އައިޖީއެމްއެޗް ތެރޭ އަޑުގަދަކޮށް ފުލުހުންނަށް ހުރަސް އެޅި މީހާގެ ވަނަވަރު އާއްމުކޮށްފި

އައިޖީއެމްއެޗް ތެރޭގައި އަޑުގަދަކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހާގެ ވަނަވަރު އާއްމުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އައިޖީއެމްއެޗް ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އެ މީހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ސްޓާ، މުހައްމަދު ރަޒީން (48އ) ކަމަށް ފުލުހުން ބުންޏެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައި އެ މީހާއަށް ކޮށްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ.
އައިޖީއެމްއެޗް ތެރޭގައި އަޑުގަދަނުކުރުމަށް ފުލުހުން އޭނާއަށް ނަސޭހަތްތެރިވެފައި ވަނިކޮށް ހޮސްޕިޓަލަށް ގޮސް އަޑުގަދަކޮށް، ހަޑިހުތުރު ބަހުން އެއްޗެހި ކިޔައި، އާންމުންނާ ދިމާލަށް ވެސް އެ މީހާ ހަޑިއެއްޗެހި ކިޔާފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނީ އެ ސަރަހައްދުން ދިޔުމަށް އެންގުމުން ވެސް ސަރަހައްދުން ނުގޮސް ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުލުހުންގެ ދައުރަށް އޭނާ ހުރަސް އަޅާފައިވާ ކަމަށެވެ.
މީގެކުރިން ވެސް ހައްޔަރާއި ބަންދު ލޮގް އޮތް އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 5 ދުވަސް ޖަހާފަ އެވެ.