ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނު އަސާސީ އާ ގުޅޭ އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
މިއަދުގެ ޖަލްސާއަށް ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ. އެ ބިލުގެ ބަހުސާއި މުޅި މަޖިލިސް ކޮމިޓީގެ މަސައްކަތް ނިންމާލީ މެންދުރުފަހު އެވެ. މަޖިލީހުން ބިލު ފާސްކޮށްފައި ވަނީ ހަވީރު އެވެ. ފާސް ކުރުމަށް 78 މެންބަރުން ވޯޓު ދެއްވިއިރު، ބިލާ ދެކޮޅަށް 13 މެންބަރަކު ވޯޓު ދެއްވި އެވެ.
އަދި ހަމަ މި ރޭ ވަނީ އެ އިސްލާހުތައް ތަސްދީގުކޮށް، އިސްލާހުތަކަށް މިއަދުން ފެށިގެން އަމަލު ވެސް ކުރަން ފަށާފަ އެވެ.
މަޖިލީހުން މިއަދު ފާސްކުރީ ގާނޫނު އަސާސީ އާ ގުޅޭ ފަސް އިސްލާހެކެވެ. އޭގެ ތެރޭގައި ހިމެނެނީ މެމްބަރުންގެ ގޮނޑި ގެއްލުމާއި މަޖިލީހުގެ ރުހުމާ އެކު ސިފައިން ތިބުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ގައުމީ ތަރައްގީގެ ޕްލޭން އަދި ރައްޔިތުންގެ ހިޔާލު ހޯދުމާ ގުޅޭގޮތުން ގެނައި އިސްލާހުތަކެވެ.
މެންބަރުންގެ ގޮނޑި ގެއްލުން
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އިތުރުކުރަން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއަކުން އިންތިހާބުވާ މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވުމުން, ވަކިކުރުމުން, އެހެން ސިޔާސީ ޕާޓީގެ މެންބަރަކަށްވުމުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ގުޅިއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ.
މަޖިލީހުގެ ރުހުމާ އެކު ސިފައިން ތިބުން
އެ ބިލުގެ 4 ވަނަ އިސްލާހަކީ ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެ އިސްލާހުގައި ވަނީ އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި, މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވުމަށް ހުއްދަ ދީގެންނުވާނެ ކަމަށެވެ.
ކަނޑުން ސަރަހައްދެއް ދޫކޮށްލެވޭނީ މަޖިލީހުން ފާސްކޮށްގެން
ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަ ފަދަ ކަމެއް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށް ހެދުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ކަމުގައި ގާނޫނު އަސާސީގައި ލިޔަން ހުށަހަޅާފައިވެ އެވެ.
އެ މާއްދާއަށް ބާރަށު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެންބަރު އިބްރާހީމް ޝުޖާއު އިސްލާހު ހުށަހެޅުއްވީ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުގެ ބަދަލުގައި ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތަށް ބަދަލު ކުރުމަށެވެ. މުޅި މަޖިލިސް ކޮމިޓީން އެ ބިލު ފާސްކޮށްފައި ވަނީ އެ އިސްލާހާ އެކުގަ އެވެ.
ގައުމީ ތަރަައްގީގެ ޕްލޭން ރައީސަށް
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ބ. ގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އެންގުމާއި އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމެވެ.
ޝާޑު ހުށަހެޅުއްވި ބިލުގައި އިތުރަށް ލިޔެފައި ވަނީ (ކުރު ރާސްތާއަށާއި މެދު ރާސްތާއަށާއި ދުރު ރާސްތާއަށް އަމާޒުކޮށް ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވަރުތައް އެކަށައެޅުން) އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ މާއްދާ އިސްލާހު ކުރެވޭނީ ރައްޔިތުންގެ ހިޔާލުން
ގާނޫނުއަސާސީގެ 2 ވަނަ ބާބުގައި ހިމެނޭ ހައްގުތަކާއި މިނިވަންކަމުގެ ބާބާއި ރިޔާސީ އަދި މަޖިލިސް މެންބަރުންގެ ދައުރު ހިމެނޭ ގާނޫނު އަސާސީގެ މާއްދާތަކަށް އިސްލާހު ގެންނަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާން ބުނާ މާއްދާ އިސްލާހުކުރަން ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ވަނީ ހުށަހަޅާފަ އެވެ.
ކޮމިޓީ މަރުހަލާގައި ބިލު ފާސްކޮށްފައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ މާއްދާއަށް ރާއްޖޭގެ ސަރަހައްދު ކަނޑައެޅުން ވެސް ހިމަނައިގެންނެވެ.