މީހުން ލައިފްސްޓައިލް

ކުޑަ ޖާގައަކުން ފެށި ކުންފުނި، ކަތްދައާއި ހަމައަށް ކުރި ދަތުރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ވިޔަފާރިތައް ޕްރޮމޯޓު ކުރުމަށް ކަރުދާހަށް މައުލޫމާތުތައް ޕްރިންޓުކޮށްގެން މަގުމަތީގައި ހިއްޕުމާއި، އެ ކަރުދާސްތައް ގޭގެއަށް ބެހި ޒަމާނެއް ދިޔަ އެވެ. ހިދުމަތެއް އިޝްތިހާރު ކުރުމަށް ޓީވީ އާއި ރޭޑިއޯ ޕްރޮގުރާމުތަކުގައި އެވާހަކަ ދެއްކި ޒަމާނެއްވެސް އައެވެ. އެހެންނަމަވެސް މިހާރު މިވަނީ މި ހުރިހާ ކަމެއް ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. މިހާރު އިޝްތިހާރު ކުރުމުގެ އެންމެ މުހިންމު ވަސީލަތަކީ އިންޓަނެޓެވެ. ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގެ ޒަރިއްޔާއިން މިހާރު އިޝްތިހާރު ކޮށްލެވެ އެވެ.

Ads by STELCO

ހަމަ އެގޮތަށް ވެބްސައިޓުތައް މެދުވެރިކޮށް ސަރުކާރު އޮފީސްތަކުގެ ހިދުމަތްތައް ދިނުމުގެ ޒަމާންވެސް މިވަނީ އައިސްފަ އެވެ. މިހާރު ކޮންމެ ހިދުމަތަކަށް ވަކި އެޕްލިކޭޝަނެއް ވަނީ ހަދައިފަ އެވެ. އެންމެ އަސާސީ ހިދުމަތުން ފެށިގެން މުހިންމު ބޮޑެތި ކަންކަން ކުރުމަށްވެސް އެޕްލިކޭޝަނެއް އުފައްދާ ޒަމާން މިހާރު މިވަނީ އައިސްފަ އެވެ. ޓެކްނޮލޮޖީގެ ރޮނގުން މިހާ ކުރިއަރާފައިވާ ދުނިޔެއެއްގައި ދިވެހިރާއްޖެވެސް މިދަނީ އެހެން ބޮޑެތި ގައުމުތަކާއި ފައިހަމަ ކުރަމުންނެވެ.

މިހަފްތާގެ ބިޒްޓޭލްސް ޕްރޮގުރާމުގައި މި ގެނަސްދެނީ ވެބް ޑިޒައިން ކުރުމާއި، އެޕްލިކޭޝަން އުފެއްދުމުގެ އިތުރުން ގްރެފިކް ޑިޒައިނިންގް އަދި ކޮންސަލްޓިންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނި ޖަވާބު ޕްރައިވެޓް ލިމިޓެޑުގެ ވާހަކަ އެވެ.

ޖަވާބުގެ ކޯ ފައުންޑަރ އަދި ސީއީއޯ މުހައްމަދު ޖައިލަމް

"ޖަވާބު އުފެދުނީ ބިޒްނަސް ޕާޓްނަރު އަރުޝަދުގެ އެސްޕީއެއްގެ ގޮތުގައި. އޭރު ފޭސްބުކްގައި ހުޅުވާލީ ނަމެއް ނަގަން ވެގެން ހިޔާލު ހޯދަން. ޕޯސްޓެއް ލިޔެލީމާ ވަރަށް ގިނަ މީހުން ބުނި ހިނގާށޭ ސުވާލު ކިޔަން. އަރުޝަދަކީ ވަރަށް ގިނަ ސުވާލުކުރާ މީހެއް ވީމަ. ދެން އޭގެ ބަދަލުގައި އަހަރެމެން ވިސްނީ ހިނގާށޭ އޮޕޮސިޓް ޖަވާބު ކިޔަން."

ޖަވާބުގެ ކޯ ފައުންޑަރ އަދި ސީއީއޯ މުހައްމަދު ޖައިލަމް ބިޒްޓޭލްސްގައި ވާހަކަ ދައްކަމުން ކިޔައިދިނެވެ. އެހެން ކުދި ވިޔަފާރިތަކެކޭވެސް އެއްގޮތަށް ޖަވާބުވެސް ފެށީ މާ ތަނަވަސް އޮފީހެއްގައެއް ނޫނެވެ. ފުރަތަމަ ނެގި އޮފީހުގައި ފާހާނާއެއްވެސް ނުހުރެ އެވެ. އޭރު ފާހާނާ ކުރަންވެއްޖެނަމަ ދަނީ ޖެހިގެން އިންނަ މިސްކިތަށެވެ. އެހެންނޫނީ ދަނީ ގެއަށެވެ.

ޖަވާބު ކޮޅަށް ޖެހުމަށް ޖައިލަމް އާއި އަރުޝަދު މަސައްކަތް ކުރީ ވަރަށް ބުރަކޮށެވެ. ބައެއް ރޭރޭ ނިދަނީވެސް އޮފީހުގަ އެވެ. ކޯޑު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ވެބްސައިޓެއް ޑިޒައިން ކުރުން ނުވަތަ އެޕްލިކޭޝަނެއް ހެދުމަކީ އެތައް ވަގުތެއް ހޭދަކުރަން ޖެހޭ މަސައްކަތެކެވެ. އެކަމަކު ވަރުގަދަ އަޒުމަކާއިއެކު އެތައް ގޮންޖެހުންތަކެއް ގިރާކޮށް ޖަވާބުގެ ކުޑަ ކުޑަ ޓީމުން ދިޔައީ ކުރިއަށެވެ.

ޖަވާބުގެ ކޯ ފައުންޑަރ އަދި ސީއީއޯ މުހައްމަދު ޖައިލަމް

މިހާތަނަށް އައިއިރު ޖަވާބުން ވަނީ ގިނަ ޕްރޮޖެކްޓުތަކެއްވެސް ހިންގައިފަ އެވެ. އެގޮތުން ސަރުކާރުގެ ބައެއް ވެބްސައިޓުތަކާއި އެޕްލިކޭޝަންތައްވެސް އެ ކުންފުނިން ވަނީ ހަދައިފަ އެވެ. އެގޮތުން މިދިޔަ ފަސް އަހަރު ތެރޭގައި ވިޒިޓް މޯލްޑިވްސް ވެބްސައިޓާއި، ޖޮބް ސެންޓަރ ވެބްސައިޓު ޖައިލަމް ފާހަގަކުރެ އެވެ.

ސޮފްޓްވެއާ އުފެއްދުމުގެ މަސައްކަތް ޖަވާބުން ކުރަމުން ދާއިރު މިހާ ހިސާބުން ނިންމައިލާކަށް ޖައިލަމް ބޭނުމެއް ނުވި އެވެ. ކުދި ވިޔަފާރިތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޭޝް ފްލޯ ތާށިވުން ނުވަތަ ދުވަހުން ދުވަހަށް ލިބެންޖެހޭ ފައިސާ ނުވަދުމެވެ. މިކަން ހައްލު ކުރަން ޕްރޮޖެކްޓުތައް ދޭ ޕާޓީތަކަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލައަށް މަސައްކަތެއް ކުރަން ރޭވި އެވެ.

އެގޮތުން މިހާރު ނަގާފައިވާ އޮފީސް ޖާގަ ކްލާސްރޫމެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ކޯޑިންގް ކިޔަވައިދިނުމުގެ ވިސްނުމެއް ޖައިލަމްގެ އައެވެ. ޖަވާބު އެކަޑަމީގެ ނަން ރަޖިސްޓްރީކޮށް މަސައްކަތް ފެށީ މިހާ ހިސާބުންނެވެ.

"އެގޮތަށް ޖަވާބު އެކަޑަމީ އުފެދިގެން އައީ. ދެން އޭގެ ފަހުން ހަމަ ފުޅާ ވެގެން ދިޔައީ. ވަރަށް ގިނަ މީހުން ބޭނުންވީ އޮންލައިންކޮށްވެސް ޖޮއިން ކުރަން. އެހެންވީމަ އަހަރުމެން ބޭނުންވީ ރާއްޖޭގަ ހިނގާށޭ އޮންލައިންކޮށް ކިޔެވޭ ފުރަތަމަ ވެބްސައިޓަށް ހަދަން"

ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު އޮންލައިންކޮށް ކިޔަވައިދިނުން އާންމުވިނަމަވެސް ޖަވާބު އެކަޑަމީން މިމަސައްކަތް ފެށީ ކޮވިޑުގެވެސް ކުރިންނެވެ. މިއީ ކޯޑިންއަށް ޝައުގުވެރިކަން ހުރި ޒުވާނުންނަށްވެސް ހުޅުވިގެންދިޔަ ވަރަށް ފަހި ފުރުސަތެކެވެ. ޓެކްނޮލޮޖީގެ ދާއިރާގެ އެކި ކޯސްތައް މިހާރު އެ އެކަޑަމީން އެކި އުމުރުފުރާތަކަށް ހިންގަމުން ދާއިރު ޖައިލަމް ބުނި ގޮތުގައި ގިނަ ބައެއްގެ ތަރުހީބުވެސް މިކަމަށް ދަނީ ލިބެމުންނެވެ.

ޖަވާބުގެ ކޯ ފައުންޑަރ އަދި ސީއީއޯ މުހައްމަދު ޖައިލަމް

އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަކީ މިދުވަސްވަރު ވަރަށް ބޮޑަށް އެޑްވާންސް ވަމުން އަންނަ ކަމެކެވެ. މިހާރު އެންމެ އާދައިގެ ސޮފްޓްވެއާގައިވެސް އޭއައި މެދުވެރިކޮށް ފަސޭހަކަމާއިއެކު ބޭނުން ކަމެއް ކޮށްލެވެ އެވެ. ޖަވާބުންވެސް ވަނީ އޭއައި ދާއިރާއިން މަސައްކަތްތަކެއް ފަށައިފަ އެވެ.

އެގޮތުން ދިވެހި ޗެޓް ޖީޕީޓީގެ މަސައްކަތް ފެށީ ޖަވާބުންނެވެ. ޗެޓް ޖީޕީޓީއަކީ އިންޓަނެޓުގައި ހުންނަ މައުލޫމާތުތަކުގެ ބޭނުން ކޮށްގެން ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދޭ ވެބްސައިޓެކެވެ. މި ހިދުމަތް މިހާރުވެސް ލިބޭނެ އެވެ. ޖައިލަމް ބުނީ އަދިވެސް މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ނުނިމޭ ކަމަށެވެ. އެގޮތުން ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން ނެރޭޓު ކުރުމާއި، އަޑު އަހައިގެން ޓައިޕްކޮށްދިނުންފަދަ ހިދުމަތްތައް މީގެ ތެރެއަށް ވެއްދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ޖައިލަމް ބުންޏެވެ.

އޭއައިގެ ހިދުމަތް ތަރައްގީވަމުން އަންނައިރު މުސްތަގުބަލުގައި ކޮންމެ ކުންފުންޏެއްގެ އޭއައި އޭޖެންޓެއް ހުންނާނެކަމަށް ޖައިލަމް ދެކެ އެވެ. ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގައި މިހާރުވެސް އޭއައި އޭޖެންޓުން ތިބެ އެވެ. އެ އޭޖެންޓުގެ ނަން ބުނުމުން އެއީ ކޮން ހިދުމަތެއް ފޯރުކޮށްދޭ ކޮން ކުންފުންޏެއްގެ އޭޖެންޓެއްކަން އިނގެ އެވެ. މިސާލަކަށް ސިރީއޭ ބުނުމުން އެއީ އެޕަލްގެ އޭޖެންޓުކަން އެންމެންނަށްވެސް އިނގެ އެވެ.

ޖަވާބުގެ އޭއައި އޭޖެންޓު ތައާރަފުކުރީ ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުން ބޭއްވި ފެސްޓިވަލެއްގެ ތެރޭގަ އެވެ. އެ އޭޖެންޓުގެ ނަމަކީ "ކަތްދަ" އެވެ.

"އަހަރުމެން މި ދައްކާލަނީ އަހަރުމެން އޭއައި އޭޖެންޓު ދިވެހި ބަހުން ތައްޔާރު ކުރުމުގެ ގާބިލުކަން އެބަ ހުރިކަން. ޑެމޯކޮށްލުމަށްޓަކައި ކަތްދަ މި ބޭނުން ކުރަނީ"

ކަތްދައަކީ މިވަގުތު ޕްރޮޓޯޓައިޕް އެކެވެ. ކުރިއަށް އޮތްތަނުގައި ޗެޓް ޖީޕީޓީގެ ތެރެއަށް ކަތްދަ އަންނާނެ އެވެ. އެ އޭޖެންޓުގެ ވިސްނުންތައް އަންނާނީ ޖީޕީޓީގެ ތެރެއިންނެވެ.

ޖަވާބުގެ ކޯ ފައުންޑަރ އަދި ސީއީއޯ މުހައްމަދު ޖައިލަމް

ޖަވާބުގެ ހާއްސަ އެހެން ކަމެއްވެސް އެބަ އޮތެވެ. އެ ކުންފުނީގެ ވަޒީފާތައް ހާއްސަކޮށްފައި މިވަނީ ހަމައެކަނި ދިވެހިންނަށެވެ. އެހެންނަމަވެސް ޖައިލަމް ބުނި ގޮތުގައި ދިވެހިން، ހާއްސަކޮށް މި ޖެނެރޭޝަންގެ ކުދިން ވަޒީފާގެ މާހައުލުގައި ގެންގުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ގިނަ ކުދިންނަނީ މަސައްކަތް ކުރުމުގެ ވަގުތު އެމީހުން އަމިއްލައަށް ނިންމާ ކުދިންނެވެ. ވަރަށް ފަސޭހައިން ދިރިއުޅެން ބޭނުންވާ ކުދިންތަކެއް އުޅޭ މި ޖެނެރޭޝަންގެ ކުދިން ވަޒީފާގެ އަހުލާގަށް އާދަކުރުމުގެ މަސައްކަތަކީ އެންމެ ބޮޑު ގޮންޖެހުމެވެ. އެއާއެކުވެސް ޒުވާނުންނާއިއެކު ޖަވާބު ދަނީ ކުރިއަށެވެ.

ޖައިލަމްގެ ވާހަކަތަކުން ހާމަވެގެން ދިޔައީ ވަރުގަދަ އަޒުމަކާއި އެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއްވެސް ހާސިލުވާނެ ކަމެވެ. ކޮންމެ ކަމެއްވެސް ވާނެކަން ޖަވާބުން ދަނީ ސާބިތުކޮށްދެމުންނެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ޓެކްނޮލޮޖީތައް ރާއްޖެއަށްވެސް ގެނެވިދާނެކަން އެ ކުންފުނިން ދަނީ ދައްކައިދެމުންނެވެ.

ޖަވާބުގެ ދެ ފައުންޑަރުން ކަމަށްވާ ޖައިލަމް އަދި އަރުޝަދަށްވެސް ވަނީ ޔޫތު އެވޯޑު ލިބިފަ އެވެ. އެކަކަށް 2022 ވަނަ އަހަރު އަދި އަނެކަކަށް 2023 ވަނަ އަހަރު މި އެވޯޑު ދީފައިވަނީ މި ދާއިރާއިން ދެމީހުންވެސް ކޮށްދީފައިވާ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. މިއީ ޖައިލަމް ބުނާ ގޮތުގައި ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!