ކުރެހުންތަކަށް ޝާފިއުގެ ތްރީޑީ ލެންސް
ސްކޫލު ދުވަސްވަރު އާޓްސް ގަޑީގައި ކޮންމެ ކުއްޖަކުވެސް ކުރަހަ އެވެ. އެކި ކުދިންގެ ކުރެހުމުގެ ހުނަރު ހުންނަނީ އެކި ވަރަށެވެ. އަބްދުﷲ ޝާފިއުވެސް ފުރަތަމަ ކުރަހަން ފެށީ މިގޮތަށެވެ. ނަމަވެސް ޝާފިއު ކުރެހީ ކުރަހާ ހިތުންނެވެ. އެ ހުނަރު ތަރައްގީވަމުން ގޮސް ޝާފިއުގެ ރަހުމަތްތެރިއެއްގެ ފަރާތުން ތްރީޑީ ކުރެހުންތައް އޭނައަށް ތައާރަފު ކޮށްދިނެވެ. އެ ހިސާބުން އެފަދަ ކުރެހުންތަކަށް ޝާފިއުގެ ޝައުގުވެރިކަން އުފެދުނެވެ.
ތްރީޑީކޮށް ކުރެހުމަށްފަހު ޝާފިއު އެންމެ ފުރަތަމަ ދެއްކީ ގާތް ރަހުމަތްތެރިންނަށެވެ. އެމީހުންނަށް ފުރަތަމަ މިކަން ގަބޫލުވެސް ނުކުރެވުނެވެ. ހޮބީއެއްގެ ގޮތުގައި ޝާފިއު ދިޔައީ ކުރެހުމުގެ ހުނަރު ތަރައްގީ ކުރަމުންނެވެ.
"އޭރު އަމިއްލަ ފޭސްބުކް ޕޭޖަށް އެއްޗެހިތައް ހަދާފަ ލާން ފެށީ. އޭރުވެސް ވަރަށް ގިނަ މީހުން ޝައުގުވެރިކަން ފާޅު ކުރޭ" ޝާފިއު ކިޔައިދިނެވެ.
ޝާފިއު އޭނާގެ ފޭސްބުކްގައި ޕޯސްޓު ކުރަމުން ދިޔައީ ހަމައެކަނި ކުރެހުންތައް އެކަންޏެއްވެސް ނޫނެވެ. އެ ކުރެހުންތައް ތަރައްގީކުރަމުން އައި ގޮތްވެސް އޭނާ ޕޯސްޓު ކުރި އެވެ. މި ވީޑިއޯތައް ބެލުމަށްފަހު ކުރެހުން ނިމުމުން ފޭސްބުކްގައި އާންމު ކުރަން އެދި އެތައް ބަޔަކު ޝާފިއުއަށް މެސެޖުވެސް ކުރި އެވެ.
ޝާފިއުގެ ހުނަރު ގިނަ ބަޔަކަށް އެނގުނީ ކޮވިޑް-19 ގެ ފަހުން ރާއްޖެ އާޓް ޕޯސްޓު ކިޔާ ފޭސްބުކް ޕޭޖެއްގައި އާންމުކުރި އޭނާގެ ކުރެހުމަކަށް ފަހު އެވެ. ކުރެހުންތައް ތްރީޑީކަން އިނގެނީ އެ ފަދަ ކުރެހުންތައް ނިންމާފައި ފޮޓޯ ނެގުމުންނެވެ. އެހެންކަމުން މިއީ ވަރަށް ޒާތެއްގެ ކުރެހުންތަކެކެވެ. އާންމުންގެ ޝައުގުވެރިކަން އޮތްކަން އެނގުމާއިއެކު ރަހުމަތްތެރިއެއްގެ ލަފާގެ މަތިން ޝާފިއު ވަކި ޕޭޖެއް މި ކުރެހުންތަކަށް ހެދި އެވެ.
"ޕޭޖަށް ކިޔާނެ ނަމަކާ ދޭތެރޭގައި ވިސްނަމުން ބޭނުންވީ އަސްލު ދިވެހި ނަމެއް ކިޔަން. ވިސްނުނު އެންމެ ރަނގަޅު ނަމަކީ ގާފަޅު. ގާފަޅުގެ މައްޗަށް ގެއެއް ބިނާ ކުރާތީވެ އެނަން ކިޔަން ނިންމީ"
ތްރީޑީ ކުރެހުންތައް ދެން ބަދަލުވީ ތްރީޑީ މޮޑެލްތަކަށެވެ. މިއީވެސް އުނދަގޫ އަދި އެހާމެ ކަވި މަސައްކަތެކެވެ. ފޯމް ބޯޑުން ކުދި ކުދި ބައިތައް ކަފައިގެން ބޭނުންވާ މޮޑެލްއެއް ހެދުމަކީ އެތައް ވަގުތެއް ހޭދަވާ ކަމެއްވެސް މެ އެވެ. މޮޑެލްތައް ހަދަން ފެށުމާއިއެކު ތްރީޑީކޮށް ކުރެހުން މުޅިންހެން ޝާފިއު ހުއްޓައިލި އެވެ. ވަގުތުވެސް ނުވާތީ އެވެ.
މިއީވެސް ގިނަ ބައެއްގެ ޑިމާންޑު އޮންނަ ކަމެކެވެ. ރަށްރަށުގެ ކައުންސިލްތަކުންވެސް އަދި އެކި އޮފީސްތަކުންވެސް ތްރީޑީ މޮޑެލްތައް ހަދަން އޯޑަރު ލިބެ އެވެ. ހަމަ މިއާއެކު މިއީ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ފުޅާ ކުރެވިދާނެ ކަމެކެވެ. ރިސޯޓުތަކުންނާއި ގެސްޓު ޝޮޕްތަކުންވެސް ޝާފިއުއަށް ރާއްޖޭގެ އެކި ބިނާތައް ތްރީޑީކޮށް ހަދަން އޯޑަރު ލިބެ އެވެ.
"ޓޫރިޒަމަށް މިކަން މުހިންމުވާ ސަބަބަކީ އަސްލު ރާއްޖެއަކީ ޓޫރިޒަމަށް ބިނާވެފައި އޮތް ގައުމަކަށް ވާތީވެ އަނެއްކާ އަތޮޅުތެރޭގެ ރަށްރަށުގަވެސް މީތި ވަރަށް ބޮޑަށް ފުޅާވެގެން އެބަ ދޭ."
ޓޫރިޒަމް ދާއިރާއަށް މިފަދަ މަސައްކަތެއް ފުޅާ ކުރެވިއްޖެނަމަ މީގެން ރަނގަޅު އާމްދަނީއެއްވެސް ހޯދިދާނެ އެވެ. މިކަން ފާހަގަކޮށް ޝާފިއު ބުނީ ރާއްޖޭގެ ސްކޫލުތަކުންވެސް ކްލާސްތައް ނަގައިދޭން ޝާފިއު ކައިރީގައި އެދެމުންދާ ކަމަށެވެ. އެހެންކަމުން މިއީ ސްކޫލު ދަރިވަރުންނަށްވެސް ފައިދާ ކުރާނެ ކަމެކެވެ.
ޝާފިއުއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގައި މަސައްކަތް ކުރާ އޮފިސަރެކެވެ. އެހެންކަމުން ތްރީޑީ މޮޑެލް ހެދުމުގެ މަސައްކަތަކީ ޝާފިއު ހޮބީއެއްގެ ގޮތުގައި ދެކިގެން ކުރާ ކަމެކެވެ. މާގިނަ ވަގުތު މިކަމަށް ހުސް ނުކުރެވެނީ މި ސަބަބަށްޓަކަ އެވެ.
އަނެއްކޮޅުން މިފަދަ މަސައްކަތެއް ފުލް ޓައިމްކޮށް ހަަމައެކަނި އެކަމަށް ހުސްވެގެން ރާއްޖޭގައި ކުރުމަކީ ދަތިކަމެއްކަމަށް ޝާފިއު ދެކެ އެވެ. މަސައްކަތުގެ ކަވި ކަމުން އެންމެ މޮޑެލްއެއް ނިންމަންވެސް ގާތްގަނޑަކަށް ހަ މަހެއްހާ ދުވަސް ނަގަ އެވެ. އެ މޮޑެލް ވިއްކައިގެން ލިބޭ ފައިސާއިން ކުރިއަށް އޮތް ހަ މަސްދުވަސް ސަވައިވް ކުރުމަކީ ދިރިއުޅުން އަގުބޮޑު ގައުމެއްގައި ކުރެވިދާނެ ކަމެއް ނޫނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޝާފިއު މިމަސައްކަތް ކުރަން ގަސްތު ކުރަނީ ހޮބީއެއްގެ ގޮތުގަ އެވެ.
"މި މަސައްކަތް ފަށަން ބޭނުންވާ ކުދިންނަށް ބުނެލަން އޮތީ ވަރަށް ރަނގަޅު މަސައްކަތެކޭ މިއީ. ރާއްޖޭގަ ޓޫރިޒަމް އިންޑަސްޓްރީ ވަރަށް ފުޅާކޮށް ކުރިއަށް ދާއިރުގަ މިމަސައްކަތަކީ ކުރަން ހަމަ ރަނގަޅު ކަމެއް"
ޝާފިއުގެ މި ދަތުރުގައި އޭނާގެ އަންހެނުން ދޭ އެއްބާރުލުން އޭނާ ފާހަގަކުރެ އެވެ. އަންހެނުންނަކީވެސް އާޓަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހަކަށް ވާތީ ޝާފިއުގެ މި މަސައްކަތަށް އަންހެނުންވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ.
ޝާފިއުގެ އުއްމީދަކީ މިދާއިރާއިން ކުރިއަށްދެވޭ އެންމެ ކުރިއަކަށް ދިޔުމެވެ. އެހެންނަމަވެސް ވިޔަފާރިއެއްގެ ގޮތުގައި މިކަން މާ ބޮޑަށް ފުޅާކުރުމުގެ ވިސްނުމެއް ޝާފިއުގެ ނެތެވެ.