ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހި ގުޅާލަން އަޅާ ބްރިޖުގެ މަސައްކަތް ނިމި، އެއް ބްރިޖު އާންމުންނަށް ހުޅުވާލަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީ ގުޅާލަން އަޅާ ބްރިޖުތަކުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ބްރިޖު އާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

Ads by Sosun Fihaara

އޮންލައިން ނޫސް "ރާއްޖެއެމްވީ" ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތުގެ އިތުރުން ބައެއް ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެގޮތުން ދެވަނަ ފިޔަވައްސާއި ގުޅުވާލައިދޭ އެއް ބްރިޖް ހުޅުވާލުމުން ދަތިތަކެއް ނެތި އާއްމުންނަށް ވަކި ހިސާބަކަށް ވަދެވޭނެ ގޮތް އަންނަ މަހު ހަމަޖެހިގެންދާނެ ކަމަށް، އެޗްޑީސީގެ މުނިސިޕަލްގެ ޑިރެކްޓަރ އާދަމް އަޒްމީ ވިދާޅުވި ކަމަށެވެ.

މީގެއިތުރުން ދެވަނަ ބްރިޖު ވެސް މިހަފްތާ ތެރޭގައި ހުޅުވާލެވޭނެ ކަމަށް އަޒްމީ ވިދާޅުވެފައިވެއެވެ. ނަމަވެސް އެބްރިޖަށް އާންމުންނަށް ވަދެވޭނެ އިންތިޒާމު އަދި ހަމަޖެހިފައި ނުވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ދެން ބްރިޖް ހުޅުވާލުމުގައި އަޅުގަނޑުމެން މި ވިސްނަނީ އެންމެ ފުރަތަމަ އެއް ބްރިޖެެއް ހުޅުވާލުން އެއީ އާއްމުންގެ ގެތަކާއި އާއްމު ފަރާތްތަކުން ގެތައް ގަނެފައިހުރި ގެތައް ހުރި ހިސާބުން އެބޭފުޅުންނަށް ނޯމަލީ އެއްވެސް ކަހަލަ ހުރަހަކާއި ނުލާ ވަދެވޭނެ ގޮތެއް. އެގޮތުން ދިރާގު ކައިރި އޮންނަ ބްރިޖް ހުޅުވާލުމަށް މަސައްކަތް ކުރާނަން ދެން ދެވަނަ ބްރިޖް ހުޅުވާލާނީ ހަމައެކަނި އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުންނަށް ފަސޭހައަކަށް" އަޒްމީ ވިދާޅުވިއެވެ.

އަޒްމީ ވިދާޅުވީ ދެވަނަ ބްރިޖަށް މީހުންނަށް އަދި ނުވަދެވޭ ގޮތަށް ހަމަޖައްސާފައި ވަނީ އެ ތަނުގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގާތީއާ، އެއްކޮށް ހުޅުވާލުމުން ކޮންްޓްރެކްޓަރުންނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!