ސްކޭމް އެކައުންޓުތައް ކޯޓު އަމުރެއް ނެތި ހިފެހެއްޓޭނެ ބާރު ފުލުހުންނަށް!
ސްކޭމްގެ މައްސަލަތަކުގައި ކޯޓު އަމުރެއް ނެތި އެކައުންޓުގައި ހުންނަ ފައިސާ ހިފެހެއްޓޭނެ ބާރު ފުލުހުންނަށްދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ފުލުހުންގެ އެދުމުގެ މަތިން ޖިނާއީ އިޖުރާތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ ހ އަށާއި އެ މާއްދާގެ 1 އަދި 2 ވަނަ ނަންބަރަށް އިސްލާހު ގެންނަން ބިލު ފާސްކުރި މި މަހުގެ 9 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.
(ހ) އަށް ގެންނަަ އިސްލާހުގައި ބުނެފައިވަނީ 72 ވަނަ މާއްދާގެ ދަށުން ނެރޭ މޮނިޓާކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ މައްސަލައަކުން ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކޯޓު އަމުރު ނެރެވޭނީ ޖިނާއީ ބޮޑު ކުށެއް ނުވަތަ މަކަރާއި ހީލަތުން ނުވަތަ ސްކޭމަކުން އެކައުންޓްގެ ވެރިފަރާތަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ ކަމަށް ބާރުދޭ ސަބަބުތަކެއް ހުރި ނަމަ ކަމަށެވެ.
އެ އަމުރުން އެ އެކައުންޓުގައިވާ ފައިސާ އާއި ކުށްކުރުމަށް ފައިސާ ޓްރާންސްފާ ކުރެވުނު އެކައުންޓުގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވޭނެ އެވެ.
އެ މާއްދާގެ 1 ގައި ބުނީ ހ ގެ ދަށުން ކޯޓު އަމުރަކަށް އެދޭ ހާލަތުގައި ކޯޓު އަމުރަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ކޯޓުން ހޭދަވާ މުއްދަތުގައި އެކައުންޓުގެ ވެރިފަރާތް ނުވަތަ ތިންވަނަ ފަރާތެއް ހައްގު ރައްކާތެރިކުރުމުގެ ގޮތުން އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުބުމުގެ އަމުރެއް ފުލުހުންގެ ހިދުމަތަށް ނެރެވިދާނެ ކަމަށެވެ.
އޭގެ އިތުރުން 2 ވަނަ ނަންބަރުގައި ބުނީ އެ މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގެ ދަށުން އެކައުންޓެއް ހުއްޓުމުގެ އަމުރެއް ނެރެންވާނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކަށް ކަމަށެވެ. އަދި އެ މާއްދާގެ ދަށުން އެކައުންޓު ހިފެހެއްޓުމުގެ އަމުރު ލަސްނުކޮށް އެކައުންޓު ހުޅުވާފައިވާ ބޭންކު ނުވަތަ އިދާރާއަށާއި އެމްއެމްއޭއަށް އަންގަންވާނެ ކަމަށް ބުނެފައިވެ އެވެ.
އެ އިސްލާހާއެކު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސައިބާސްޕޭސްގެ ކުށްތަކާއި ސައިބާއި ކަފާލާތުގެ އުސޫލު ހިމަނަން ހުށަހެޅުއްވި ބިލެކެވެ.
ސައިބާސްޕޭސްގެ ކުށްތަކާ ގުޅިގެން ހުށަހެޅި ބިލުގައި ބުނެފައިވަނީ ސައިބާސްޕޭސްގައި ކުރާ ކުށްތައް ރާއްޖޭގައި އިތުރުވުމާއި އެފަދަ ކުށްތައް ކުރާ މީހުން ކުށް ހިންގާ ގޮތް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަމުން ފުޅާކުރަމުންދާތީ އެފަދަ ސައިބާ ކްރައިމްއާއި އެ ނޫންވެސް ކޮމްޕިއުޓާ ސިސްޓަމް އާއި އެހެނިހެން އިލެކްޓްރޯނިކް ހެކި އެކުލެވޭ ކުށްތައް ހުއްޓުވުމަށް ގާނޫނީ ބާރުވެރިކަން ހޯދާދިނުމަށް ކަމަށެވެ.
އެފަދަ ކުށްތައް ތަހުގީގުކޮށް ދައުވާކުރުމަށް ތަންފީޒީ އިދާރާތަކަށް ލިބެންޖެހޭ ބާރު ހޯދާދީ އެފަދަ ކުށްތައް ތަހުގީގުކޮށް ދައުވާ އުފުލުމުގައި އަމަލުކުރާނެ އިޖުރާއީ އުސޫލެއް ކަނޑައެޅުމަކީ އެ ބިލުގެ މަގްސަދެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
ސައިބާސްޕޭސްގެ ކުށްތަކާ ގުޅޭ ގާނޫނަށް އިތުރުކުރަނީ:
- ސާވިސް ޕްރޮވައިޑަރުން ސަބްސްކްރައިބާ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޑޭޓާ ރިޓެއިންކުރުމާއި ގުޅޭ އިޖުރާއަތުތައް
- ރައްކާކޮށްފައިވާ ކޮމްޕިއުޓާ ޑޭޓާ އަވަސް ގޮތެއްގައި ޕްރައިވެޓައިޒްކުރުމަށާއި ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާއި ގުޅޭ އިޖުރާއަތުތައް
- ކޮމްޕިއުޓާ ޑޭޓާ ސަބްސްކްރައިބާ އިންފޮމޭޝަން ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އެ އަމުރު ތަންފީޒުކުރުމުގެ އިޖުރާއަތުތައް
- ރައްކާކޮށްފައިވާ ކޮމްޕިއުޓާ ޑޭޓާ ބަލާ ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާ ގުޅޭ އިޖުރާއަތުތައް
- ޓްރެފުކް ޑޭޓާ ރިއަލްޓައިމްގައި ނެގުމަށް ކޯޓު އަމުރު ނެގުމާއި ތަންފީޒުކުރުމުގެ އިޖުރާއަތުތައް
އެ ގާނޫނުގައި ހިމަނާ ކަފާލާތުގެ އުސޫލުތައް:
- ގާނޫނުގައި މިހާރު އެކުލެވޭ ކަފާލާތުގެ އުސޫލުތަކާއި ތަހުގީގު އަދި ޝަރީއަތުގެ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާއި ގުޅޭ އުސޫލުތައް އިސްލާހުކުރުން.
- ކުށް ސާބިތުވަ ކަމަށް ހުކުމްކުރުމަށް ފަހު ވަކި މަޖިލީހެއްގައި އަދަބު ކަނޑައަޅާ ނަމަ ކަފާލާތުގެ ދަށުން ދޫކޮށްލެވޭނެ ހާލަތުތަކާއި އެކަމުގަ އަމަލުކުރަން ޖެހޭ އިޖުރާއަތުތައް ގާނޫނުގައި ހިމެނުމަށްޓަކާ ގެންނަން ޖެހޭ އިސްލާހުތައް.
- ކުށް ސާބިތުވާކަމުގެ ހުކުމެއް ކަނޑައަޅާފައިވާ މީހަކަށް އިސްތިއުނާފުގެ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ހާލަތުތަކާއި އެކަމުގައި އަމަލުކުރަން ޖެހޭ އިޖުރާއަތުތައް ހިމެނުމަށް ގެންނަން ޖެހޭ އިސްލާހުތައް.
ކަފާލާތުގެ އުސޫލުތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމަނަން ހުށަހެޅީ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަަކަ އެވެ.