ޚަބަރު

އޭސީސީ އާއި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރުމުގެ ބާރު ރައީސަށް ލިބޭ ބިލު ތަސްދީގުކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާއަށް އޭސީސީ އާއި އީސީގެ ރައީސް އާއި ނައިބު އައްޔަނުކުރެވޭ ބިލު ރައީސް ތަސްދީގު ކުރެއްވުން - ފޮޓޯ: ރައީސް އޮފިސް

ރައީސުލްޖުމްހޫރިއްޔާ އަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އާއި ނައިބު ރައީސް އައްޔަނުކުރެވޭ ގޮތަށް ދެ ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

Ads by MWSC

ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހެޅުއްވި އެ ބިލު ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ 53 ވަނަ ޖަލްސާގަ އެވެ. އެ ދެ ބިލު ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ. އެ ދެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ 10 މެންބަރެކެވެ.

އެ ބިލަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް ކޮމިޝަންތަކަށް އައްޔަނުކުރާ މެމްބަރުންގެ ތެރެއިން އެ ކޮމިޝަންތަކުގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް މެމްބަރުން އައްޔަނުކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަ ކުރުމަަށްޓަކައި ގެންނަ އިސްލާހުތަކެއް ކަމަށް އެ ދެ ބިލުގައި ބުނެފައިވެ އެވެ.

އެ އިސްލާހުގެ ދަށުން އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރާ އުސޫލަށް ބަދަލު ގެނެވިފައިވެ އެވެ. އެ އިސްލާހުގައިވާ ގޮތުން ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސެއް އައްޔަނުކުރައްވާނީ ރައީސް އެވެ.

އެ ދެ ކޮމިޝަނުގެ ރައީސް ނުވަތަ ނައިބު ރައީސް އިސްތިއުފާ ދިނުމުގެ އިޖުރާއަތްތަކަށް ވެސް ވަނީ ބަދަލު ގެނެސްފައިވެ އެވެ.

ކޮމިޝަނުގެ ރައީސް އަދި ކޮމިޝަނުގެ ނައިބު ރައީސް މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، އިސްތިއުފާގެ ސިޓީ ހުށަހަޅަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މިހާރު ގާނޫނުގައިވާ ގޮތުން ދެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް ހޮވަނީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!