Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ވެރިކަން ވައްޓާލުމަކީ ކުރާނެ ކަމެއް ނޫން، ބޭނުމީ ހަމަ މަގަށް އަޅުވަން: ފައްޔާޒު

ވެރިކަން ވައްޓާލުމަކީ ކުރާނެ ކަމެއް ނޫން، ބޭނުމީ ހަމަ މަގަށް އަޅުވަން: ފައްޔާޒު
އެ ޕާޓީގެ މަސައްކަތަކީ ވެރިކަން ވައްޓާލުން ނޫން ކަމަށާއި ކުރަން އުޅޭ މަސައްކަތަކީ ގާނޫނު އަސާސީގެ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާކަން މިދިޔަ މަހުގެ ފަހުކޮޅު އެ ޕާޓީން ވަނީ އިއުލާނުކޮށްފަ އެވެ. "ގާނޫނު އަސާސީގެ ދިފާއުގައި - ބޮޑު ސައްލާ" ގެ ނަމުގައި ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ގާނޫނު އަސާސީ ހޯދީ އެމްޑީޕީން ކަން އާންމުންނަށް އެނގޭނެ ކަމަށެވެ. ވުމާ އެކު ގާނޫނު އަސާސީ ދިފާއުކޮށް، ދަހައްޓައި ހިފެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އެ ޕާޓީން ކުރާނެ ކަމަށެވެ. ގާނޫނު އަސާސީ ހޯދީ ކުޑަ މަސައްކަަތުން ނޫން ކަމަށާއި އެކަން ކުރީ އެތައް އަހަރަކުން، އާންމުންގެ ގިނަ ބައެއްގެ ގުރުބާނީ އާއެކު ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވި ގޮތުގައި މިއަދު ފެންނަނީ ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ދާއިރާތަކަކުން ލިބިފައިވާ ކުރިއެރުންތަކުން މަހުރޫމުވެ، ފަހަތަށްދާ މަންޒަރު ކަމުގަ އެވެ.
"ރައްޔިތުން ދިން ވޯޓަކުން ވެރިކަން ލިބުނީމާ އަޅުގަނޑުމެން އެކަމަށް އިހުތިރާމުކޮށް، އަޅުގަނޑުމެން ވަރަށް ގިނަ ދުވަހު މަޑުކޮށްފިން. އެތައް ބައެއްގެ ލޭ އޮހޮރުވައިގެން ގާނޫނު އަސާސީން ހޯދި އެ ހައްގުތައް ނިގުޅައިގަންނަން މަސައްކަތް ކުރީމާ ދެނެއް އަޅުގަނޑުމެންނަކަށް މަޑެއް ނުކުރެވޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
މިއަދު އެކަން ނުކޮށްފި ނަމަ ދެން ކުރިމަތިލާން ޖެހޭނީ އެތައް އަހަރު ދުވަހެއްގެ އަނިޔާވެރިކަމާ ކަމުގަ އެވެ. ލިބިފައިހުރި ކާމިޔާބީތައް މަޑުމަޑުން ނިގުޅައިގަނެ، ހުދުމުހުތާރު ވެރިކަމެއް މުޅި ރާއްޖޭގައި ގާއިމުކުރާތަން ސިފަކުރެވޭ ކަމަށް ވިދާޅުވި އެވެ. އެކަން އެގޮތަށް ވިޔަނުދިނުމަށް އަޑުއުފުލަން ޖެހޭ ކަމުގަ އެވެ. އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެކި ގޮތްގޮތުން، އެކި ފޯރަމުތަކުގައި ސަރުކާރަށް ވިސްނައިދެވޭތޯ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރެވިފައިނުވާ ކަމަށެވެ. އާރާއި ބާރު އޮތުމުން އަޑު ނާހައި، އާންމުންނަށް ދައްކަމުން ގެންދަނީ މި ވެރިކަމަށް ރައްޔިތުންގެ އިތުބާރު އޮތް މަންޒަރު ކަމަށެވެ. އެހެންނަމަވެސް، ކަން ހިނގަމުންދަނީ އެހެން ނޫންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި ގޮތުގައި މަގުމަތިންނާއި މިސްކިތްތަކުންނާ އަދި ހޮޓާތަކުން ދިމާވާ ޒުވާނުންނާއި މުސްކުޅިން އެދެމުން ދަނީ ވެރިކަމުގައި ތިބި ފަރާތްތައް ބޭލުމަށް ކަމުގަ އެވެ.
"އަޅުގަނޑު އެބަ ދަންނަވަން، އަޅުގަނޑުމެންނަކީ މީހުން ވެރިކަމުން ބާލާ ބައެއް ނޫނޭ. އަޅުގަނޑުމެންނަކީ ހަމަ މަގަށް މީހުން އަޅުވާ ބައެކޭ. އަޅުގަނޑުމެން ކުރަން މި އުޅޭ މަސައްކަތަކީ ގާނޫނު އަސާސީގެ އިމުގެ ތެރެއިން މި ސަރުކާރު ޖަވާބުދާރީ ކުރުވުން،" ފައްޔާޒު ވިދާޅުވި އެވެ.
އެ މަސައްކަތް ކުރަން ޖެހެނީ ޖަލްސާތައް ބާއްވައިގެން ނުވަތަ މަގުމައްޗަށް ނިކުމެ މުޒާހަރާކޮށްގެން ކަމަށް ވިނަމަވެސް އެކަންކަން ކުރުމުގައި އެ ޕާޓީން ދެމިތިބޭނެ ކަމަށެވެ. އަދި އެ މަސައްކަތުގައި އާންމުންގެ ބައިވެރިވުން ބޭނުންވާކަން ފާހަގަކުރެއްވި އެވެ. އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވެ، ސަރުކާރާ ހަމައަށް ކަންކަން ގެންދިއުމުގައި އަޑުއުފުލުމަށް އެ ޕާޓީގެ ޗެއާޕާސަން އެދިވަޑައިގެންނެވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް