އަހަރުގެ ބަޖެޓުގައި މުސާރަ ދިނުމަށް 12 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 13.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމެނޭ 13.3 ބިލިއަން ރުފިޔާ އެވެ.
މި ހަރަދުތަކުގެ އިތުރުން ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރަން ބޭނުންވާ 3.9 ބިލިއަން ރުފިޔާ އާއި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އެވެ. އަދި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ހިމެނޭއިރު، އޭގެ ތެރޭގައި ފަސް އިންސައްތަ އިންޓްރެސްޓްގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ޖުމްލަ އެހީގެ ގޮތުގައި ހިލޭ އެހީ ހިމެނޭހެން 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާ އެވެ.