ފަލަސްތީނަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހޭ: ރައީސް

އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ ފަލަސްތީނުގެ ގާޒާއަށްދޭ ހަމަލާތައް ހުއްޓާލަން ނިންމުމާ ގުޅިގެން، އެމަނިކުފާނުގެ ޝުއޫރުފާޅުކުރައްވައި "އެކްސް" ގައި ރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. އެމަނިކުފާނު ވަނީ، ހަމަލާތައް ހުއްޓާލުމަކީ ހިތްޕުޅަށް ލިބިވަޑައިގަތް ހަމަޖެހުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ހަމަލާތައް ހުއްޓާލުމަށް ނިންމި ނިންމުން ދެމެހެއްޓުމަށާއި ގެދޮރު ގެއްލިފައިވާ މީހުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ ފުރުސަތު ފަހިކޮށްދިނުމަށާ އަދި އިންސާނީ އެހީއަށް ފުރުސަތު ދިނުމަށް، ބައިނަލްއަގުވާމީ މުޖުތަމައުގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމުގަ އެވެ. އަދި އިޒްރޭލުން ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކާއި ބިނާރު، އަލުން އާރާސްތުކުރުމަށް ބޭނުންވާ އަވަސް އެހީ ފަލަސްތީނަށް ފޯރުކޮށްދިނުމަށް ވެސް ގޮވާލެއްވި އެވެ.
ފާއިތުވެ ދިޔަ 15 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ވަނީ، ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އދ. ގެ ސަލާމަތީ މަޖިލިހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން ރައީސް ވަނީ ގައުމަކުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ހިނދު، އެކަން ތަހައްމަލުކޮށްގެން ތިބެގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ ހާލަތެއްގައި، އެ ގައުމެއްގެ ކުޑަބޮޑު މިނަކީ ނުވަތަ އެ ގައުމެއްގެ މުއްސަނދިކަމަކީ ބަހަނާއަކަށް ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރައީސް ވަނީ އދ. ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ގޮވާލައްވާފަ އެވެ.
ފަލަސްތީނުގައި ހިންގަމުން ގެންދިޔަ ގަތުލުއާންމާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުތަކަށް ހުށަހެޅި ބޮޑެތި މައްސަލަތަކުގައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކޮށްދިނުމަށް ރާއްޖެއިން ވަނީ ތަދައްހުލުވެފަ އެވެ.