Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

އީ-ގަވަނަންސް އާއި އައިސީޓީ އިންފްރާސްޓްރަކްޗާއަށް އެސްޓޯނިއާގެ ތަޖުރިބާ މުހިންމު

އީ-ގަވަނަންސް އާއި އައިސީޓީ އިންފްރާސްޓްރަކްޗާއަށް އެސްޓޯނިއާގެ ތަޖުރިބާ މުހިންމު

ރާއްޖޭގެ އީ-ގަވަނަންސް އާއި އައިސީޓީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް އެސްޓޯނިއާގެ ތަޖުރިބާގެ ބޭނުން ހިއްޕެވުމުގެ ޝައުގުވެރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޅުކުރައްވައިފި އެވެ.

ރައީސް އެކަން ހިއްސާކުރެއްވީ އެސްޓޯނިއާއަށް މިހާރު ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލް ތޮނީސް ސާރް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ގޮތުން ބާރުވެރި ގައުމަކަށް ރާއްޖެ ހެއްދެވުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވި އެވެ. އަދި އާންމު ހިދުމަތުގައި ޑިޖިޓަލައިޒޭޝަނަށް އިސްކަންދިނުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

Advertisement
Allied Insurance — Square (box)

ޑިޖިޓަލައިޒްވުމަށް އެސްޓޯނިއާއިން އަދާކުރަމުންދާ އިސްދައުރަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ. އެ ގައުމުން ގެންގުޅޭ އީޖާދީ ވިސްނުންތައް ބިނާވެފައި ވަނީ ދެފުށް ފެންނަ، ނަތީޖާ ނެރެވޭ، އިތުބާރުހުރި މިންގަނޑުތަކެއްގެ މަތީގަައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ރާއްޖޭގެ އީ-ގަވަނަންސް އާއި އައިސީޓީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް އެސްޓޯނިއާގެ ތަޖުރިބާގެ ބޭނުން ހިއްޕެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި ސައިބަ ސެކިއުރިޓީ އާއި ޑިޖިޓަލް ލިޓްރަސީ ކުރިއެރުވުމާއި ލޯކަލް ގަވަމެންޓްތަކުގެ ޑިޖިޓަލް ގާބިލުކަން ހަރުދަނާކޮށް، ފެތުރިފައިވާ އާބާދީއަކަށް އާންމު ހިދުމަތް ފޯރުކޮށްދިނުން އިތުރުކުރުން ފަދަ ކަންކަން، ގައުމުގެ ތަރައްގީގެ ލަނޑުދަނޑިތަކާ އެއް ހަމަ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ.

އެސްޓޯނިއާގެ ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކައިގައި، އެކި ދާއިރާތަކުން ޑިޖިޓަލް ސިސްޓަމްތައް ތަންފީޒު ކުރުމުގައި އެ ގައުމުން ކުރި ތަޖުރިބާތަކާއި ކުރިމަތިލި ގޮންޖެހުންތައް ހިއްސާކުރެއްވި އެވެ. އޭގެ އިތުރުން ވެރިކަން ހިންގުމާއި އާންމު ދިރިއުޅުމަށް އެ ކަންކަމުން ކުރުވި އަސަރުތަކަށް އަލިއަޅުއްވާލެއްވި އެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަގުސަދުތައް ހާސިލުކުރުމުގައި އެސްޓޯނިއާގެ ތަޖުރިބާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

އެ ބައްދަލުކުރެއްވުމަށްފަހު، އެސްޓޯނިއާގެ ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓްރީ އާއި ރާއްޖޭގެ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް