ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބު އަނެއްކާވެސް ދަށަށް ހިނގައްޖެ އެވެ.
ޒަކާތް ނެރުން ވާޖިބު ވަނީ މުދަލުގައި ނިސާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެ މުދަލެއް ހުރެ ހިޖުރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ. ޒަކާތް ދައްކާ މުދަލުގެ ބާވަތް ތަފާތުވުމުގެ ސަބަބުން ޒަކާތުގެ ނިސާބު ތަފާތުވެ އެވެ.
މުދަލު ޒަކާތުގެ ނިސާބަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެންމެފަހުން ބަދަލު ގެނެސްފައި ވަނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ޒަކާތް ނެރުން ވާޖިބުވާ ނިސާބެއް ކަނޑައަޅާފައި ވަނީ 9240.35 ރުފިޔާ އެވެ.
އެ ބަދަލުގެ ކުރިން ނިމުނު އަހަރުގެ ތެރޭގައި ދެ ފަހަރަކު ނިސާބަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން މެއި މަހު ކަނޑައަޅާފައި ވަނީ 9،353.40 ރުފިޔާ ކަމުގަ އެވެ. ޖެނުއަރީ މަހު މުދަލު ޒަކާތް ވާޖިބުވާ މިންވަރެއްގެ ގޮތުގައި ކަނޑައެޅީ 7،140 ރުފިޔާ އެވެ.
ރާއްޖޭގެ ޒަކާތު ހައުސްއިން އިއްޔެ ވަނީ އަނެއްކާވެސް މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފަ އެވެ. މިފަހަރު ކަނޑައަޅާފައި ވަނީ 8،800.05 ރުފިޔާ އެވެ.
ޒަކާތު ހައުސްއިން ބުނީ ނިސާބަށް ބަދަލު ގެނައީ ޝަރުއީ ނައްސުތަކަށް ރިއާޔަތްކޮށް، މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ އިދާރާއިން އަމަލުކުރަމުންދާ އުސޫލުގެ ދަށުން ކަމަށެވެ.
".. ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، ރިހީގެ ގްރާމަކަށް 14.79 ގެ ރޭޓުން 595 ގްރާމަށްވާ 8،800.05 ރުފިޔާ ކަމުގައި ކަނޑައަޅައިފީމެވެ،"
ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ އެއް އަހަރުވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނެރުމަށް ޒަކާތު ހައުސްއިން ވަނީ ނަސޭހަތްތެރިވެފަ އެވެ.
މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
ފައިސާއިން ޒަކާތް ދައްކާ ނަމަ، ފައިސާ އަގު ކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ. ރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރިހީގެ ނިސާބުންނެވެ. އަހަރުގެ އެކި ދުވަސްވަރު ނިސާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ އެކު ތަފާތުވެ އެވެ.