އެމްޑީޕީގެ ޖަގަހައަށް ކަޅުތެޔޮ ޖެހި މައްސަލަ ބަލަނީ
ޗާންދަނީ މަގުގައި ހުންނަ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ "ދަނޑިކޮށި" ޖަގަހައިގެ ބޭރަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މީހުންގެ ނަން މަތީގައި ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް މެމްބަރުން އިތުރުކުރަމުން އަންނަ ކަމަށް ބުނެ ދަނޑިކޮށި ޖަގަހައިގެ ބޭރުގައި ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ ބައެއް މީހުންގެ ފޮޓޯ ވަނީ ޖަހާފަ އެވެ. އެކަން ކުރަމުން ދަނީ އެ މީހުން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ރޭގެ ވަގުތެއްގައި ކަޅުތެޔޮ ޖަހާފައި ވަނީ އެގޮތަށް ހުރި ފޮޓޯތަކަށެވެ.
ފުލުހުން މިއަދު ބުނީ އެމްޑީޕީ ދަނޑިކޮށި ޖަގަހައަށް ކަޅުތެޔޮ ޖެހި މައްސަލަ އެ އިދާރާއަށް ރިޕޯޓުކުރީ ރޭ 1:00 ޖަހާކަށްހާއިރު ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރުކުރަން ކުރިއަށް ގެންދާ މެމްބަޝިޕް ޑްރައިވްގެ ތެރެއިން ބައެއް މީހުންނަށް ނޭނގި އެ ޕާޓީއަށް ވައްދާފައިވާ ކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ދަނީ ކުރަމުންނެވެ.
އޭގެ ތެރޭގައި އާންމުންނާއި އެމްޑީޕީއަށް ނިސްބަތްވާ މީހުންނާއި އެ ޕާޓީގެ ގައުމީ މަޖިލިހުގެ ބައެއް މެމްބަރުންނާއި ރައްޔިތުންގެ މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) ހިމެނެ އެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ބުނެފައި ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސަމާލު ކަމަށް އެ ޕާޓީން އެކި ފަހަރު މަތިން ގެނެސްފައިވާ ކަމަށެވެ. އެ ކޮމިޝަނުގެ މެމްބަރުންނާ އެމްޑީޕީން ހޯމަ ދުވަހު ބައްދަލުކޮށްފައި ވެސް ވެ އެވެ.
ކޮންގްރެސް ޕާޓީން އިއްޔެ ބުނީ ހުޅުވާލައިގެން ޕާޓީގެ އެކްޓިވިސްޓުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ބައިވެރިވުމާ އެކު ހިންގި މެމްބަޝިޕް ޑްރައިވްގައި ޕާޓީއަށް ހުށަހެޅުނު އެތައް ހާސް ފޯމެއް އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ފޯމުތަކުގެ ތެރޭގައި މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން އެ ޕާޓީއަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިހާތަނަށް އެކި ފަރާތްތަކުން ސައްހަ ނޫން ފޯމުތަކެއް އެ ޕާޓީގެ ނަމުގައި އީސީއަށް ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށް އެ ކޮމިޝަނަށާއި ފުލުހުންނަށް ޝަކުވާތަކެއް ލޮގްކޮށްފައިވާ ކަމަށެވެ. އަދި އެކަން އެ ޕާޓީއަށް އަންގާފައިވާ ކަމަށެވެ.
އެ ޕާޓީން ވެސް މިފަދަ ފޯމުތައް ހުށަހެޅިފައިވާ ގޮތް ބަލަމުންދާކަން ފާހަގަކޮށް، މައްސަލައިގައި އީސީއަށާއި ފުލުހަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ކޮންގްރެސް ޕާޓީން ބުނެފައިވެ އެވެ.