ގައުމީ އެއާލައިން، މޯލްޑިވިއަނުން އަލަށް ގެންނަ ވައިޑް ބޮޑީ އެއާކްރާފްޓަށް ބޭނުންވާ މުވައްޒަފުން މިހާރު ނަގާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
ރާއްޖެ ގެންނަން ހަމަޖެހިފައި ވަނީ ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާ ބޯޓު، އެއާބަސް އޭ330-200 މަރުކާގެ ބޯޓެކެވެ. އެ ބޯޓު އަންނަ ހޯމަ ދުވަހު ގެނައުމަށް ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ އެ ބޯޓަށް ބޭނުންވާ މުވައްޒަފުން މިހާރު ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޭ-330 ގެ ކެޕްޓަން ޓްރެއިނީއަކާއި އެ ރޭޓިންގެ 2 ކެޕްޓަނުންނާއި 2 ފަސްޓް އޮފިސަރުން ހިމެނޭ ކަމަށެވެ. ކެބިން ކްރޫއިންގެ ގޮތުގައި 14 މުވައްޒަފުން ނެގިއިރު، ޗައިނާ ބަހުން ވާހަކަ ދައްކާ 8 ކެބިން ކްރޫއިން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން 2 އިންޖިނިއަރުން ނެގި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެ ގެންނަ ވައިޑް ބޮޑީ އެއާކްރާފްޓަކީ 264 ފަސިންޖަރުންގެ ޖާގަ ހިމެނޭ އަދި ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭ ގާބިލުކަން ލިބިފައިވާ އެއާކްރާފްޓެކެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މީގެކުރިން ވިދާޅުވެފައި ވަނީ އެ ބޯޓުގެ ހިދުމަތް ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި އިގުތިސޯދުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މަންފާކޮށް، އާ ވިޔަފާރިތައް އުފެދިގެންދާނެ ކަމަށެވެ.
ވައިޑް ބޮޑީ އެއާކްރާފްޓުގެ ހިދުމަތް ރާއްޖޭގައި ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ސަރުކާރަށް އެއް އަަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިދިޔަ ނޮވެމްބަރު މަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތައް ފުޅާކުރާނެ ކަމުގަ އެވެ. އެގޮތުން ޗައިނާ އާއި ޔޫރަޕުގެ ބައެއް މަންޒިލްތަކަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުން ދަތުރުތައް ފަށާނެކަން ފާހަގަކުރައްވާފައިވެ އެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 24 ބޯޓު އޮންނައިރު، އޭގެ ތެރޭގައި ހިމެނެނީ އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި އޭޓީއާރު މަރުކާގެ 4 ބޯޓާއި ޑޭޝް މަރުކާގެ 6 ބޯޓުގެ އިތުރުން ޑޭޝް ޓްވިން އޮޓާގެ 11 ބޯޓެވެ.