ވިއްސާރަވާނެކަމަށް ލަފާކޮށްފައިވާތީ ސްޓެލްކޯއިން ޓާސްކްފޯހެއް އެކުލަވާލައިފި
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާއްސަ ޓާސްކްފޯހެއް މިއަދު އެކުލަވާލައިފި އެވެ.
ސްޓެލްކޯއިން ބުނީ މިއީ މެޓް އޮފީހުން ވިއްސާރާ ކުރާނެކަމަށް ލަފާކޮށްފައިވާތީ އެކަމާ ގުޅިގެން ދިމާވާ ފެންބޮޑުވުން ކޮންޓްރޯލްކުރުމާއި އެހެނިހެން ހާދިސާތަކަށް ދުރާލާ ފިޔަވަޅު އެޅުމަށް އެކުންފުނީގެ މެނޭޖްމެންޓްއިން އެކުލަވާލާފައިވާ ޓާސްކް ފޯހެއް ކަމަށެވެ.
މި ޓާސްކް ފޯސްގެ ދަށުން މައިގަނޑުކޮށް ކުރެވޭނެ މަސައްކަތްތަކަކީ ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހުރި އެ ކުންފުނީގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މީގެ އިތުރުން ސްޓެލްކޯއިން ބުނީ އެހެން ފަހަރުތަކަކޭ އެއްގޮތައް ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ރަށެއްގެ އެ ކުންފުނީގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށެވެ.
މި ވިއްސާރަގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުންވެސް ވަނީ ޓާސްކް ފޯހެއް އެކުލަވާލާފަ އެވެ. އަދި މާލޭގައި ފެންބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވީތީ އެކަމާ ކައުންސިލްގެ ފަރާތުން ސްޓެލްކޯއަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މެޓުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިރުން ހުޅަނގު ދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.