ބައިނަލްއަގުވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ، މޫޑީސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދެމެހެއްޓި ނަމަވެސް އެ އެޖެންސީން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަނެ، އަޅަން ފަށާފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކަށް ފުރިހަމައަށް ތަންފީޒު ކުރުމުގައި ދެމިތިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މޫޑީސްއިން ބުނީ ކްރެޑިޓް ރޭޓިން ދެމެހެއްޓީ ރާއްޖޭގެ މާލީ ހާލަތު ކުރިއަށް ވުރެ ހަރުދަނާ ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކާ ގުޅިގެން ކަމަށެވެ.
އެގޮތުން، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފުކުރި ބޭރު ފައިސާ އާ ބެހޭ ގަވާއިދުތަކާ އަދި ސަރުކާރުން ޓެކްސްއަށް ގެނައި އިސްލާހުތަކުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް މޫޑީސްއިން އާންމުކޮށް ޝާއިއުކުރި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މޫޑީސްގެ ބަޔާނާ ގުޅިގެން ފިނޭންސް މިނިސްޓަރީން ރޭ ނެރުނު ބަޔާނުގައި ބުނީ އެ އެޖެންސީން ފާހަގަކޮށްފައިވާ ފަދައިން ބޭރު ފައިސާ ހޯދުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު، ރާއްޖެ އާއި އިންޑިއާ އާއެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމުކުރެވިފައިވާކަން ފާހަގަކުރި އެވެ. އަދި ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައް ތަންފީޒުވުމުން ބޭރު ފައިސާގެ ލިކުއިޑީ އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތަށް ހަރަދު ކުޑަކުރުމަށް ސަބްސިޑީ ދެވޭ އުސޫލުތައް ބަދަލު ކުރުމާއި ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުން ދަރަނި ދެއްކުމުގައި ދިމާވެފައިވާ ދަތި ކަމަށް ހައްލެއް ލިބޭނެ ކަމަށެވެ.
ސަރުކާރުން އަމިއްލަ ފަރާތްތަކާ ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ހަރުދަނާ ކުރުމަށް ތެލަށް ކުރާ ހަރަދު ކުޑަކުރުމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން ފިއުލް ހެޖިން ސިޔާސަތާއި ފުޅާދާއިރާއެއްގައި އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތައް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މޫޑީސްއިން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަނެ، އަޅަން ފަށާފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކަށް ފުރިހަމައަށް ތަންފީޒު ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
އިތުރަށް ބުނީ އިއުލާނުކޮށްފައިވާ އިސްލާހީ އެޖެންޑާ ފުރިހަމައަށް ތަންފީޒު ކުރެވުމުން އިގުތިސޯދީ ގޮތުން ކުރިއެރުން ލިބި، ދެމެހެއްޓެނިވި މިންވަރަކަށް ދަރަނި ގެނެވޭނެ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި 11.5 ބިލިއަން ރުފިޔާގެ އިސްލާހީ ފިޔަވަޅުތައް ވަނީ ހިމަނާފަ އެވެ. އެ ފިޔަވަޅުތަކާ އެކު ދައުލަތުގެ ހަރަދުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ކުޑަކުރާއިރު، އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކާ އެކު، އާމްދަނީއަށް 4.9 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފަ އެވެ.