ގްރީން ބިލްޑިންގައި ރޯވުން: މާލޭ ރަށްވެހިންގެ ރަޖިސްޓްރީ ހުރި ކައުންސިލުގެ ޑިޕާޓްމަންޓަށް ވެސް ގެއްލުން

މިއަދު ހެނދުނު އަލިފާން ރޯވެ އަނދަމުންދާ ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ހުރި އިމާރާތުގައި ހުރި މާލެ ސިޓީ ކައުންސިލްގެ ރަށްވެހިކަމާއި ގޯތީގެ ރަޖިސްޓްރީގެ ބައި ވެސް ރޯވެ އަދަމުންދާ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު, އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
ދައުލަތު މީޑިއާއަށް މައުލޫމާތު ދެއްވަމުން ނަރީޝް ވިދާޅުވީ އެތަނުގައި މާލޭގެ ރައްޔިތުންގެ ހުރިހާ އުފަންދުވަހުގެ ސެޓްފިކެޓްތަކާއި ރަށްވެހި ކަމުގެ ރަޖިސްޓްރީ އާއި މާލޭގެ ގެތަކުގެ ހުރިހާ ރަޖިސްޓްރީތައް ހުރި ކަމަށެވެ.
ނަރީޝް ވިދާޅުވީ އެ ކައުންސިލުގެ ޕިކަޕްތައް ގެނެސް, އެތަނުގައި ހުރި ރަޖިސްޓްރީތައް ނަގާ, ސަލާމަތްކުރެވޭތޯ މުވައްޒަފުން ވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެތަނުގައި ހުރި ހުރިހާ އެއްޗެއް ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ނަރީޝް ވިދާޅުވި އެވެ.
އެ ތަކެތި ނަގާ ހަމައަކަށް އަޅުވައިގެން ނޫނީ ހިދުމަތް ނުދެވޭނެކަން ފާހަގަކުރައްވަމުން ނަރީޝް ވިދާޅުވީ ހިދުމަތް ދެވޭނެ އިރެއް ނޭނގޭ ކަމަށެވެ.
"މާލޭގައި އުފަންވެފައި ހުރި ހުރިހާ އެންމެންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ރަށްވެހިންގެ ރަޖިސްޓްރީ އާއި މާލޭގެ ހުރިހާ ގެއެއްގެ އާއި އަދި ހުޅުމާލޭގައި ރަޖިސްޓްރީކޮށްފައި ހުރިއްޔާ ހުރިހާ ރަޖިސްޓްރީތަކެއް ހުރި ތަނެއްގެ ވާހަކަ މި ދަންނަވަނީ،"
ނަރީޝް ވިދާޅުވީ ހުރިހާ އެސެސްމެންޓެއް ހަދާފައި ނުނީ އަލުން ހިދުމަތްދޭން އުނދަގޫވާނެ ކަމަށާއި ރައްޔިތުންގެ އެކަން ގަބޫލުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.