2 ގަޑިއިރު ނުވަނީސް ގާނޫނު އަސާސީ އިސްލާހުކުރާ ބިލުގެ ބަހުސް ނިންމާ، ކޮމިޓީއަށް
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، މުޅި މަޖިލިސް ކޮމިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ އެ ބިލަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ބަދަލު ގެނައުމުގައި މަޖިލީހުގެ އަގުލަބިއްޔަތު ހޯދަން ޖެހޭ ގޮތަށާއި މަޖިލިސް މެމްބަރުން އިންތިހާބުވި ހައިސިއްޔަތު ބަދަލުވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅި ބިލެކެވެ.
އެ ބިލުގައިވާ ގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން އެއްވެސް ސަރަހައްދަކަށް އުނިކަމެއް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ.
އޭގެއިތުރުން، ރާއްޖޭގެ ސަރަހައްދު އަސްކަރީ ބޭނުމަކަށް ބޭނުން ކުރުމަށް ބޭރުގެ ސިފައިންނަށް ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް އިންތިހާބުވި ހައިސިއްޔަތުން ބަދަލުވުމަކީ މެމްބަރުކަން ގެއްލޭނެ ހާލަތެއް ކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީއަށް އިސްލާހު ކުރުން ހިމެނެ އެވެ.
ބިލު މުޅި މަޖިލީސް ކޮމިޓީއަކަށް ފޮނުވަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހުމަދު ނާޒިމެވެ. އެ ހުށަހެޅުއްވުމަށް ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިބްރާހިމް ފަލާހު ތާއީދު ކުރެއްވުމުން ނެގި ވޯޓުން ކޮމިޓީއަށް ފޮނުވަން ފާސްވީ 71 މެމްބަރުންގެ ވޯޓުންނެވެ. ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓުދެއްވި އެވެ.
އެ ބިލުގެ ބަހުސް 2 ގަޑިއިރު ނުވަނީސް ނިންމާލާފައިވާއިރު ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ 13 މެންބަރުންނެވެ. ބިލުގެ ބަހުސްއަށް އިދިކޮޅު އެމްޑީޕީއަށް ދިން ވަގުތު ހަމަވިއިރު، އެ ޕާޓީން ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވީ 7 މެންބަރެކެވެ. އެ ބިލުގެ ބަހުސްގައި ދެން ބައިވެރިވެ ވަޑައިގެންނެވި ޕީއެންސީގެ 5 މެންބަރުންނާއި އަމިއްލަ މެންބަރެކެވެ.