އާ ބާވަތެއްގެ މަހެއް އަނެއްކާވެސް ރާއްޖެއިން ފެނިއްޖެ
މިހާތަނަށް ދުނިޔޭގައި ރެކޯޑު ކުރެވިފައި ނުވާ އާ ބާވަތެއްގެ މަހެއް އަނެއްކާވެސް ރާއްޖެއިން ފެނިއްޖެ އެވެ.
މި މަސް ފެނުނީ އަރިއަތޮޅު އުތުރުބުރިން ފެށިގެން ނިލަންދެ އަތޮޅުގެ އުތުރުބުރީގެ ސަރަހައްދުތަކުގައި ހިމެނޭ ފަރުތަކުންނެވެ.
މެރިން ޖާނަލް މޯލްޑިވްސްއިން އިއްޔެ ބުނީ މި މަސް ފެނިފައި ވަނީ ބޭރުގެ ސައިންޓިސްޓުންނާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ކުރި ދިރާސާއެއްގެ ތެރެއިން ކަމަށެވެ.
މަސް ފެނުނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުންނެވެ. އެއީ 100 މީޓަރާއި 125 މީޓަރާ ދެމެދުގެ ފުންމިނެއް ކަމަށް މެރިން ޖާނަލްގައިވެ އެވެ. މި ފުންމިނަކީ ވަރަށް ތަފާތު ދިރުންތަކެއް އުޅޭ ސަރަހައްދެއްކަން މިފަދަ ހޯދުންތަކުން ސާބިތުކޮށްދޭ ކަމަށެވެ.
އަލަށް ފެނުނު މަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ޕްލެކްޓްރަންތިއަސް ރަކި" އެވެ. ދިވެހި ނަމަކީ "ރަކި ބުރަކި" އެވެ. މިއީ 2-3 އިންޗިއަށް ބޮޑުވާ މަހެކެވެ.
ރަކި ބުރަކީގެ ނަން މަހަށް ދީފައި ވަނީ ޑައިވަރުން ފެންނައިރަށް ވަރަށް އަވަހަށް ފިލާ މަހަކަށް ވާތީ ކަމަށް ދިރާސާކުރި ފަރާތްތަކުން ހާމަކުރެ އެވެ. އެކަން މި މަސް ކުރަނީ ރަކި ކަމާ ގުޅުވައިގެން ކަމަށް ބަލައި މަހަށް ރަކި ބުރަކި ކިޔުނީ ކަމަށް ބުނެފައިވެ އެވެ.
އިތުރަށް ބުނި ގޮތުގައި ކަނޑުފަޅުގެ އެ ދިރާސާގެ ތެރެއިން ގިނަ ސަރަހައްދުތަކަކުން ރަކި ބުރެކި ރެކޯޑު ކުރެވިފައިވާ ކަމުގަ އެވެ.
މިއީ ހަމައެކަނި ރާއްޖެއިން ފެނިފައިވާ މަހެކެވެ. ބުރެކީގެ ތަފާތު ވައްތަރުތައް ރެކޯޑު ކުރެވިފައިވާއިރު، މިއީ ވަރަށް ކުލަތައް ރީތި މަސްތަކެއް ކަމަށްވެ އެވެ.
ހުސްވި ޑިސެމްބަރު މަހުގެ ކުރީކޮޅު ވެސް ދުނިޔެއިން އަލަށް ރެކޯޑު ކުރެވުނު މަހެއް ރާއްޖެއިން ފެނިފައިވެ އެވެ.
އެ މަހަށް ދިން ސައިންޓިފިކް ނަމަކީ "ކްރޯމިސް އަބަދަށް" އެވެ. އެ މަސް ފެނިފައި ވަނީ ފާދިއްޕޮޅުން ފެށިގެން ނިލަންދެ އަތޮޅު ދެކުނުބުރީގެ ސަރަހައްދުތައް ހިމެނޭ ގޮތަށް 180 ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ.