ސަރުކާރަށް ތުހުމަތުވާ ކޮރަޕްޝަނަށް ފިޔަވަޅުއަޅަން ކެރިވަޑައިގަތް ވެރިޔަކީ ރައީސް: ޝިޔާމް
ވެރިކަމުގައި ހުންނަވަނިކޮށް ސަރުކާރު ތެރެއިން ހިނގާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލައި ވަގުތުން ވަގުތަށް ފިޔަވަޅުއަޅަން ކެރިވަޑައިގެންނެވި ހަމައެކަނި ވެރިޔަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް އެހެން ވިދާޅުވީ މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވަނިކޮށެވެ. ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ.
ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން އިއްޔެ ސަސްޕެންޑްކޮށްފަ އެވެ.
"އެކްސް" ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ވެރިކަމުގައި ހުންނަވަނިކޮށް ސަރުކާރު ތެރެއިން ހިނގާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލައި ވަގުތުން ވަގުތަށް ފިޔަވަޅު އެޅުއްވުމަކީ މީގެކުރިން އެއްވެސް ރައީސަކު ވެރިކަމުގައި ހުންނަވައިގެން ކުރައްވަން ކެރިވަޑައިގެންނެވި ކަންކަން ނޫން ކަމަށެވެ.
ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައީސް ގެންދަވަނީ ކޮރަޕްޝަނާއި ވައްކަމާ ދެކޮޅަށް ތަފާތު ދައްކަވަމުން ކަމަށާއި ދައްކަވާ ވާހަކަފުޅާއި އަމަލުފުޅު ދިމާކުރައްވާނެކަން ފާހަގަކުރެއްވި އެވެ.
"ދިވެހި ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވާކަށް އެއްވެސް ފަރާތަކަށް އެމަނިކުފާނު ކުޑަ ވެސް ޖާގައެއް ނުދެެއްވާނެކަން މިއަދު ވެސް ސާބިތުކޮށްދެއްވައިފި،" ކޮރަޕްޝަނާ ގުޅޭގޮތުން ރަސްމިއްޔާތެއްގައި ރައީސް ދެއްކެވި ވާހަކަފުޅު ހިއްސާކުރައްވާ ޝިޔާމް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރު ކޮރަޕްޓްނުވެ، ހިންގާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުގައި ހިމެނޭ އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެ ފަރާތަކާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު ފަސްޖެހުމެއް ނެތި އަޅުއްވާނެ ކަމަށެވެ. އެކަމުގައި އެއްވެސް ހިޔާލު ތަފާތުވުމެއް ނޯންނާނެ ކަމުގައި ރައީސް ފާހަގަކުރައްވާފައިވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ލިސްޓުން ދައްކާ ގޮތުން ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެ އެވެ.
އެމްޑަބްލިއުއެސްސީން ބުނެފައި ވަނީ އެ މައްސަލަ އާ ގުޅިގެން ފަޒީލް އިއްޔެއިން ފެށިގެން ހުރިހާ ޒިންމާތަކަކުން ވަކިކޮށް، އޮފީހަށް ނުނިކުމޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
ކަމަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމެއް ކަމަށް ދެކި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވެސް ވަނީ ބުރާސްފަތި ދުވަހު ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމުރުކުރައްވާފަ އެވެ.