ފުރިތަން ވެސް ނުޖެހޭ ގޮތަށް ދުއްވާ އޮޑިއަކަށް ހިފޭނެ މަންޒިލެއް ނޯންނާނެ: އާދަމް ޝަރީފް

ފުރިތަން ވެސް ނުޖެހޭ ގޮތަށް ދުއްވާ އޮޑިއަކަށް ހިފޭނެ މަންޒިލެއް ނޯންނާނެ ކަމަށާއި މި ސަރުކާރު ދަނީ ފެއިލްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފައްޓަވައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވުމުން، މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިޙް އިއްވެވީ އުންމީދީ ބަޔާނެއް ނޫން ކަމަށެވެ.
"ކޮބައިތޯ މީދޫ ހޮސްޕިޓަލު؟ ފުޓްބޯޅަ ދަނޑު، މަޑުއްވަރީ ސިއްހީ މަރުކަޒު ފަދަ ވައުދުތައް؟ ކޮބައިތޯ މަރުތަކަށް އިންސާފު ހޯދައިދިނުން؟" މެމްބަރު އާދަމް ޝަރީފް ސުވާލު ކުރައްވައިފައިވެއެވެ.
https://twitter.com/Adamshareefz/status/1489157655549845504?s=20&t=Fh176nbMskV8REOam8qrCg
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެއްޓެވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙް ވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މެއި މަހުން ފެށިގެން ބޮޑުކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
އެގޮތުން ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑިއާ ނުލައި 12،628 ރުފިޔާއިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށާއި އެއީ 56 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނު ޖަލްސާގައި މިއަދު ކޮމަންޑޫގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމަށް ހަދައި ދިރާސާ ނިމުމަށް ފަހު، އެދާއިރާގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުކުރައްވާނެ ކަމަށެވެ.






ކޮމެންޓް