ޚަބަރު ސަރުކާރު

ހެލިކޮޕްޓަރުގެ ހިދުމަތް އަންނަ މާޗް މަހު ފަށަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން - ފޮޓޯ: މިނިސްޓްރީ

ރާއްޖޭގެ ނޭޝަނަލް އެމަޖެންސީ ސާވިސްގެ ހިދުމަތް ފުޅާކުރުމަށްޓަކައި އަދި ޓޫރިޒަމް ދާއިރާގެ ބޭނުމަށް ދިނުމަށް ނިންމާފައިވާ ހެލިކޮޕްޓަރުގެ ހިދުމަތް އަންނަ އަހަރުގެ މާޗް މަހު ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ދައުލަތުގެ މީޑިއާގެ "ހަފްތާ52" ޕްރޮގްރާމުގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން އަމީން ވިދާޅުވީ، އަންނަ މާޗް މަހު ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފަށާނެ ކަމަށެވެ.

"ކުރިއަށް އޮތް 15-10 ދުވަހުގެ ތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރެވޭ ފަރާތަކާއެކު ސޮއި ކުރުމުގެ މަރުހަލާ ނިމިގެންދާނެ. އަދި އަންނަ އަހަރުގެ މާޗް ހިސާބަށް ދާއިރު އިރާދަކުރެއްވިޔާ ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރެވެން ފަށޭނެ،" އަމީން ވިދާޅުވި އެވެ.

މީގެ ކުރިން އަމީން ވިދާޅުވީ ވޭތުވެދިޔަ 25 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ހިތާމަވެރި ދެތިން ހާދިސާއެއް ހިނގި ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފަށަން ނިންމީ "ޔޫކޭ އެސެސްމެންޓް" އަކަށް ބެލުމަށް ފަހު ކަމަށެވެ.

މިއަދު އެ މަސައްކަތުގެ އަޕްޑޭޓް ދެއްވަމުން އަމީން ވިދާޅުވީ، އެ މަސައްކަތް އަލުން ފެށުމުގެ މަސައްކަތް ކުރަމުންދާއިރު، އިނގިރޭސިވިލާތުގެ ސީއޭގެ ރިކޮމަންޑޭޝަންތަކާއެކު ކަމަށް ސަލާމަތީ ގޮތުން ރަނގަޅު ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށެވެ.

އޮޕަރޭޝަނުގައި ބޭނުންކުރާނީ ރެގިއުލޭޓާއިން ކަނޑައަޅާ ވައްތަރެއްގެ ސައިޒެއްގެ ސަލާމަތީ ގޮތުން ރަައްކާތެރި، އަދި ވަކި ވައްތަރެއްގެ ހެލިކޮޕްޓަރު ކަމަށް އަމީން ވިދާޅުވި އެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމުން އެއްރަށުން އަނެއްރަށަށް ބަލިމީހުން އުފުލުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ހުޅުވާލުމާއެކު ދުނިޔޭގެ އެންމެ ވަރުގަދަ ހެލިކޮޕްޓަރު އޮޕަރޭޝަން ކުންފުނިތައް ހިމެނޭހެން 36 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އޭރު މިނިސްޓަރު ވިދާޅުވި އެވެ.

Ads by Ooredoo