ފުރުގާން މިސްކިތަށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ފުރުގާން މިސްކިތަށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ މިސްކިތަށް ގެއްލުން ދީފައިވާ މައްސަލަ ފެންމަތިވުމާއެކު އާދިއްތަ ދުވަހު އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލާގައި މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ގ. މާލެހިޔާ, 2-02-13, ނައުޝާދު މޫސާ (30އ) އެވެ.
ފުލުހުން ބުނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުރުގާން މިސްކިތުގައިވާ ތަކެއްޗަށް ގެއްލުންދީފައިވާ މަންޒަރުތަކުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވީ ދީނީ އިލްމުވެރިޔާ އާދަމް ނިޝާން އަލީ އެވެ.
ފޭސްބުކްގައި ނިޝާން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ ރޭ ފަތިސް ނަމާދުގެ ކުރިން މިސްކިތުގެ ފަހަތުގައި ހުރި މުސްހަފުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެއަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލާފައިވާ ކަމަށެވެ. އަދި ވުލޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް ތަކެތި އެތަނަށް އުކާލާފައިވާ ކަމަށެވެ.
ނިޝާން ވިދާޅުވީ އެކަން ކޮށްފައި ވަނީ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައި ވެސް ނިދާފައި އޮންނަ "ބުއްދިފިލާ ގޮސްފައިވާ" ޒުވާނެއް ކަމަށެވެ. މީގެކުރިން ވެސް އެތައް ފަހަރަކު އޭނާ މުސްހަފުތައް އުކާލުމާ އަދި އެފަދަ އެތައް ކަމެއް އެ މިސްކިތުގައި ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ އާ ގުޅިގެން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މިސްކިތަށް ގެއްލުންދިން މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
މިސްކިތްތަކަށް ގެއްލުންދިނުން ބަލައިނުގަނެވޭނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.