މިސްކިތްތަކުގައި ފަންޑު ފޮށި ބެހެއްޓުމާ ގުޅޭ ގަވާއިދެއް އެކުލަވާލަނީ
މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދުމަށް އެދެމުންދާތީ ކަމާ ގުޅޭ ގަވާއިދެއް އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މިސްކިތެއްގައި ފަންޑު ފޮއްޓެއް ބަހައްޓަން ބޭނުން ވެއްޖެ ނަމަ، އަމަލު ކުރާނެ ހާއްސަ އުސޫލެއް މިހާރަކު ނޯވެ އެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީގައި އެކަމަށް ލިޔުމަކުން އެދެން ޖެހެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވީ މިސްކިތްތަކުގައި ފަންޑު ފޮށި ބެހެއްޓުމުގެ ކަންކަން ރެގިއުލޭޓް ކުރާނެ ގަވާއިދެއް އެކުލަވާލަން ނިންމީ ޖަމިއްޔާތަކުން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދުން ގިނަވަމުން އަންނާތީ ކަމަށެވެ.
"މިގޮތަށް ހުއްދަ ދެވޭނީ ހޯދާ ފައިސާ ހަރަދުކުރާނެ ގޮތުގެ ތަފްސީލު ހުށަހެޅުމުން. އަދި ހުއްދަ ތަކުރާރު ކުރެވޭނީ ހަރަދުކުރި ގޮތުގެ ތަފްސީލާއި އޮޑިޓް ރިޕޯޓް ހުށަހެޅުމުން ކަމުގައި ވެސް އުސޫލުގައި ބަޔާން ވާނެ،" ޝަހީމް ވިދާޅުވި އެވެ.
އުސޫލު އެކުލަވާލާނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި މިކަމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމުގައި ވެސް ފާހަގަކުރެއްވި އެވެ.
ފަންޑު ފޮށި ބަހައްޓަން ހުއްދައަށް އެދެން އޮންނަ ނަމަވެސް ހުއްދަ ހޯދުމަކާ ނުލައި ބައެއް ފަރާތްތަކުން މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓަ އެވެ.
އެކި ކަންކަމާ ގުޅުވައި ބައެއް މިސްކިތްތަކުގައި ބެހެއްޓި ބައެއް ފަންޑު ފޮށިތައް ގެއްލުންދިނުމާ އަދި ވަގަށް ނެގުމުގެ މައްސަލަތައް ވެސް ފެންމަތިވެފައިވެ އެވެ.