ޚަބަރު ދުނިޔެ

ލަންކާ ބޯޓުތަކެއް 500 ކިލޯގެ ޑްރަގާ އަރަބި ކަނޑުން އަތުލައިގެންފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އަރަބި ކަނޑުން ހިފެހެއްޓި ލަންކާގެ މަސް ބޯޓުތަކުގެ މީހުން / ފޮޓޯ:އިންޑިއަން ނޭވީ

އަރަބި ކަނޑުން 500 ކިލޯގެ މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި ސްރީ ލަންކާގެ ދެ މަަސް ބޯޓެއް އިންޑިއާގެ ނޭވީން އަތުލައިގެންފި އެވެ.

Ads by Sosun Fihaara
Ads by WAMCO

އިންޑިއާގެ ނޭވީގެ ތަރުޖަމާނު، އެޑްމިރަލް ދިނޭޝް ކުމާރު ޓްރިޕާތީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ނޭވީން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތުގެ 500 ކިލޯ އަތުލައިގަނެވިފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހު ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ. އެ ތަކެތި އަތުލައިގެންފައިވަނީ ސްރީލަންކާގެ ދެ މަސް ބޯޓެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.

ލަންކާ ކަނޑުގެ ސިފައިންގެ އިންޕުޓާއި އިންޑިއަން ނޭވަލް ލޯންގް ރޭންޖް މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓް އަދި ރިމޯޓްލީ ޕައިލެޓް އެއާކްރާފްޓް (އާރުޕީއޭ) އިން ކުރިއަށް ގެންދިޔަ އޭރިއަލް ސަވައިލެންސަށް ބިނާކޮށް އިންޑިއާގެ ނޭވީން ވަނީ ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ދެ އުޅަނދު ބަލައި ފާސްކޮށްފަ އެވެ.

ކަނޑުގެ ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އިންޑިއާ އާއި ލަންކާ އާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގެ ތެރެއިން އަތުލައިގަނެވުނު މަސްތުވާތަކެތި ހަވާލުކުރީ ލަންކާގެ ފުލުހުންނާ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭގެ ސަރަހައްދުން ވެސް ވަނީ ލަންކާގެ މަސް ބޯޓެއް މަސްތުވާތަކެއްޗާ އެކު އަތުލައިގެންފަ އެވެ. އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެފައިވާ ގޮތުގައި އެ ބޯޓު އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހިފަހެއްޓީ ހދ. މަކުނުދޫ ކައިރިން ކަމުގަ އެވެ.

ސްރީލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބި އެ ބޯޓުން 468.6 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި 344 ކިލޯގެ މެތު ކްރިސްޓަލް އާއި 124.6 ކިލޯގެ ކޮކެއިން ހިމެނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!