ބޭރު ފައިސާ އާ ބެހޭ ބިލުގެ ކޮމިޓީ މަޓީން އެދިގެން ސިއްރުކޮށްފި

ބޭރު ފައިސާ އާ ބެހޭ ބިލާ ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޭފުޅުންނާ ބައްދަލުކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ބާއްވާ ބައްދަލުވުން އެ ޖަމިއްޔާއިން އެދިގެން ސިއްރުކޮށްފި އެވެ.
މިއަދު ހެނދުނު 10:30 ގައި ފެށި ކޮމިޓީގެ ބައްދަލުވުމަށް މަޓީގެ ބޭފުޅުންނާ ބައްދަލުކުރުން ވަނީ އެޖެންޑާކޮށްފަ އެވެ. ކޮމިޓީގެ މުގައްރިރު އޭދަފުށި ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ބައްދަލުވުން ސިއްރުކޮށްދިނުމަށް މަޓީން އެދިފައިވާ ކަމަށެވެ.
"އަޅުގަނޑު ހުށަހަޅަން މަޓީން އެބަ އެދިވަޑައިގަންނަވާ މި ބައްދަލުވުން ސިއްރުކޮށްދޭން. އަޅުގަނޑަށް ފެނޭ އެކަން ކުރިއަށް ގެންދަން،" ސަލީމް ވިދާޅުވި އެވެ.މަޓީން އެދުނު ގޮތަށް ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް ބާރަށު ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުއްވުމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ތާއީދުކުރެއްވި އެވެ. ކޮމިޓީ ސިއްރުކުރަން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެވެ. މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ބޭރު ފައިސާ އާ ބެހޭ ބިލުގެ ސުންގަޑި ކަނޑައަޅައި ބިލު ދިރާސާ މަސައްކަތް މިއަދު ނިންމުމަށް ވެސް ފާސްކޮށްފައިވެ އެވެ. ހަވީރު 6:00 އާ ހަމައަށް އެ މަސައްކަތް ނިންމުމަށް ހުށަހެޅުއްވީ ޝުޖާއު އެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު ހަމަދު އަބްދުﷲ އެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު, އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.
ބޭރު ފައިސާ އާ ބެހޭ ބިލު:
ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅާ, ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި ގެންގުޅުމާއި ޖަމާކުރުމާއި މާރުކުރުމާ ބެހޭ އުސޫލުތަކާއި އެނޫންވެސް ބޭރު ފައިސާާ އާއި ބޭރު ފައިސާ އާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާ ބެހޭ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމެވެ. އެ ބިލުގައި ބުނެފައި ވަނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކޮންމެ މަހެއްގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭ ބޭރު ފައިސާ އެ މަހަށް ފަހު ހިނގާ މަހުގެ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކުރަންވާނެ ކަމަށެވެ. އޭގެ އިތުރުން ޓޫރިޒަމް ދާއިރާ އާއި މާލީ އިދާރާތައް ފިޔަވާ އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް ކޮންމެ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރު ލިބޭ ފަރާތްތަކުން ވެސް އެފަދައިން އަމަލުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެ ބިލުގައި ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތަފްސީލުތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހޯދުމުގެ ބާރު އެ އޮތޯރިޓީއަށް ވަނީ ލިބިދީފަ އެވެ. ކެޓަގަރީ އޭ ގައި ޓޫރިސްޓް ރިސޯޓްތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓްތަކާއި ފްރައިވެޓް އައިލެންޑްތަކާއި ރިސޯޓް ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަން ހިމެނޭއިރު، ކެޓަގަރީ ބީ ގައި ހިމެނެނީ ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކެވެ. ކެޓަގަރީ އޭއަށް ލިބޭ ފައިސާ މާރުކުރެވޭނެ ދެ ގޮތެއް ބިލުގައި ބުނެފައިވެ އެވެ. އެއް ގޮތަކީ އެ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުމާއި ކޮންމެ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީން 20 އިންސައްތަ މާރުކުރުމެވެ. ކެޓަގަރީ ބީއަށް ލިބޭ ފައިސާ މާރުކުރެވޭނީ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ކޮންމެ މަހެެއްގެ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތައިން މާރުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން ޓޫރިޒަމް ދާއިރާ އާއި މާލީ އިދާރާތައް ފިޔަވާ އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަކުން ލިބޭ ފައިސާގެ ތެރެއިން ކޮންމެ އަހަރަކު ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރަން ޖެހެ އެވެ.ކެޓަގަރީ އޭ އަދި ބީ ގައި ނުހިމެނޭ ޓޫރިސްޓުން:
- 24 ގަޑިއިރު ހޭދަކޮށްފައި ނުވާ ޓޫރިސްޓުން
- 10 އަހަރު ނުފުރޭ ކުޑަކުދިން
- ހިލޭ ނުވަތް ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތައް
- ސަރުކާރުން ހާއްސަ އިމްތިޔާޒް ދީފައިވާ މެހެމާނުން





ކޮމެންޓް