Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފަޒުލް އާއި ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ފަޒުލް އާއި ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ އާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ.

ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން އިއްޔެ ސަސްޕެންޑްކޮށްފަ އެވެ. އޭގެ ތެރޭގައި ފަޒުލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

Advertisement
HDC — Sidebar (box)

ސޯޝަލް މީޑިއާގައި ދައުރުވާ ލިސްޓުން ދައްކާ ގޮތުން ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ ފަޒީލް ހިމެނެ އެވެ. އޭނާގެ އިތުރުން އިތުރު މީހަކަށް ވެސް އެގޮތަށް ރަޖިސްޓްރީ ހަދައިދީފައިވެ އެވެ.

މައްސަލަ އާ ގުޅިގެން އެމްޑަބްލިއުއެސްސީން ވަނީ އިއްޔެއިން ފެށިގެން ހުރިހާ ޒިންމާތަކަކުން ފަޒީލް ވަކިކޮށް، އޮފީހަށް ނުނިކުމޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.

ފަޒުލް އާއި ފަޒީލް ހިމެނޭހެން ޖުމްލަ 20 މީހަކު ފުރުން މަނާކޮށް އަމުރު ނެރެފައިވާ ކަމަށް ފުލުހުން މިއަދު ވަނީ "ދެން" އަށް ކަށަވަރު ކޮށްދީފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ފުލުހުން ތަހުގީގުކުރަމުންދާ "ބިންވެރިޔާ ސްކީމް" ގެ މައްސަލަ އާ ގުޅިގެންނެވެ. އެ މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި މީހުންގެ އިތުރު ތަފުސީލެއް ދީފައެއް ނުވެ އެވެ.

މައްސަލަ އާ ގުޅިގެން ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭހެން 9 މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. "ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެ މީހުން ސަސްޕެންޑްކުރީ އިއްޔެގެ ރަސްމީ ގަޑި ނިމުނު ފަހުންނެވެ. އެ މުވައްޒަފުން ސަސްޕެންޑްކުރި ސަބަބު ބަޔާންކޮށްފައެެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް