އާބަން ޑިވެލޮޕްމަންޓް ބިލު މުރާޖާކުރަން ކައުންސިލްތަކުގެ އެސޯސިއޭޝަނުން ގޮވާލައިފި
ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ "އާބަން ޑިވެލޮޕްމަންޓް ބިލު" ތަސްދީގުކުރުން ފަސްކޮށް، އިތުރަށް މުރާޖާކުރުމަށާއި އާންމު މަޝްވަރާއަށް ހުޅުވާލުމަށް މަޖިލިހަށް ބިލު އަނބުރާ ފޮނުވާލުމަށް މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން (އެމްއެލްސީއޭ) އިން ގޮވާލައިފި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ އުސޫލު ބަޔާންކޮށްފައިވާ އާބަން ޑިވެލޮޕްމަންޓް ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ ޕީއެންސީ މެންބަރު އާޒިމް އަބްދުލް އަޒީޒެވެ. އެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގުކުރައްވާފައެެއް ނުވެ އެވެ.
ކައުންސިލްތަކުގެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބިލު ފާސްވުމާ އެކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން، ރަށު އަދި ސިޓީ ކައުންސިލްތަކަށް އެ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްގީގެ ކަންކަން ރާވާ ތަރުތީބު ކުރުމަށް ލިބިދީފައިވާ ބާރު ގެއްލި އެކަންކަމުގައި ކައުންސިލްތަކުގެ ދައުރު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށެވެ.
"ބިލާ މެދު ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލި ކުރު މުއްދަތުގައި މި ޖަމިއްޔާއިން ވާނީ މި ބިލާ މެދު ހުރި ކަންބޮޑުވުންތައް ލިޔުމުން ހިއްސާކޮށްފަ އެވެ. އެހެންނަމަވެސް، ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް އަދި މަޝްވަރާއެއް ނުހޯދާ މި ބިލު ވަނީ ކޮމިޓީއިން ދިރާސާކޮށް ނިންމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކޮށްފަ އެވެ،"
ބިލާ ގުޅޭގޮތުން އެ ޖަމިއްޔާގެ ކަންބޮޑުވުންތައް ހުލާސާކޮށް ފާޅުކޮށްފައިވާއިރު، އޭގެ ތެރެއިން އެއް ކަމަކީ އާބަން ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވުމެވެ. ބުނީ އެގޮތަށް ކަނޑައެޅިއިރު އެގާނޫނުގައި ރައްޔިތުންގެ ބަހެއް އަދި ހިޔާލެއް އެކަމުގައި އޮންނާނެ އެއްވެސް ހަރުދަނާ އިޖުރާތެއް ނެތް ކަމަށެވެ.
އާބަން އޭރިއާާ ތަރައްގީ ކުރުމުގެ ކަންކަން ކުރަން "އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ" އެއް އުފައްދަން ޖެހޭ ގޮތަށް އޮތުމަކީ ލާމަރުކަޒީ ގާނޫނާ ތައާރުޒުވާ ކަމެއް ކަމަށެވެ. ކައުންސިލްތަކުގެ އިހުތިސާސްގައި އޮންނަ ތަންތަނުގެ ލޭންޑް ޔޫސް ޕްލޭން ހެދުުމުގެ ބާާރުތައް ނަގައި ސަރުކާރުގެ އޮތޯރިޓީއަކަށް އެ ބާރުތައް ޖަމާކުރުމަކީ ރައްޔިތުންނާ ގާތުން ތަރައްގީގެ ކަންކަން ނިންމުމަށް ގާނޫނުން އެކަށައަޅާފައި އޮތް ބާރާއި އިހުތިޔާރު ކައުންސިލްތަކުގެ އަތުން ގެއްލުވާލުން ކަމަށެވެ.
އޭގެ އިތުރުން އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެ ސަރަހައްދުތައް ތަރައްގީ ކުރުމުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ބިލުގައި ފާހަގަކޮށްފައިވާ ކަންކަމާ މެދު ކައުންސިލުތަކުގެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބަޔާނުގައި އިތުރަށް ބުނީ އާބަން ޑިވެލޮޕްމަންޓް ބިލު ފާސް ނުވަނީސް އާބަން ސަރަހައްދުތަކާއި ސެންޓަރުތައް ކައުންސިލްތަކާ މަޝްވަރާނުކޮށް ކަނޑައަޅާފައިވާ ކަަމަށެވެ. ބިލުގެ ސަބަބުން ސަރުކާރުގެ އަތްމައްޗަށް ބާރުތައް އެއްކުރެވި، ކައުންސިލްތަކާއި އާންމު ރައްޔިތުންގެ އަތުން ޝަހަރީ ޕްލޭން ކުރުމާއި ތަރައްގީގެ ނިންމުންތައް ނިންމުމުގައި އޮންނަ ދައުރު ނިގުޅައިގަނެވޭ ކަމަށެވެ.
"މި ބިލަކީ ސީދާ ރައްޔިތުންގެ ދިރިއުޅުމަށް އަސަރުކުރާނެ ފަދަ ދުރު ރާސްތާ ޕްލޭންތަކަކާ ޕޮލިސީތަކެއް ހެދުމަށް ބާރުދޭ ގާނޫނަކަށްވާއިރު ރައްޔިތުން ޝާމިލުވާގޮތަށް އެކަންކަމުގައި އެއްވެސް ވަރަކަށް މަޝްވަރާ ކުރެވިފައި ނުވާ ކަމާއި އެފުރުސަތު ވެސް ރައްޔިތުންނަށް ދީފައިނުވާކަން މި ޖަމިއްޔާއިން ފާހަގަކުރަމެވެ،"
ކަންބޮޑުވުންތައް ހިއްސާކޮށް، ބިލު ތަސްދީގުކުރުން ފަސްކޮށް، އިތުރަށް މުރާޖާކުރުމަށާއި އާންމު މަޝްވަރާއަށް ހުޅުވާލުމަށް މަޖިލިހަށް ބިލު އަނބުރާ ފޮނުވާލުމަށް ކައުންސިލުތަކުގެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.