އެމްޑީޕީގެ ސަރުކާރަށް ފާޑުކިޔައި ހަދާފައިވާ ލަވައެއް އޭރުގައި ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމިއްލަފުޅަށް ވިދާޅުވެއްޖެ އެވެ.
"ގާނޫނު އަސާސީގެ ދިފާއުގައި" ގެ ނަމުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވި ލަވަ ކިޔާފައި ވަނީ ސިމްބޮލިކް ރެކޯޑްސް (އެސްއާރު) ގެ ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް (ޕެސްޓް) އެވެ. އޭނާ އެ ލަވަ ހެދީ "ވާނުވާ" ބަންދެއްގައި ޖަލުގައި އޮންނާން ޖެހުމުން އޭރުގެ ސަރުކާރަށް ރައްދުކޮށެވެ.
ސޯލިހު ވެރިކަމަށް ވަޑައިގަތީ ވާނުވާ ބަންދު އުވާލާނެ ކަމުގެ ވައުދާ އެކުގަ އެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ސުޕަމެޖޯރިޓީ ލިބި އޮވެމެ، ވެރިކަން ނިމިދިޔައިރު ވެސް "ވާނުވާ" ބަންދުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާފައެއް ނުވެ އެވެ.
ޖަލްސާގައި ސޯލިހު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ލިބުނު ހުސްވަގުތުތަކުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ލަވަ އަޑުއެއްސެވި ކަމަށެވެ. ލަވަތައް އަޑުއެހުމުގެ ތެރެއިން ޒުވާނަކު ކިޔާފައި އޮތް ލަވައެއް ވަރަށް ބޮޑަށް ފާހަގަވި ކަމަށެވެ. އެ ރާގުގައި ލަވަ ކިޔޭތޯ ކޮންމެވެސް ވަރަކަށް ފަރިތަކުރެއްވި ނަމަވެސް އެމަނިކުފާނަކީ ރާގު ހުންނަ މީހެއް ނޫން ކަމަށް ވިދާޅުވެ، ލަވައިގެ ޅެން ވިދާޅުވި އެވެ.
"ވެރިންގެ ވެރިކަން ތިން ބާރޯ،
ޖަލު ކުޑަގޮޅި މީ މަގެ އިންފާރޯ،
ވެރިއެއް ވިއްޔާ ތިން ކާރޯ،
މަށަށް ޖޫރިމަނާ އަދި އިންޒާރޯ،
ވެރިންނަށް ރައްޔިތުން ދިން ބާރޯ،
ރައްޔިތުންނަށް ވީ ހަމަ ގުދު ބިންދާށޯ،
ވާނަމަ އަޑުހުރި ބާރެއްލާ،
ވާން ވައުދުވަނީ ވީ ހާލެއްގާ،
އަދު ދުނިޔޭގެ މި ޖަންނަތުގާ،
މަދު މީސް އުޅެނީ މި އަޒާބެއްގާ،"
މިއަދުގެ ހާލަތާ ވަރަށް ގުޅޭ ޅެމެއް ކަމަށް ސިފަކުރައްވާ ސޯލިހު ވިދާޅުވި ގޮތުގައި ވަރަށް ކަނުލައި އެ ޅެން އަޑުއަހަން ޖެހޭ ކަމުގަ އެވެ.
"މީގައި މި ދައްކާ ވާހަކައަކީ ވެރިކަމަށް ވެރި މީހާ ގެނައީ ތިމަންނަމެންނޭ. އެހެންނަމަވެސް، ވެރިން އެ އުޅޭ އުފަލާއި މަޖަލާއި ރައްޔިތުން މިއަދު ތަހައްމަލު ކުރަމުންދާ ދަތި އުދަނގޫ މީގައި މި ކިޔައިދެނީ،" ސޯލިހު ވިދާޅުވި އެވެ.
ލަވައިގެ އިތުރު ކަޑިތަކަށް އިޝާރަތް ކުރައްވާ ވިދާޅުވީ ގައުމުގެ މާލިއްޔަތު ވެރިމީހާ "ދަވާލިޔަސް، ކައި ހުސްކޮށްލިޔަސް" އެ ވާހަކަ ދެއްކެން ނެތް ކަމަށެވެ. އެ ވާހަކަ ދައްކައިފި ނަމަ، އެކަން ވަނީ އަބުރަށް އަރައިގަތުން ފަދަ ކަމަކަށް ކަމަށެވެ. އެފަދަ ކަންކަން ފާހަގަކުރާ ނިކަމެތި މީހާ ހައްޔަރުކޮށް، ޖަލަށްލައި ބަންދުކުރާ ކަމަށެވެ.
މިއަދު ނިކުމެ ތިބީ ލަވައިގައި ސިފަކޮށްފައިވާ ކަންކަމުން ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭހެން ހުރިހާ އާންމުން ސަލާމަތް ކުރުމަށް ކަމުގައި އެމަނިފާނުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.