ޚަބަރު ސަރުކާރު

ފްލެޓް ފޯމުތަކަށް ގެއްލުމެއް ނުވޭ، ހުރީ ކްލައުޑްގައި ސްޓޯކޮށްފައި: ހައުސިން މިނިސްޓްރީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގްރީން ބިލްޑިންގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔަފައިޓަރުން ހަރަކާތްތެރިވަނީ / ފޮޓޯ:އެމްއެންޑީއެފް

ގެދޮރުވެރިޔާ ސްކީމުގެ މައުލޫމާތާއި ލިޔުންތަކަކީ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކަށް ވާތީ މިއަދު އެ މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ އާ ސަބަބުން އެ މައުލޫމާތަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ހައުސިން މިނިސްޓްރީން ބުނެފި އެވެ.

Ads by Sosun Fihaara

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގަމުން އަންނަ މ. ގްރީން ބިލްޑިންގައި އަލިފާން ރޯވެފައި ވަނީ މިއަދު ހެނދުނު 7:30 ހާއިރު އެވެ.

އަލިފާން ރޯވި ހާދިސާ އާ ގުޅިގެން ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ހާދިސާގެ ސަބަބުން އެ މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

"މީގެ އިތުރުން މި ހާދިސާ އާ ގުޅިގެން މި މިނިސްޓްރީން ކުރަމުން ގެންދާ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަކީ މި މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށް ވާތީ، މި ހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ވާހަކަ އާއްމުންގެ މައުލޫމާތަށް ޓަކައި ދެންނެވީމެވެ،"

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ހާދިސާ އާ ގުޅިގެން ސަލާމަތާއި ރައްކާތެރި ކަމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމުގަ އެވެ. ކަމާ ގުޅޭ އިތުރު ތަފްސީލު އާއްމުންނަށް ހިއްސާކުރަމުންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.