ވަގު ފޯމުތަކެއް ހުށަހަޅައިގެން ބަޔަކު ވެއްދި މައްސަލައިގައި ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ޑިމޮކްރެޓްސް ޕާޓީއިން ގޮވާލައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ ދަށުން އުފެއްދެވި ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެކަން ހިނގައި ދިޔައީ ހޯމް މިނިސްޓަރު އިސްވެ ހުންނަވާ އެވުޒާރާ ހިންގާ އޮފީހުގެ ތެރޭގައި، ސަރުކާރުގެ ރަސްމީ ލިޔެކިޔުމާއި ޑޭޓާބޭސްތަކުން މައުލޫމާތު ވަގަށް ނަގައިގެން ކަމަށެވެ.
"މިއީ ދާހިލީ ވަޒީރުގެ ބެއްލެވުމުގެ ދަށުން ރޭވިގެން ހިންގާފައިވާ ކުށުގެ އަމަލެއްކަމަށް ވިޔަސް ނުވަތަ ވަޒީރުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރެއްވުމުގެ ސަބަބުން ހިންގާފައިވާ އަމަލެއް ކަމަށް ވިޔަސް، އެކަމުގެ ސަބަބުން ދާހިލީ ވަޒީރު މަގާމުން އިސްތިއުވާ ދެއްވަން ޖެހޭ ވަރުގެ ސަބަބެއްކަމަށް ދެކެމެވެ." ޑިމޮކްރެޓްސްއިން ބުނެފައި ވެއެވެ.
ހޯމް މިނިސްޓްރީއަކީ ޑީއެންއާރްގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)، ފުލުހުން އަދި މޯލްޑީވްސް ކަރެކްޝަނަލް ސާވިސްގެ ވެސް ބެލެނިވެރި ފަރާތް ކަމުން މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންވެ މަސްއޫލިއްޔަތުތަކާ މި ޒިންމާތަކުން އަލީ އިހުސާނު ދުރުކޮށް، ތަހުގީގު ހިންގުމަށާއި މިކަން ސީރިއަސް ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހްގީގުކުރުމަށް ފުލުހުންނަށް ޑިމޮކްރެޓްސް އިން ގޮވާލި އެވެ.
ވަގު ފޯމު ހުށަހެޅުމުގެ މައްސަލަ އަބަދުވެސް ބޮޑު އިރު މި ފަހުން އެ މައްސަލަ ހޫނުވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) ހިމެނޭހެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް ސީނިއާ މެމްބަރުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާ ކަން ފެންމަތިވެގެނެވެ.
މި މައްސަލާގައި ޕީއެންސީން ބުނެފައިވަނީ ފޯމުތަކުގެ ސައްހަ ކަން ކަށަވަރު ކުރުމުގެ ގާބިލްކަން ނެތުމުން ދިމާވި ކަމެއް ކަމަށެވެ. ނަމަވެސް ޕާޓީއަށް ބަޔަކު ނުރުހުމުގައި ނޭނގޭ ގޮތަށް ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެއްދުމުގެ ނިޔަތެއް ޕާޓީގެ ލީޑާޝިޕްގައާއި ރައީސް މުހައްމަދު މުއިއްޒުގެ ނެތް ކަމަށް ބުންޏެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުން ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އީސީގެ ސަމާލުކަމަށް އެ ޕާޓީން ވަނީ އެކި ފަހަރު މަތިން އޮތީ ގެނެސްފަ އެވެ.