ޑްރަގާ އެކު ހައްޔަރުކުރި އިންޑިއާ ދެމަފިރިންގެ ބަންދަށް އިތުރު 30 ދުވަސް

ރާއްޖެއަށް 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކުރި އިންޑިއާ ދެމަފިރިންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި އެވެ.
އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހު އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ޝޯއިބް, (41އ) އަދި އައިޝާ (38އ) އެވެ.
އޭރު އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 3 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އެހާ ކުރު މުއްދަތެއް ދިނީ ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ ކަމަށެވެ.
ތަރުޖަމާނަކު ހަމަޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް ޝަރީއަތް ފެށި ހިސާބާ ހަމައަށް ވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވާ ކަމަށް އޭރު ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ، ދެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ދެމަފިރިން ރާއްޖެ ގެނައި ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ޓްރެފިކިން މިންގަނޑަށް އަރާކަން ވެސް އެ އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.
އެ ދެމީހުންގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.