ޖެނުއަރީ ފުރަތަމަ ހަފްތާގައި ވައިޑް ބޮޑީ އެއާކްރާފްޓް ރާއްޖެ ގެންނަނީ
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށްވާ ވައިޑް ބޮޑީ އެއާކްރާފްޓުގެ ހިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުރަތަމަ މަތިންދާ ބޯޓު އަންނަ މަހުގެ ކުރީކޮޅު ރާއްޖެ ގެނެސް އެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފި އެވެ.
ރާއްޖެ ގެންނަން ހަމަޖެހިފައިވަނީ ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާބޯޓު ކަމަށްވާ އެއާބަސް އޭ 330-200 އެވެ.
މޯލްޑިވިއަންގެ ސްޓްރެޓަޖީ މެނޭޖަރު އިސްމާއިލް އާތިފް ރޭ ދައުލަތުގެ މީޑިއާ, "ޕީއެސްއެމް" ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވިދާޅުވީ ވައިޑް ބޮޑީ އެއާކްރާފްޓް ގެންނަން ކުރަންޖެހޭ މަސައްކަތްތައް ކުރަން ވަޒީރުންގެ މަޖިލީހުން ނިންމުމާއެކު ފާއިތުވި 6 މަސް ދުވަހު ކުރިއަށް ދިޔައީ މާކެޓުން އެއާކްރާފްޓެއް ހޯދުމުގެ މަސައްކަތް ކަމަށެވެ.
އަދި ޖުލައި މަހުގެ ތެރޭގައި ލެޓާ އޮފް އިންޓެންޓް (އެލްއޯއީ) ގައި ސޮއިކުރެވުނުއިރު، ބޯޓު އިންސްޕެކްޓް ކުރަން މޯލްޑިވިއަންގެ އިންޖިނިއަރުންގެ ޓީމެއް ލިތުއޭނިއާ އަށް ދަތުކުރި އެވެ. އިންޖިނިއަރުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެ އެއާކްރާފްޓާ ގަތުމަށް ނިންމިކަން އާތިފް ފާހަގަކުރި އެވެ.
އޭނާ ވިދާޅުވީ ނޮވެންބަރު މަހުގެ ފަހުކޮޅު އެ ބޯޓު ސިންގަޕޫރަށް ގެންގޮސްފައިވާ ކަމަށެވެ. އެއަށް ފަހު ބޯޓުގެ ލިވަރީ ޕެއިންޓިން މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންވެ އުއްމީދަކީ ޖެނުއަރީގެ ފުރަތަމަ ހަފްތާގައި ބޯޓު ރާއްޖެ ގެނައުން ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދުކުރަނީ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު, ނޫނީ 6 ވަނަ ދުވަހު އެއާކްރާފްޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސޭނެ ކަމަށް"
އެ ބޯޓަށް ވީއައިއޭއިން މަރުހަބާ ކިޔުމަށް އެއާ ޝޯއެއް ހިމެނޭހެން ބޮޑު އިވެންޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވި ގޮތުން ވައިޑް ބޮޑީ އެއާކްރާފްޓް ރާއްޖެ ގެނައުމަކީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ތާރީހުގައި ވެސް ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއު އެވެ.
އެ ބޯޓު ރާއްޖެ އައުމުން ޗައިނާގެ ބައެއް މަންޒިލްތަކަށް ޑައިރެކްޓް ފްލައިޓް ފެށިގެންދާނެ ކަމަށާއި، އަދި ޕްލޭނާ އެއްގޮތަށް ޔޫރަޕްގެ ޑެސްޓިނޭޝަންތަކަށްވެސް ދަތުރު ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އެ ހިދުމަތް ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ރަނގަޅު ކުރިއެރުމެއް އަންނާނެ ކަމަށާއި، އަދި އިގްތިސާދުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މަންފާކޮށް އައު ވިޔަފާރިތައް އުފެދިގެންދާނެ ކަމަށެވެ.
އެ ބޯޓަކީ އެއްފަހަރާ 264 ފަސިންޖަރުންނަށް, ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭ އެއާކްރާފްޓެކެވެ.