ލައިފްސްޓައިލް

އަނބިން އުފަލުގައި ބޭތިއްބުމަކީ ތިހީކުރާހާ އުނދަގޫކަމެއް ނޫން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގިނަ ފިރިން ބުނާ ގޮތުގައި، އެމީހުންނަށް އެންމެ އުނދަގޫ އެއް ކަމަކީ އަނބިމީހާ އުފަލުގައި ބެހެއްޓުމެވެ. އަނބިމީހާ އުފަލުގައި ބަހައްޓަން އެމީހުންގެ ނަޒަރުގައި ވަރަށް ގިނަ ކަންތައްވެސް ކުރެއެވެ. ނަމަވެސް ގިނަ ފަހަރަށް އެކަންތައްތައް ވަނީ ފެއިލެވެ.

Ads by MWSC

އަނބިން އުފަލުގައި ހިތްހަމަ ޖައްސާފައި ބެހެއްޓުމަށް އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމްދީން ވެސް ބާރު އަޅާއިރު، އަނބިންނަކީ ކޮންމެ ފިރިއެއްގެ ދިރިއުޅުމުގައި ވެސް އެންމެ މުހިންމު އެއް މީހާ ކަމުގައިވާން ޖެހޭނެއެވެ.

އަނބިން އުފާކޮށް ދިނުމޭ ބުނުމުން ބައެއް މީހުން ދެކޭ ގޮތުގައި އެއީ އަނބި ދަށުވުމެވެ. އަދި އެއީ ކުރަންވާނެ ކަމެއް ނޫނެވެ. ތެދެކެވެ. އަނބި ދަށުވާކަށް ނުވާނެއެވެ. ނަމަވެސް އަނބިމީހާ އުފަލުގައި ބެހެއްޓުމާއި، އަނބި ދަށުވުމަކީ ތަފާތު ދެކަމެކެވެ.

އަނބިމީހާ އުފަލުގައި ބެހެއްޓިދާނެ ބައެއް ގޮތްތަކެއް:

▪︎ އަނބިމީހާގެ މައްޗަށް ދީލަތިވެ އޯގާތެރިވުން.

އަނބިމީހާ އަށް ދީލަތިވުމޭ ބުނާ ބަހުގެ މާނައަކީ، އަނބިމީހާއަށް އޭނާ އުފާވާނެ ފަދަ އެއްޗެހި ހޯދައި ދިނުމެވެ. އަބަދާއި އަބަދު ހޯދައި ނުދެވުނަސް، މަދު މަދުން ވިޔަސް އަނބިމީހާ އަށް އެއްޗެއް ދިނުމަކީ ލޯބި އިތުރުވެ، އޭނާ ވަރަށް އުފާވާނެ ކަމެކެވެ. އަނބިންގެ އުފަލަށްޓަކައި އެއްޗެހި ހޯދާ ދިނުމަކީ މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ވެސް ގެންގުޅުއްވި ރީތި އާދައެކެވެ.

▪︎ އަނބިމީހާ ދައްކާ ވާހަކަ އަޑުއެހުން

ފިރިންނަކީ ވެސް ދިރިއުޅުމުގައި ވަރަށް ބުރަކޮށް އުޅޭ ބައެކެވެ. އާމްދަނީ ހޯދުމަށްޓަކައި އެތަކެއް މަސައްކަތްތަކެއް ކުރުމަށްފަހު ގެއަށް ދިޔުމަށްފަހު ދެން އެންމެ އަވަހަށް ބޭނުންވާނީ އަރާމު ކޮށްލާށެވެ. ނަމަވެސް، ހިތްވަރެއް ކޮށްފައި އޭގެން ކުޑަ ވަގުތުކޮޅެއް އަނބިމީހާ އާއި ވާހަކަ ދެއްކުމުގައިވެސް ހޭދަ ކޮށްލާށެވެ. އޭނާ ދައްކަން ހުރި ވާހަކަތަށް އަޑު އަހާ، ޚިޔާލު ދޭންވާ ކަންކަމުގައި ޚިޔާލު ވެސް ދޭށެވެ. މިއީ އަނބިމީހާ ވަރަށް އުފާވެ، ތިމާދެކެ އިންތިހާއަށް ލޯބިވެސް ވާނެ ކަމެކެވެ.

▪︎ އަނބިމީހާއަށް ރައްކާތެރިކަން ދޭނެކަން އިޙްސާސް ކޮށްދިނުން

އަނބިމީހާ އަބަދުވެސް ރައްކާތެރިކޮށް ބަހައްޓާނެކަން އޭނާއަށް ޔަޤީންކޮށް ދިނުމަކީ ވެސް އަނބިމީހާ ވަރަށް އުފާވާނެ ކަމެކެވެ. އޭނާ ދެރަވެ ނުވަތަ ބިރުގަންނަ ކަންތައްތަކާއި މެދު ފުރަތަމަ އޭނާއާއި ވާހަކަ ދައްކާ، އެއަށްފަހު އޭނާ އެކަންކަމުން ރައްކާތެރި ކޮށްދޭށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!