ޚަބަރު އިޖުތިމާޢީ

އަހަރުގެ މިހާތަނަށް 2،900 އަށް ވުރެ ގިނަ މީހުންނަށް ފާނަބަސަންދު ޖެހުނު: އެޗްޕީއޭ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފާނަބަސަންދު ޖެހިފައިވާ ކުޑަކުއްޖެއް / ފޮޓޯ:ވެލްޑްރިކްސް

މި އަހަރުގެ މިހާތަނަށް 2،900 އަށް ވުރެ މީހުންނަށް ޗިކަންޕޮކްސް ނުވަތަ ފާނަބަސަންދު ޖެހުނު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

Ads by Hajj Corporation

މި މަހު ކ. ގުޅިން ފާނަބަސަންދުގެ ގިނަ ކޭސްތަކެއް ވަނީ ފެނިފަ އެވެ. އެގޮތުން މިހާތަނަށް 11 ކޭސް އެ ރަށުން ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން 2 މީހަކަށް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން އިތުރު ފަރުވާ ދެމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ވެސް ރިޕޯޓު ކުރާ ކަމުގަ އެވެ. އެގޮތުން ހިނގަމުން މިދާ ނޮވެމްބަރު މަހާ ހަމައަށް މުޅި ރާއްޖެއިން 2،977 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އޭގެ ތެރެއިން 1،506 ކޭސްއަކީ މާލެ ސަރަހައްދުން ރިޕޯޓުކުރި ކޭސްތަކެއް ކަަމަށާ އަދި އަތޮޅުތަކުން 1،471 ކޭސް ރިޕޯޓުކުރި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ރާއްޖޭގައި ދޭތެރެ ދޭތެރެއިން ފާނަބަސަންދުގެ ކޭސްތައް އިތުރުވެ އެވެ. އެގޮތުން މި އަހަރު ކުރީކޮޅު ވެސް ބަލި ފެތުރެމުންދާތީ ސަމާލުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ދެން" އަށް މިއަދު ވިދާޅުވީ، ފާނަބަސަންދުގެ ކޭސްތައް މިފަހުން އިތުރުވަމުން އަންނަ ކަމަށެވެ. އަދި ފާނަބަސަންދު ޖެހިފައި ތިބޭ މީހުންނަށް ޖެހޭ ބައްޔެއް ކަމަށްވާ ވަރުސެލާ ނިއުމޯނިއާގެ ކޭސްތައް ވެސް މިހާރު ފެންނަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!