ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މިއަދު ސަސްޕެންޑްކޮށްފި އެވެ.
ވެރިކަން ކުރާ މައި ޕާޓީ، ކޮންގްރެސް ޕާޓީން ހ. ވެޔޮވިލާގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހަށް ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނާ ހަމަކުރަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ފަތުރުވެރި ކަމަށް ހުރަސް އެޅުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިސްވެ އޮވެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މާލެ ކައިރީގައި އެއް ފަޅުތެރެއެއްގައި އޮތް ތިން ރިސޯޓެއްގައި އެމްޑީޕީން ބައްދަލުވުމެއް ބާއްވަން އެދުމުން މި ދުވަސްކޮޅު ރިސޯޓް ފުލްވެފައިވާތީ ނުބޭއްވޭނެ ކަމަށް އެންގުމުން ހުއްދަ ނުލިބުނަސް އެ ރިސޯޓަށް އެ ޕާޓީން އަރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ނިހާދު ތުހުމަތުކުރި އެވެ. ރިސޯޓަކަށް އެރުމަށް ޓަކައި ރާވާފައި ވަނީ މާދަމާ ހަވީރު ހަަތަރެއް ޖަހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރިސޯޓަށް އެރުމުގެ ފަހަތުގައި ހުންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކަމަށް އޭނާ ތުހުމަތުކުރި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް އެ ޕާޓީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ނިހާދު ދެއްކި ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލަތެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ.
ކޮންގްރެސް ޕާޓީން މިފަދަ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރަމުން ދިއުމަކީ ފޫނުބެއްދޭވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމުގައި އެމްޑީޕީން ދެކޭ ކަމަށެވެ. އެގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން މި އަހަރު ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެތައް ބިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"ކަން މިހެން އޮތްއިރު އަނެއްކާ ވެސް ރާއްޖޭގެ ޓޫރިޒަމާ މެދު ބިރުވެރި ތަސައްވުރެއް އުފައްދައި ރާއްޖެ ނޫން އެހެން މަންޒިލުތައް ޓޫރިސްޓުން ހިޔާރުކުރަން ހިތްވަރު ދޭ ގޮތަށް ސަރުކާރުގެ ވެރިންގެ ބަސްމަގު ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.
އެމްޑީޕީން ވަނީ ނިހާދު ދެއްކި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ސިނާއަތުގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާ އަދި ފަތުރުވެރިންނަށް ހިދުމަތްދޭ ހުރިހާ ވިޔަފާރިއެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް ގޮވާލާފަ އެވެ.