އުމްރާވެރިއެއްގެ ތަޖުރިބާ: އުންމީދުކުރިވަރުގެ ދަތުރެއް ނޫން

އެއީ ޓްރެވެލާސް ނަމަކަށް ކިޔާ ގްރޫޕެކެވެ. ޑިސެމްބަރު މަހު އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ފުރި މީހަކު އެ ދަތުރުގެ ތަޖުރިބާތައް ކިޔައިދިނެވެ. އުމްރާއަށް ފުރުމުގެ ކުރިން ކަމާ ގުޅުންހުރި މައުލޫމާތު ދިނުމަށް ސިލްސިލާކޮށް "އޮންލައިން" ޖަލްސާތަކެއް ބޭއްވި ކަމަށެވެ. އެ ޖަލްސާތަކުން ވަރަށް ރަނގަޅު މައުލޫމާތު ވެސް ލިބުނެވެ.
ފެށި ގޮތުން ވެސް މިއީ ހިދުމަތްތައް ފުރިހަމަ ވާނެ އުމުރާ ދަތުރެއް ކަމުގެ އުންމީދެއް ލިބުނެވެ. އެކަމަކު ތާޖުއްދީން ސްކޫލަށް ގޮސްގެން ބޭއްވި ޖަލްސާއާ ހަމައިން ކުރެވުނު އުންމީދުތައް ފަނޑުވާން ފެށި ކަހަލަ އެވެ. އެ ޖަލްސާއަކުން މާ ބޮޑު ކަންކަން ސާފުނުކޮށްދިނަސް މާ ބޮޑު ކަމަކަށް ނުހަދަން އޭނާ އެ ވަގުތަށް ނިންމީ އެވެ.
"އެންމެ ކުޑަމިނުން ފުރަންދާން ޖެހެނީ އިހްރާމް އަޅައިގެންތޯ ނުވަތަ އެފަދަ މުހިންމު މައުލޫމާތުތައް އެހާ ސާފުކޮށް ކިޔައިދީފައެއް ނުވޭ. އެހެންނަމަވެސް އޭރު އެފަދަ ކަންކަން އެހާ ބޮޑު ކަމަކަށް ނަހަދަން،" އޭނާ ބުންޏެވެ.އުމްރާއަށް ފުރަން ގްރޫޕުން އެންގީ ޑިސެމްބަރު މަހުގެ 19 ގައި ފަތިހު 4:00 ޖަހާއިރަށެވެ. ގްރޫޕުން އެންގި ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޭނާ ވެސް ގަޑިއަށް ދިޔަ އެވެ. އޭރު އަދި ގްރޫޕުގެ ފަރާތުން މީހަކު އެތަނަކަށް ނާދެ އެވެ. ގްރޫޕުގެ މީހުންނަށް އާދެވުނީ 5:30 ވި ފަހުންނެވެ. ދަތުރަށް ފަށައި، ފުރަތަމަ ޖެއްސި ޓްރާންސިޓް މަންޒިލުން ޖިއްދާއަށް ދިޔަ ދަތުރުމަތީ މީގާތާ އަރާހަމަވުމުގެ 30 މިނެޓު ކުރިން ބޯޓު ދުއްވަންއިން ކެޕްޓަން އެކަން އިއުލާނުކުރި އެވެ. އެހައިރުން ފެށިގެން ވަގުތު ގުނަމުން ދިޔަ ބައެއް މީހުންނަށް މީގާތާ އަރާހަމަވުމުން، ގްރޫޕުގެ ފަރާތުން ނިޔަތް ގަތުމާއި އިހުރާމް ބަންނަންވީ ގޮތް ބުނެނުދިނުމުން ގިނަ ބަޔަކަށް ކަންކުރަންވީ ގޮތް އޮޅުމެއްނުފިލި އެވެ. އެ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ވެސް ތިއްބެވެ. އަދި ހިސާބަކަށް ނިދިޖެހިފައި ތިބި މީހުން ވެސް ތިއްބެވެ. އޭނާ ބުނި ގޮތުގައި ދިގު ދަތުރަކަށް ފަހު ޖިއްދާ އެއާޕޯޓަށް ފޭބުމަށް ފަހު ދެން ވާންވީ ގޮތެއް ވެސް ސާފުނުވި އެވެ. ގްރޫޕުން ކަނޑައަޅާ ލީޑަރެއް ހުންނާނެ ކަމަށް ބުނި ނަމަވެސް އެފަދަ މީހެއްގެ ފަރާތުން ލިބޭނެ ކަމަށް އުންމީދުކުރި ވަރުގެ އެހީތެރިކަމެއް ލިބިފައެއް ނުވެ އެވެ.
"އަޅުގަނޑުމެންނަކަށް ލީޑަރަކީ ކާކު ކަމެއް ނޭނގެ. ސާމާނުތައް ހިފައިގެން އުޅޭތީ ބެލިން އެއީ އޭ ލީޑަރަކީ. އެކަމަކު ލީޑަރެއްގެ ފަރާތުން ގައިޑްކޮށްދިނުމެއް އެކަހަލަ އެއްވެސް ކަމެއް ނެތް،" އޭނާ ބުންޏެވެ.ޖިއްދާއިން ބަހަށް އެރުވުމަށް ފަހު ވަކި އެއްޗެއް އެންގުމެއް ނެތި އެ ގޮތުގައި ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ވަންދެން ތިބެން ޖެހުނެވެ. ކަންބޮޑުވުން ބައެއް މީހުން ފާޅުކުރި ނަމަވެސް އެކަމާ ގުޅޭގޮތުން ގްރޫޕުގެ ފަރާތުން ޒިންމާދާރު ޖަވާބެއް ނުދިނެވެ. މައްކާގައި ތިބެން ހަމަޖެހިފައިވާ ހޮޓަލާ ހިސާބަށް ފޯރީ އެރޭގެ އިރާކޮޅެވެ. ކައި ހަދައިގެން 11 ޖަހާއިރު އުމްރާ ކުރަން ދިއުމަށް ތައްޔާރުވާން ގްރޫޕުގެ ފަރާތުން އެންގި އެވެ. ވުމާ އެކު އެ ގަޑިއަށް އެންމެން ހޮޓަލުގެ ތިރިއަށް ފޭބި އެވެ. ކުރި ދިގު ދަތުރަށް ފަހު ދެން އެ މީހުންނަށް ޖެހުނީ ފިނީގެ ތެރޭގައި ސަފު ހަދައިގެން ގްރޫޕުގެ މީހެއްގެ ހަބަރެއް ވޭތޯ މަޑުކުރާށެވެ. އެތައް އިރެއް ފާއިތުވެދިޔުމުން އެ ކަމާ ތަނުގައި ތިބި މީހުން ޝަކުވާ ކުރަން ފެށި އެވެ. އެ ހިސާބުން ޖަވާބަކަށްވީ އެ ތަނުގައި ހުރި މީހަކާ އެކު ހަރަމްފުޅަށް ދިއުމަށް ނުވަތަ އެ މީހަކު އަމިއްލައަށް ދިއުމަށެވެ. ކުރިން މައްކާއަށް ދަތުރުކޮށްފައި ތިބި އަދި ކަންކަން އެނގޭ ބައެއް މީހުން އަމިއްލައަށް ދިޔަ އެވެ. އެ ގޮތުގައި ތިބޭތާ ގާތްގަނޑަކަށް ގަޑިއިރެއް ފަހުން ގްރޫޕުގެ މީހެއް އެ ތަނަށް އަ އެވެ. "އެހާ ގިނައިރު ބޭތިއްބުމުން ވަރަށް ގިނަ މީހުން އުމްރާއަށް ދާންވީއިރު ތިބީ ވަރުބަލިވެ، ހަލާކުވާވަރުވެފަ އެވެ," އެހާތަނަށް މަޑުކޮށްގެން ތިބި ހުރިހާ އެންމެން އޭނާގެ ހަވާލުގައި ހަރަމަށް ދިޔަ އެވެ. ނަމަވެސް ތޮވާފްކުރަން ވަނުމާ އެކު، އުޅެން ޖެހުނީ އެ މީހަކާ އެ މީހެކެވެ.
"ސޮފާ މަރުވާ ނުފެނިގެން ދެ ގަޑިއިރު ވަންދެން ހަރަމްފުޅު ތެރޭގައި ވެސް ތިބި މީހުން ވެސް ތިބި. ފަތިސްވީއިރު ވެސް އިހްރާމް ނުކެނޑިގެން އުޅުނު މީހުން ތިބި. ކަންކުރަންވާ ގޮތް ފުރަތަމަ ފަހަރުވީމަ ނޭނގިގެން،" ގްރޫޕުގެ ފަރާތުން އެކަމުގައި އެއްވެސް އަޅާލުމެއް ނުލިބޭ ކަން ފާހަގަކޮށް ބުންޏެވެ.މަދީނާ ދަތުރުގެ ތަޖުރިބާ؛ ޕެކޭޖުގެ ގިނަ ކަންކަން ނުދޭ! ހަރަމްފުޅަށް ގޮސްފައި ހެނދުނު އައިތަނައިހެން މަދީނާއަށް ފުރަން ޖެހުނެވެ. އޭރު ބައެއް މީހުން އަރާމުކޮށްލުމަށް ނިދައިފި އެވެ. ގްރޫޕުން ފޮނުވާފައިވާ މެސެޖު އެފަދަ މީހުންނަށް ފެންނާނީ ވަގުތު ވަރަށް ކުޑަތަންވާ ފަހުންނެވެ. ދަތުރު އޮތީ މެންދުރު ފަހު 1 ޖަހާއިރު ކަމަށާއި ފުރުމުގެ ކުރިން ހުރިހާ ސާމާނެއް ޕެކްކޮށް ރޫމުން ޗެކްއައުޓްވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. ގަޑިއަށް ސަމާލުވެ، ފޮށިތައް ހިފައިގެން ތިރިއަށް ފައިބަން އެންމެން ވެސް އަވަސްވެގަތެވެ. ނަމަވެސް ބަހުގެ އިންތިޒާރުގައި އަނެއްކާ ވެސް މަޑުކޮށްލަން ޖެހުނެވެ. އެއް ބަޔަކަށް ބަހަށް އެރޭވަރުވީ 3 ޖެހި ފަހުންނެވެ. އަނެއް ބަޔަކަށް ހަވީރު 6 ޖެހިއިރު ވެސް ނުފުރި އިންތިޒާރުގައި ތިބެން ޖެހުނެވެ. އޭގެ ތެރޭގައި އުމްރާގެ ދަތުރަށް މާލެއިން ފުރުމުގެ ކުރިން ރޭލުގައި މަދީނާއަށް ދަތުރުކުރަން ގާތްގަނޑަކަށް 3،000 ރުފިޔާ ދައްކައިގެން ތިބި މީހުން ވެސް ހިމެނެ އެވެ. އެ މީހުންނަށް ރޭލު ހަމަނުޖެހޭކަން ދުރާލާ އަންގާފައެއް ނުވެ އެވެ. ދިން ފުރުސަތަކީ ދެ ދުވަސް ފަހުން ރޭލު ހަމަޖެހުމުން ދަތުރު ހަމަޖައްސައިދޭނެ ކަމެވެ. އެހެނަސް ރޫމުން ޗެކްއައުޓްވެފައި ތިބުމުންނާއި ހުށަހެޅި ގޮތް ބޭނުން ނުވާތީ ބައެއް މީހުން ހިޔާރުކުރީ ބަހުގައި ދަތުރު ކުރާށެވެ. މަދީނާއަށް ދެވުނީ އެ ރޭ 10 ޖަހަން ގާތްވެފައި ވަނިކޮށެވެ. އެހާތަނަށް އެ ދަތުރުގެ އިންތިޒާމްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ގްރޫޕުން ދީފައެއް ނުވެ އެވެ. އެހެންކަމުން ގިނަ ބަޔެއްގެ ހިޔާލާ އެއްގޮތަށް އޭނާ ވެސް ނިންމީ ފަތިހަށް ހޭލުމަށް އަރާމުކުރަން ދިޔުމަށެވެ. އެހެން ނަމަވެސް ފަތިސް ނަމާދަށް ފަހު ގެނުވީ އިތުރު ނުތަނަވަސް ކަމެކެވެ. ދިމާވި ރަހުމަތްތެރިއެއްގެ ފަރާތުން އެނގުނީ ގިނަ ބަޔަކު ދިޔަ ފަހުން ރޭ ނަބަވީ ޓުއާއެއް ދިން ކަމެވެ. އެކަން ކުރިކަން އެނގިފައި ނެތުމުން، އެ ރަހުމަތްތެރިޔާ އާއެކު އެ ތަންތަނަށް ޒިޔާރަތްކުރި އެވެ. ދަތުރު ރޭވިފައި އޮތް ގޮތާ މެދު އުފެދުނު އެ ކަންބޮޑުވުމަށް ތަސައްލީއެއް ހޯދަން ގްރޫޕުގެ މީހަކަށް ގުޅި އެވެ. ޖަވާބަކަށްވީ މަދީނާ ޒިޔާރަތް ދަތުރު ނޯންނާނެ ކަމަށެވެ. އެކަމަކު އޭނާ ފާހަގަކުރީ މައްކާ މަދީނާ ޒިޔާރަތަކީ ޕެކޭޖު ތެރޭގައި ހިމެނޭ ކަންކަމުގެ ގޮތުގަ އެވެ. މަދީނާ ދަތުރުގެ ތެރެއިން ތަފާތު ކަމަކަށް ދިމާވީ ރައުޟާގެ ޒިޔާރަތާ ގުޅިގެން ކުރަން ޖެހުނު ތަޖުރިބާ އެވެ. އެ ތަނަށް ދިއުމުގެ އެއްވެސް މައުލޫމާތެއް ކުރިން ދިނުމަކާ ނުމެލައި، ކުއްލިއަށް އެންގީ އެ ރޭގެ މެންދަމު 1 ޖަހާއިރަށް ފިރެހެނުން އަދި ފަތިހު 5 ޖަހާއިރު އަންހެނުންނަށް އެ ފުރުސަތު ލިބޭނެ ކަމަށެވެ. ވުމާ އެކު އެކަމަށް ތައްޔާރުވެ ތިބުމަށެވެ. އޭނާ ކިޔައިދިން ގޮތުގައި ނަބަވީއަށް ގޮސް ނަމާދު ކުރުމަށްފަހު، ދެ ތިން ދިމާލަކުން ސަފުގައި ގޮސް ރައުޟާއަށް ވަންނަން މަސައްކަތް ކުރި ކަމުގަ އެވެ. އެހެނަސް އެކަން ކާމިޔާބުވާ ގޮތް ނުވި ކަމުގަ އެވެ. އެގޮތުގައި މަސައްކަތްކޮށް ހެނދުނު 8:30 ވިއިރު ވެސް އެއްވެސް އަންހެނަކަށް އެ ފުރުސަތު ނުލިބުމުން ކަންބޮޑުވުމާ އެކު އެނބުރި ހޮޓަލަށް އައީ ކަމުގަ އެވެ.
"ކަންބޮޑުވުން ގްރޫޕާ ހިއްސާކުރުމުން މައުލޫމާތު ލިބުނީ ފިރެހެނުން ވަދެފައި އޮތް ޕާމިޓަކަށް އަންހެނުން ވައްދަން ގެންދިޔައީ ނުލިބޭ ޗާންސަކަށް ކަމަށް. ދެން ބުނީ އަންހެނުން މިހާރު ނުވައްދައޭ ރައުޟާއަކަށް، އެކަމަކު އެހެން ގްރޫޕުތަކުގެ އަންހެނުން ރައުޟާއަށް ވަންނަ ތަން ފެނޭ،"ބައެއް މީހުން އެކަމާ ކަންބޮޑުވެގެން އުޅުމުން ރައުޟާއަށް ނުވަދެވުނު މީހުންނަށް ޕާމިޓް ހަމަޖެހުމުން އިތުރު ދަތުރެއްގައި ގެނެސް އެކަން ކޮށްދޭނެ ކަމަށް ގްރޫޕުން ބުނިކަން އޭނާ ފާހަގަކުރި އެވެ. ހޮޓަލަށް އާދެވުނުއިރު ހެނދުނުގެ ނާސްތާގެ އިންތިޒާމްތައް އޮތީ ނިމިފައި ކަމުން ބައެއް މީހުންނަށް ލިބުނީ ބާކީ ހުރި މަދު އެއްޗެކެވެ. އެވެސް ލިބުނީ ކުރިން އާދެވުނު މީހުންނަށެވެ. ބައެއް މީހުންނަށް ކާން ޖެހުނީ ތިރިއަށް ގޮސް އަމިއްލަ ހަރަދުގަ އެވެ. އޭނާ ބުނި ގޮތުގައި އެ ދުވަހު އެންމެ ބޭނުންވި ގޮތަށް ކަންތައް ނުވި ނަމަވެސް މަދީނާގައި ކިޔަވަން އުޅުނު ކުއްޖެއްގެ ހަވާލުގައި ގުބާއަށާއި އުހުދަށް ރަނގަޅު ޓުއާއެއް ދިން ކަމުގަ އެވެ. މަދީނާ ދަތުރު ނިންމައި، އަނބުރާ މައްކާއަށް ދިއުމަށް ދަތުރުފެށީ މެންދުރުފަހު 2 ޖެހިއިރު އެވެ. މައްކާއަށް ދެވުނީ މެންދަމުން އަލިވެ 3 ޖެހިއިރު އެވެ. މައްކާއަށް އެނބުރި ދިޔައިރު، މަދީނާގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރި އެވެ. ހުރިހާ ކަމެއްގައި ވެސް ދޯދިޔާގޮތް މަދީނާއިން މައްކާއަށް ކުރި ދަތުރުގައި ގްރޫޕުގެ ފަރާތުން ބޯފެން ފޮދެއް ނުވަތަ ކާނެ އެއްވެސް އެއްޗެއް ހަމަޖައްސައިދީފައި ނުވެ އެވެ. ތިން ބަހުގައި މީހުން ދަތުރުކުރިއިރު، ގިނަ މީހުން ކައިބޮއި ހެދީ ހުއްޓި ތަންތަނުން އަމިއްލަ ހަރަދުގަ އެވެ. އުމްރާ ކުރުމަށް ފަހު ހޮޓަލަށް އާދެވުނުއިރު ހުރީ ހެނދުނު 8:30 ވާން ގާތްވެފަ އެވެ. އޭރު އޮތީ ތޯއިފަށް ދަތުރު ކުރަން ނަން ޖަހާފަ އެވެ.
"8:30 އަށް އެ ދަތުރު ކުރަން އޮތްއިރު، އެ ދަތުރަކީ ބޮލަކަށް 800 ރުފިޔާއަށް ވުރެ ގިނައިން ދައްކާފައިވާ ދަތުރެއް. އުމްރާވެރިން ވާނެ ވަރުބައްޔާއި ކަންކަމަށް ގްރޫޕުން ވިސްނާފައެއް ނެތް،"ތޯއިފެކޭ އެއްގޮތަށް ޖިއްދާއަށް ކުރަން އޮތް ދަތުރުގައި ވެސް ދިމާވީ އެފަދަ ގޮތެކެވެ. ތަންތަނަށް ކުރާ ޓުއާތައް ކުރިގެންދަން ރާވާފައިވާ ގޮތް އެއްވެސް އިރަކު ރަނގަޅަކަށް ނޭނގެ އެވެ. ކުރިއަށް އޮންނަ ދުވަހު ކުރަން ނިންމާފައިވާ ކަންކަމުގެ މައުލޫމާތު އެއްވެސް ވަރަކަށް ހިއްސާއެއް ނުކުރެ އެވެ. އަނެއް ދުވަހު ދާ ތަންތަން ގިނަ ފަހަރު އެނގެނީ، ރޭގަނޑު ނިދާ ފަހުންނެވެ. ނުވަތަ އޮންނަނީ ދާންވީމާ ދާގޮތަށް، ކަންކުރާ އުސޫލެކެވެ. ކުރާ ޓުއާތަކެކޭ އެއްގޮތަށް ތިބޭ ކޮޓަރި ހަމަޖެއްސުމުގައި ވެސް މައްސަލަަތަކާ ކުރިމަތިލާން ޖެހެ އެވެ. އެ ދެ ކަންތަކަށް ވެސް ފައިސާ ދެއްކީ ވަކިންނެވެ. އެއީ ދަތުރަށް ދެއްކި ފައިސާގެ ބޭރުންނެވެ. ދަތުރުތަކުގައި ބަހަށް މަޑުކުރަން ޖެހޭ ޖެހުމާއި ރޭލުން ދަތުރު ކުރުމުގައި ދިމާވި ހުރަހާ އަދި ކެއިންބުއިމުގެ ކަންކަމުގައި ތަރުތީބު ކުރެވިފައިވާ އިންތިޒާމެއް ނެތުމެވެ. އެހެން ބަޔަކަށް ދިމާވި ކަމެކެވެ. ދަތުރަށް ތައްޔާރުވެ، ފުރަން ދިޔަ އެވެ. ނަމަވެސް ފްލައިޓް ކެންސަލްވެ ފުރޭ ގޮތް ނުވީ އެވެ. އެކަމަކު އެކަން ގްރޫޕުގެ ފަރާތުން ކުރިއާލައި އެ މީހުންނަށް އަންގާފައެއް ނުވެ އެވެ. ދަތުރު ހަމަޖެހި، ސައުދީއަށް ދެވުނީ އޭގެ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ. ދަތުރާ ގުޅުންހުރި އެފަދަ ކަންކަމާ އަދި ދަތުރުގެ ތެރެއިން ދިމާވާ ކަންކަމުގައި ކޮންމެ ފަހަރަކު ޖެހެނީ ޝަކުވާ ކުރާށެވެ. ޝެއިހަކު ހަމަޖައްސައިދޭން ތަކުރާރުކޮށް އެދި އެކަން ހަމަޖައްސައެއް ނުދެވުނެވެ. ކަންކަމުގައި އިސްނަގައިގެން އެކުގައި ކުރިއަށްދާނެ ލީޑަރެއް ނެތެވެ. "އެއްވެސް ރޭވުންތެރި ކަމެއް ނެތް. ގްރޫޕުގެ ތެރޭގައި އޮތީ ނުތަނަވަސްކަން،" ގިނަ ކަންކަން ސިފަކޮށްދިނީ މިހެންނެވެ. ބުނީ ކަންކަމުގައި އަޑުއުފުލާތީ، ކޮންމެވެސް ވަރަކަށް ކަންކަން ރަނގަޅުކުރި ކަމަށެވެ. ނަމަވެސް އަދިވެސް ފެންނަނީ ގެންގޮސްފައި ތިބި މީހުން މެނޭޖްނުކުރެވިގެން އުޅޭ މަންޒަރު ކަމަށެވެ. އެންމެންނަކީ ދިމާވާ ކަންކަމުގައި އަޑުއުފުލަން ކެރޭ ބައެއް ނޫނެވެ. ކުރިމަތިވާ ކަންކަމާ ވިދިގެން "ހިތްހަމަ ނުޖެހުން ފާޅުކުރާ ކޮންމެ ފަހަރަކު ކެތްތެރިކަމާ ގުޅޭގޮތުން ގްރޫޕުގެ ފަރާތުން އަންހެނަކު ވާހަކަ ދައްކާ،" އޭނާ ފާހަގަކުރި އެވެ. މިއީ ގްރޫޕުގެ އެންމެ މީހެއްގެ ހުރި ކަންބޮޑުވުންތަކެއްގެ ވާހަކަތަކެއް ނޫނެވެ. އެހެނަސް އެތައް ބަޔަކަށް ކުރަން ޖެހުނު ތަޖުރިބާއެކެވެ. ކޮންމެ މީހަކުމެ، އުމްރާއަށް ދަނީ ފައިސާ އެއްކޮށްގެން ވަރަށް އުންމީދުގަ އެވެ. އަޅުކަން ފުރިހަމަ ގޮތުގައި އަދާ ކުރެވޭނެ ކަމުގެ އެވެ. ގްރޫޕުން މަގުދައްކައިދީ އެހީތެރިކަން ލިބޭނެ ކަމުގެ އެވެ. އެކަމަކު ކަންވެ ނިމިދަނީ ކުރި އުންމީދުތަކާ ދުރަށް، ވަރަށް ދެރަވަރު ކޮށެވެ. އޭނާގެ އެދުމަކީ އިތުރު ބަޔަކަށް މިފަދަ ތަކުލީފެއް އުފުލަން ނުޖެހުމެވެ. ކަމާ ގުޅުންހުރި އިދާރާތައް ސަމާލު ކަމަށް ގެނައުމެވެ. އިހުމާލުވާ ފަރާތްތަކުގެ ކަންކަން ބެލުމެވެ. މިފަދަ ކަމެއް ދެން ނުހިނގާނޭ މަގަކުން ކަންކަން ރޭވި ކަށަވަރު ކުރެވިގެން ދިއުމެވެ.






ކޮމެންޓް