ފެންފުށީ މަގުމަތީގައި ކައްކާ މައްސަލަ ބޮޑުވެއްޖެ
އދ. ފެންފުށީގެ މަގުމަތީގައި އުނދުން ޖަހައިގެން ކައްކާ މައްސަލަ ބޮޑުވެ، މަގުމަތީގައި ކައްކާނަމަ، ފިޔަވަޅު އަޅާނެ ކަމަށް އެރަށު ކައުންސިލުން އަންގައިފި އެވެ.
ފެންފުށީ ކައުންސިލްގެ އިދާރާއިން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނީ، މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މަގުމަތީގައި އުނދުން ޖަހައިގެން ކައްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެއީ "އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއި ގޭގެ ގޯތީގައި ނުވަތަ މަގުގައި ހައްދާފައިވާ ގަސްތައް ކޮށައި ބެލެހެޓުމުގެ އުސޫލު"ގެ ދަށުން މަނާ ކަމެއް ކަމަށާއި، އެކަން އަނެއްކާވެސް ރައްޔިތުންނަށް ހަނދުމަ ކޮށްދޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައި ބުނީ، ފެންފުށީ ކައުންސިލުން ހުއްދަ ނުނަގައި މަގުމަތީގައި ޖޯލި، ގޮނޑި، މޭޒުފަދަ ތަކެތި ބަހައްޓައިގެން އެއްވެސް ކަމެއް ކުރަންތިބުމަކީ މަނާކަމެއް ކަމަށެވެ.
އަދި މިއަދުން ފެށިގެން އުސޫލާ ހިލާފަށް މަގުމަތީގައި ކެއްކުމާއި އަދި އެހެނިހެން މަސައްކަތްތައް ކުރަމުން ގެންދާ ފަރާތްތަކާމެދު، އެ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
އެރަށު ކައުންސިލްގެ ރައީސް އަހްމަދު އަބްދުލް ޝުކޫރު "ދެން" އަށް ވިދާޅުވީ، އެގޮތަށް ކައުންސިލުން އަންގާފައިވަނީ އާއްމު ފަރާތްތަކުން ފަސޭހައަކަށް ހަދައިގެން ގޭދޮށު މަގުމަތީގައި ހަވާދު ހެދުމާއި، ތަފާތު އެއްޗެހި ކެއްކުމުގެ މަސައްކަތް ކުރަމުންދާތީ، އެކަން ހުއްޓުވުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ، ކައުންސިލުން އެކަންކަން ހުއްޓުވުމަށް އުސޫލެއް ހަދާފައިވާ ކަމަށާއި، މިހާރު ކުރަމުންދަނީ އެ އުސޫލު ތަންފީޒު ކުރުމުގެ މަސައްކަތް ކަމަށެވެ.
"ޖޫރިމަނާ ކުރުމެއް ނޫން އަސްލު މަގްސަދަކީ. މަގުމަތީގައި ކެއްކުން ހުއްޓުވުން. އެކަހަލަ ކަންކަން ކުރީމަ ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށް ވެސް އުނދަގޫވޭ،" އަހުމަދު ވިދާޅުވި އެވެ.
ފެންފުށީ ކައުންސިލުން އެ އުސޫލު ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދަނީ، ރަށުގެ މަގުތައް ސާފުކޮށް ބަލަހައްޓާ، އާއްމުންނަށް އުނދަގޫނުވާ ގޮތަށް މަގުތައް ބައްޓަން ކުރުމުގެ ގޮތުންނެވެ.