ރާއްޖޭގައި ހުރި ހުރިހާ ނިޒާމެއް، ލާމަރުކަޒީ ނިޒާމަށް ފަހިވެފައި އަދި ނެތް ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ އއ. މަތިވެރި ކައުންސިލުން ހިންގި މާލީ ބަޔާން ތައްޔާރުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގަ އެވެ.
މަތިވެރީގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވީ ތަނެއް އޮޑިޓްކުރާ ވާހަކަ މީހަކު ބުނެފި ނަމަ، އެ ތަނެއްގައި އުޅޭ ބަޔަކު މީގެކުރިން ބިރުގަންނަ ކަމަށެވެ. ނަމަވެސް އޮޑިޓްކުރުމަކީ ނުވަތަ އޮޑިޓް ރިޕޯޓެއް ނެރުމަކީ ތަނެއްގައި ގޯހުން ކަމެއް ދާނަމަ، އެކަމެއް ރަނގަޅު ކުރުމަށް އެހީތެރިވެދީ އެކަމެއް ރަނގަޅު ކުރާނެ ގޮތް ބުނެދިނުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމުތަކަކީ އެކަމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް މުއައްސަސާތަކަށް ލިބޭނެ ކަމެއް ކަމުގަ އެވެ. ކުރިއަށް އޮތްތަނުގައި އެފަދަ ޕްރޮގްރާމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް އިސްކަންދެއްވާނެ ކަމުގަ އެވެ. އެނގިގެން ކުރާ މަސައްކަތްތަކާއި ނޭނގި ކުރާ މަސައްކަތްތަކުގައި ބޮޑެތި ތަފާތުތަކެއް ހުންނަ ފަދައިން އެނގިގެން މަސައްކަތް ކުރުމަކީ ކުރާ މަސައްކަތް އިތުރަށް ހަލުއިވާނެ ކަމެއް ކަމުގައި ފާހަަގަކުރެއްވި އެވެ.
އާދަމް ޝަރީފް ވަނީ އޮޑިޓަަ ޖެނަރަލް އޮފީހަކީ ދައުލަތުގެ މާލިއްޔާތަށް އަދި ރައްޔިތުންގެ މުދަލަށް ވަރަށް ބޮޑަށް ހުޝިޔާރުވާ އަދި އެއީ ރައްޔިތުންގެ މުދާކަން ދަނެގެން މަސައްކަތްކުރާ މުއައްސަސާއެއް ކަމަށް ވިދާޅުވެފަ އެވެ.
މާލީ ބަޔާން ތައްޔާރުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމް މަތިވެރީގައި ހިންގީ ރަށު ކައުންސިލާއި އޮޑިޓަ ޖެނަރަލް އޮފީހާ ގުޅިގެންނެވެ.
އެ ރަސްމިއްޔާތުގައި އޮޑިޓަ ޖެނަރަލާއި އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ ރައީސާއި މަތިވެރި ކައުންސިލުގެ ރައީސާއި އަތޮޅު ކައުންސިލާއި މަތިވެރި ކައުންސިލުގެ މެމްބަރުންނާއި ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރާއި ޝަރަފުއްދީން އަބޫބަކުރާ އަދި އއ. އަތޮޅު ބެލެހެއްޓުމާ ހަވާލުވެ ހުންނެވި އެ މިނިސްޓްރީގެ ނައިބު އަހްމަދު ހަލީމް ބައިވެރިވެ ވަޑައިގެންނެވި އެވެ.