ޑޮލަރު މާރުކުރުން އިސްތިސްނާވާ އުމުރު 12 އަހަރަށް ބަދަލުކޮށް ބޭރު ފައިސާ އާ ބެހޭ ބިލު ކޮމިޓީން ފާސްކޮށްފި
ޑޮލަރު މާރުކުރުން އިސްތިސްނާވާ އުމުރު 12 އަހަރަށް ބަދަލުކޮށް ބޭރު ފައިސާ އާ ބެހޭ ބިލު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މިދިޔަ ހޯމަ ދުވަހު މަޖިލިހަށް ހުށަހެޅުއްވީ މެޖޯރިޓީ ލީޑަރު، ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. ބިލު މަޖިލިހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވީ އިއްޔެ އެވެ.
މިއަދު ހެނދުނު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބިލާ ގުޅޭގޮތުން ހިޔާލު ހޯދުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޭފުޅުންނާ ބައްދަލުކުރި އެވެ. އެހެންނަމަވެސް އެ ޖަމިއްޔާގެ އެދުމުގެ މަތިން ކޮމިޓީގެ ބައްދަލުވުން ސިއްރުކުރި އެވެ.
އެ ބައްދަލުވުމުގައި ބިލުގެ މަސައްކަތް މިއަދު ހަވީރު 6:00 އަށް ނިންމަން ފާސްކުރި އެވެ. އެގޮތަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އިބްރާހީމް ޝުޖާއު އެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު ހަމަދު އަބްދުﷲ އެވެ.
ބިލުގެ މަސައްކަތް ނިންމައި ކޮމިޓީގެ އަގުލަބިއްޔަތުން ބިލު ފާސްކޮށްފައި ވަނީ މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގަ އެވެ.
ބިލާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހްމަދު ޝަމްހީދެވެ. ކޮމިޓީގެ ބައްދަލުވުމުގައި ވިޔަފާރިވެރިޔާ އަދި ކޮމިޓީގެ މުގައްރިރު މާމިގިލި ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ގާސިމް އިބްރާހިމް އަދި މަޖިލިހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަހްމަދު ނާޒިމް ބައިވެރިވެ ވަޑައިނުގަންނަވަ އެވެ.
މަޓީގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރި ނަމަވެސް ބިލު ފާސްކޮށްފައި ވަނީ އެ ޖަމިއްޔާއިން އެދުނު މައިގަނޑު ބަދަލު ނުހިމަނާ ކަމުގައި ކޮމިޓީގައި އިންނަވާ މެމްބަރަކު މައުލޫމާތު ދެއްވި އެވެ. މަޓީން އެދުނީ ރިސޯޓުތަކުގެ އާމްދަނީން ޑޮލަރު މާރުކުރަން ގާނޫނުން މަޖުބޫރުކުރާ އަދަދު، 10-15 އިންސައްތަ އާ ދެމެދުގެ އަދަދަކަށް ހަމަޖެއްސުމަށެވެ.
މާލިއްޔަތު ކޮމިޓީން ބިލު ފާސްކުރިއިރު ހިމެނި ބަދަލުތަކަކީ:
- ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް ބަދަލުކުރުން
- ރިސޯޓުތަކުގެ މާލީ ދަތިކަން ހުރި ނަމަ، ބޮލަކަށް 500 ޑޮލަރު މާރުކުރަން ބޭނުން ނުވަތަ ރިސޯޓުގެ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރު ކުރެވޭ ގޮތަށް އޮތްއޮތުން، އެ އަދަދަށް ވުރެ މަދުން ދައްކަން އެދުމުގެ އިހުތިޔާރު ދިނުން. މި ލުއި ދޭނީ މާލީ ދަތިކަން ކުރިމަތިވެފައިވާކަން އެ ރިސޯޓަކުން އެމްއެމްއޭއަށް ސާބިތުކޮށްދިނުމުން.
ބޭރު ފައިސާ އާ ބެހޭ ބިލުގައި އަމަލުކުރަމުން އަންނަ ގަވާއިދާ ހިލާފަށް ރިސޯޓު، ގެސްޓް ހައުސް، ހޮޓާ އަދި ސަފާރީތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް އޮތް އޮތުން ވަނީ އިހުތިޔާރީ ކަމަކަށް ހަދާފަ އެވެ.
އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އާއި މާލީ އިދާރާތައް ފިޔަވާ އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރު ލިބޭ ފަރާތްތަކުން އެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން މަޖުބޫރުވެ އެވެ.
އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކާއި ސަފާރީ އުޅަނދުތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ކޮންމެ މަހެެއްގެ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތައިން މާރުކުރަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މާދަމާ ބާއްވާ މަޖިލިހުގެ ޖަލްސާގައި މި ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ.