އެޗްޑީސީން ވަގަށް ނެގި 5 ލެޕްޓޮޕް ހޯދައިފި

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަގަށް ނެގި 5 ލެޕްޓޮޕް ހޯދައިފި އެވެ.
އެޗްޑީސީގެ ފިނޭންސް ޑިޕާޓްމަންޓުން ލެޕްޓޮޕް ގެއްލިފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުވަމުން ދަނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް އެ ކުންފުނިން ރޭ ވަނީ ބުނެފަ އެވެ. އެ ޑިޕާޓްމަންޓުން ލެޕްޓޮޕެއް ނުވަތަ ލިޔެކިޔުމެއް ގެއްލިފައި ނުވާ ކަމަށެވެ. ނަމަވެސް ޕްރޮޖެކްޓް ޑިޕާޓްމަންޓުގައި ކަމެއް ހިނގި ކަމުގެ ރިޕޯޓު ލިބިފައިވާތީ އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފަސް ލެޕްޓޮޕް ވަގަށް ނެގި މައްސަލާގައި ފުލުހުން ބުނެފައިވަނީ އެ ލެޕްޓޮޕްތައް ވަގަށް ނެގީ ފަރުކޮޅުފުށީގައި ހުރި އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުން ކަމަށެވެ. އަދި ވަގަށް ނެގި ކަމަށް ޝައްކުކުރެވޭ މީހާ ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ކަމަށާއި އޭނާ ފުލުހުންނަށް އެއްބާރުލުންދެމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ ވަގަށް ނެގި 5 ލެޕްޓޮޕް ހޯދާފައިވާކަން ޔަގީންކޮށްދީފަ އެވެ.
އެޗްޑީސީގެ ލެޕްޓޮޕްތަކެއް ވަގަށް ނެގިކަމުގެ މައްސަލައެއް ފެންމަތިވެފައިވަނީ ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލައެއް ފެންމަތިވެ، އެތަނުގެ ލިޔެކިޔުންތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލާގައި ހިމެނޭ ޑިޖިޓަލް ހެކި އެއްކޮށްފައިވާ ކަމަށް ވެސް ފުލުހުން މީގެކުރިން ހާމަކޮށްފައިވެ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލައެކެވެ. އެ މައްސަލައިގެ ތަހުގީގު އަވަހަށް ކުރިއަށް ގެންދިޔުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވަނީ އޭސީސީ އާއި ފުލުހުންނަށް އަމުރުކުރައްވާފަ އެވެ.