ރިޕޯޓް

ހަފްތާއަކަށްފަހު އަނެއްކާވެސް ކޮވިޑް ކޭސްތައް 100 އިން މަތީގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަހަރު ފެށުމާއެކު މުޅި ދުނިޔެއަށް ވެސް ކުރިމަތިވަމުން އައި އެންމެ ބޮޑު ބިރުވެރި ކަމަކީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19، ފެތުރެމުން ދިޔުމުގެ ބިރުވެރިކަމެވެ.

Ads by STELCO

ރާއްޖޭގައި ވެސް މިހާރު މިބަލި ފެތުރެމުން ދާއިރު، ކޮވިޑް ފެތުރުން ކިރިޔާ ވެސް ކޮންޓްރޯލު ވެއްޖެކަމަށް ހީވުމާއެކު ލިބެނީ ކުއްލި "ސަޕްރައިޒް" އެކެވެ. ކޮވިޑަށް މީހުން ފައްސިވާ މިންވަރު ކޮންޓްރޯލު ވެއްޖެކަމަށް ހީވެ، މިކަމުން ސަލާމަތްވާން އުޅޭ ކަމަށް އުންމީދު ކުރެވި ހިތްހަމަޖެހުމުގެ ނޭވާއެއް ލެވޭއިރަށް، ދުވަސްކޮޅަކުން އަނެއްކާވެސް ފެންނަނީ ބައްޔަށް ފައްސިވާ މީހުންގެ މިންވަރު އިތުރުވެފައިވާ މަންޒަރެވެ.

މިދިޔަ މަހު ފަހުކޮޅާއި މިމަހުގެ ކުރީ ކޮޅާ ހަމަޔަށް ވެސް ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު ކޮންމެ ދުވަހަކު ހުރީ 100 އިން މަތީގައެވެ. އެއަށްފަހު، ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކަކާއި ވެސް އެކީ، މިދިޔަ ހަފްތާގައި ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް ހުރީ 100 އަށް ވުރެ ތިރީއެވެ.

މިދިޔަ ހަފްތާއަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ވެސް މިބައްޔަށް މީހުން ފައްސިވެފައިވަނީ 6 ސެޕްޓެމްބަރުވީ އާދީއްތަ ދުވަހުގައެވެ. އެދުވަހު 98 މީހުން ކޮވިޑަށް ފައްސި ވެފައިވެއެވެ. އޭގެ ފަހުން ދެން އެންމެ ގިނައިން (100 އަށްވުރެ ދަށްކޮށް) މީހުން މިދިޔަ ހަފްތާގައި ފައްސިވީ 9 ސެޕްޓެމްބަރު ވީ ބުދަ ދުވަހު އެވެ. އެދުވަހު 93 މީހުން ބައްޔަށް ފައްސިވެފައި ވެއެވެ.

މިއަދަދުތަކަށް މީހުން ފައްސިވީ ނަމަވެސް، ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ ދަށްކޮށް ހުރުމުން، މާގިނަ ދުވަސްތަކެއް ނުވެ ރާއްޖެއިން މިބަލި ފިލައިގެން ހިނގައިދާނެ ކަމުގެ އުންމީީދު ގިނަ ބަޔަކު ކުރިއެވެ. ޚާއްސަކޮށް 12 ސެޕްޓެމްބަރު ވީ ހޮނިހިރު ދުވަހު އެންމެ 62 މީހުން ކޮވިޑަށް ފައްސިވުމުން، ކުރެވެން ފެށި އުންމީދު އިތުރަށް އާވިއެވެ.

ނަމަވެސް އިއްޔެގެ ނަތީޖާއަށް ބަލާލާފައި އަނެއްކާވެސް މީހުންގެ ހިތްތަކަށް މިވަނީ ކޮންމެވެސް ވަރަކަށް މާޔޫސްކަން ވެރިވެފައެވެ. އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު މިވަނީ 121 އަށް އަރާފައެވެ. މިކަމުގެ ސަބަބުން މިހާރުވެސް އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކޮށް މިއީ ވަކި ބައެއްގެ ސަބަބުން ވީ ކަމެއްކަމަށް ވަނީ ތުހުމަތު ކުރަން ފަށާފައެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 9،173 މީހުން ފައްސި ވެފައިވާއިރު، އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1،087 މީހުން ފަރުވާ ހޯދަމުން އެބަދެއެވެ. އަދި ހޮސްޕިޓަލު ތަކުގައި 113 މީހުން ފަރުވާ ހޯދަމުން ދެއެވެ. ބަލިން ފަސޭހަވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7،326 އަށް އަރާފައެވެ. އަދި މިބަލީގައި ރާއްޖެއިން މިހާރު ނިޔާވެފައިވަނީ 32 މީހުންނެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އިންތިހާއަށް ގިނައެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮންމެ ދުވަހަކުމެ އަންނަނީ ބަލިން ރައްކާތެރިވެގެން ތިބެވޭނެ އެތައް ގޮތްތަކެއް ކިޔައިދެމުންނެވެ. އެސްއެމްއެސް ގެ ޒަރީޢާއިންނާއި، ވީޑިއޯ މެސެޖުތަކުގެ ޒަރީޢާއިން އަދި ބާއްވާ ނޫސް ކޮންފެރެންސް ތަކުގައި ވެސް ކޮންމެ ދުވަހަކު ވެސް އަންނަނީ އެއް ވާހަކަތަކެއް ހަނދާން ކޮށްދެމުންނެވެ.

އެގޮތުން، ބަލިފެތުރިފައިވާ ރަށެއްގައިނަމަ ބޭރަށް ނިކުމެ އުޅޭއިރު މާސްކު އަޅައިގެން ނޫނީ ނުނިކުތުމަށް އަންގާފައިވެއެވެ. ކެއްސާ ކިނބިހި އެޅޭނަމަ، މީހުންނާއި ދުރަށް، އަތުގެ އުނޅަބޮށްޓަށް ކެއްސާ ކިނބިހި އެޅުމަށް ވެސް ހަނދާން ކޮށްދީފައިވެއެވެ. އަދި އެފަދަ ކަމެއް މެދުވެރިވެފައިވާނަމަ، ވީއެންމެ އަވަހަކަށް ފްލޫ ކްލިނިކަކަށް ދެއްކުމަށް ވެސް އަންގާފައި ވެއެވެ.

އެޗްޕީއޭ އިން އެންމެ ގިނައިން ދައްކާ އެއް ވާހަކައަކީ ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނުދިޔުމަށެވެ. އަދި އަވަސް އަވަހަށް އަތް ދޮވުމަށާއި ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށްތަކައި އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކަށް ގިނަ ބަޔަކު ވަރަށް ފާޑު ކިޔެވެ. ޚާއްސަކޮށް މިހާރު މާލެ ސަރަޙައްދުގައި ރޭގަނޑު 20:00 ގެ ފަހުން އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމުން ވެސް ގިނަ ބައެއްގެ ނުރުހުން ވަރަށް ބޮޑަށް އެޗްޕީއޭ އަށް އަމާޒުވިއެވެ.

ނަމަވެސް މިހާރު، ފައްސިވީ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވުމުން، އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ ކޮވިޑް ކޮންޓްރޯލު ކުރުމަށް ދެން އެޗްޕީއޭ އިން އަޅާނީ ކޮން ފިޔަވަޅެއްތޯ އެވެ. ފިޔަވަޅުތައް ކިތަންމެ ގިނައިން ވެސް އެޅިދާނެއެވެ. ނަމަވެސް އެފިޔަވަޅުތަކަށް ބޯލަނބާނެ ބަޔަކު ތިބިތޯ ވެސް ބަލާލަން އެބަޖެހެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!